ގައިދީންނާއި ކުށުގެ ތުހުމަތުގައި ހައްރުކުރެވޭ މީހުންނަށް ލިބިދޭންޖެހޭ އަސާސީ ހިދުމަތްތަކާއި އިނާޔަތްތަކާބެހޭ ގަވާއިދަށް އަމަލުކުރަން ފަށައިފި

ގައިދީންނާއި، ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންނާއި، ކޯޓް އަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަންޖެހޭ މީހުންނަށް ލިބިދޭންޖެހޭ އަސާސީ ހިދުމަތްތަކާއި އިނާޔަތްތަކާބެހޭ ގަވާއިދަށް 18 މޭ 2016 އިން ފެށިގެން އަމަލުކުރަން ފަށައިފިއެވެ.

މި ގަވާއިދަކީ ގާނޫނު ނަންބަރު 2013/14 (ދިވެހި ރާއްޖޭގެ ޖަލުތަކާއި ޕެރޯލް ގާނޫނު) ގެ 144 ވަނަ މާއްދާގެ (ށ)ގެ (9) ވަނަ ނަންބަރުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދެކެވެ.

މި ގަވާއިދުގެ މަގްސަދަކީ ޖަލުގައި ބަންދުކުރެވޭ މީހުންނަށް ފޯރުކޮށްދޭންޖެހޭ އެންމެހައި އަސާސީ ހިދުމަތްތަކާއި، އިނާޔަތްތައް ކަނޑައެޅުމާއި އެ ހިދުމަތްތައް ފޯރުކޮށްދިނުމުގައި އަމަލުކުރާނެ އުސޫލުތައް އަންގައިދިނުމެވެ.

މިގޮތުން އަސާސީ ހިދުމަތްތަކުގެ ތެރޭގައި ކެއިންބުއިމުގެ އިންތިޒާމާއި، ނަމާދުކޮށް ޤުރުއާން ކިޔަވާ ރޯދަ ހިފުމުގެ އިންތިޒާމާއި، ފެންވަރާ ސާފު ތާހިރުވުމާއި ފާހާނާކުރުމުގެ އިންތިޒާމްގެ އިތުރުން ނިދުމާއި ނިދަން ބޭނުންވާ ތަކެތީގެ އިންތިޒާމާއި ބޭސް ފަރުވާގެ އިންތިޒާމް ފަދަ ކަންތައް ހިމެނެއެވެ. އަދި މީގެ އިތުރުން މުޖްތަމައުއަށް އަނބުރާ ގެނައުމަށްޓަކައި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިންތިޒާމާއި އާއިލާއާ މުއާމަލާތްކޮށް ބައްދަލުކުރުމުގެ އިންތިޒާމްވެސް ހިމެނެއެވެ. އަދި ގައިދީން ޕްރިޒަންސް އޮފިސަރުންގެ ބެލުމުގެ ދަށުން ކަނޑައެޅިފައިވާ އުޖޫރައެއްގެ ދަށުން މަސައްކަތްކުރުމުގެ ފުރުސަތުގެ އިންތިޒާމް ހަމަޖައްސަދިނުންވެސް މި ގަވާއިދުގައިވެއެވެ.