މާފުށީ ޕްރިޒަން ރަމަޟާން ފުޓްސަލް ކަޕްގައި ރޭގެ ފުރަތަމަ މެޗްގައި ޕެންތަރ އެފްސީ އާއި ވާދަކޮށް އެފްސީ ރެކަން 2-3 ން މޮޅުވެއްޖެއެވެ. އަދި ދެވަނަ މެޗް އޮސްކާ އާއި ޔުނިޓް މެނޭޖްމަންޓް ބައްދަލުކުރި މެޗް 4-4 ން ވަނީ އެއްވަރު ވެފައެވެ.
ޕެންތަރ އެފްސީގެ ކޯޗް މުޙައްމަދު ނާޒިމް ވިދާޅުވީ ރޭގެ މެޗާއިދޭތެރޭ ހިތްހަމަ ނުޖެހޭ ކަމަށާއި ޕްރެކްޓިސްގައި މިއަށްވުރެން މޮޅު ކުޅުމެއް ކުޅުންތެރިން ދެއްކިކަމަށެވެ. އަދި ނަތީޖާ ނެރުމަށް ކުޅުންތެރިން މަސައްކަތް ކުރިނަމަ ރަނގަޅު ނަތީޖާއެއް ލިބުނީސްކަމަށްވެސް ކޯޗް ފާހަގަ ކުރެއްވިއެވެ. ކޯޗް އިތުރަށް ވިދާޅުވީ ވަރަށް މުހިންމު ކުޅުންތެރިއެއް އެންޖަރީގައި ހުރުމުން އެތަނަށް އެހެން ކުޅުންތެރިއެއް ފިޓްކުރުމަށް ދަތިތަކެއް ހުރިކަމަށެވެ.
ރޭގެ ދެވަނަ މެޗުގައި ވަނީ ވަރަށް ފޯރިގަދަ އަވަސް ކުޅުމެއް ފެނިގެން ގޮސްފައެވެ.
ރޭގެ ފުރަތަމަ މެޗްގެ މޮޅުކުޅުންތެރިއަކަށް އެފްސީ ރެކަންގެ ޖާޒީނަންބަރ 27 އަމްޖަދު އަލީ ހޮވިފައިވާއިރު، ދެވަނަ މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޔުނިޓް މެނޭޖްމަންޓްގެ ޖާޒީނަންބަރ 12 އަބްދުއްރަހީމް މުޙައްމަދެވެ.
މި މުބާރާތުގެ ކުޅުން މިރޭވެސް އޮންނާނެއެވެ. ފުރަތަމަ މެޗްގައި ބައްދަލުކުރާނީ ޕެންތަރ އެފްސީ އާއި ޔުނިޓް މެނޭޖްމަންޓް ސީނިއާއެވެ. އަދި ދެވަނަ މެޗް ގައި ބައްދަލުކުރާނީ އޮފެންޑަރ ސްޕޯރޓްސް އާއި އައިވަރީ އެވެ.