މެލޭޝިޔާގެ ކޮމިޝަނަރ ޖެނެރަލް އޮފް ޕްރިޒަން ދާތުކް ވީރާ ހާޖީ ޒުލްކިފްލި ބިން އޮމަރް މިއަދު މިނިސްޓަރ އޮފް ހޯމް އެފެއަރޒް އޮނަރަބަލް އުމަރު ނަޞީރުއާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުން އޮތީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒްގައިއެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ޖަލު ބެލެހެއްޓުމުގެ ނިޒާމް ކުރިއަށްގެންދާ ގޮތާއި ހުރި ގޮންޖެހުންތަކާއި ބެހޭގޮތުން މަޝްވަރާކުރެވުނެވެ. އަދި ދެ ގައުމުން ވެސް ކަންތައްތަކަށް އެއްބާރުން ދިނުމާއި ބެހޭގޮތުންވެސް ވަނީ މަޝްވަރާކުރެވުނެވެ.
މެލޭޝިޔާގެ ކޮމިޝަނަރ ޖެނެރަލް އޮފް ޕްރިޒަންގެ އިތުރުން މި ބައްދަލުކުރެއްވުމުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޝިހާންއާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ހަސަން ޒިލާލް ބައިވެރިވެވަޑައިގެންނެވިއެވެ.
މެލޭޝިޔާގެ ކޮމިޝަނަރ ޖެނެރަލް އޮފް ޕްރިޒަން ރާއްޖެ ވަޑައިގެން އުޅުއްވަނީ ދެ ދުވަހުގެ ދަތުރުފުޅެއްގައެވެ.
މެލޭޝިޔާ ޕްރިޒަން ޑިޕަރޓްމަންޓްއަކީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާ ދޭތެރޭ ގާތްގުޅުމެއް ބާއްވާ އަދި “މެލޭޝިއަން ޓެކްނިކަލް ކޯޕަރޭޝަން ޕްރޮގްރާމް” (އެމް.ޓީ.ސީ.ޕީ) ގެ ދަށުން ޕްރިޒަން އޮފިސަރުން ތަމްރީންކުރުމަށް ގިނަ އަދަދެއްގެ އެހީތެރިކަން ފޯރުކޮށްދޭ މުއައްސަސާއެކެވެ.