މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މަސައްކަތްތަކަށް ހުރިހާ ރައްޔިތުންވެސް މަރުހަބާ ދަންނަވަން ޖެހޭކަމަށް ކުޑަހުވަދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރު އޮނަރަބަލް އަޙްމަދު އާމިރު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން އިއްޔެ މާފުށި ޖަލުގައި ހަތަރު ކޯހަކުން ފާސްވި ގައިދީންނަށް ސެޓްފިކެޓް ދިނުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ޢިއްޒަތްތެރި މެމްބަރު އޮނަރަބަލް އަޙްމަދު އާމިރު އިތުރަށް ވިދާޅުވީ ކުށެއް ކުރެވުނީމާ އެ ކުށަކުން ސަލާމަތްވުމަށްޓަކައި މި ފަދަ ފުރުސަތުތަކެއް ތަނަވަސް ވެގެން ދިއުމަކީ، އަދި ޖަލުތަކުގައި ހޭދުކުރާ ދުވަސްތަކަކީ ބޭނުންކުރެވޭ ދުވަސް ތަކަކަށް ވެގެން ދިއުމަކީ، ހަމަ ގައިމުވެސް ދެކެން ބޭނުންވާކަމެއްކަމަށެވެ. އަދި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒްއާ ބެހޭގޮތުން އެ މަނިކުފާނު ވިދާޅުވީ “އަޅުގަނޑުމެންނަށް މި ފެންނަނީ މިދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި އިންސްޓިޓިއުޓްއެއް އުފައްދާ އެ އިންސްޓިޓިއުޓްގެ ދަށުން ޖަލުތަކަށް ކުށްވެރިންގެ ގޮތުގައި އަންނަ ބޭފުޅުންނަށް އެ ބޭފުޅުން ބޭނުންވާ އިލްމު އުގެނުމުގެ ފުރުސަތު އޮތް ތަނެއްގެ ގޮތުގައި ވެގެން ދިޔަ ތަން.” ކަމަށާއި އަދި މިކަމަށްޓަކައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އަށް މަރުހަބާ ހައްގުކަމަށެވެ.