މަސްތުވާތަކެތީގެ މައްސަލަތަކުގައި ދަޢުވާކުރުމާއި ދަޢުވާކުރިއަށް ގެންދިޔުމުގައި ދިމާވާ ބައެއް މައްސަލަތަކާ ގުޅޭގޮތުން ގުޅުންހުރި މުއައްސަސާތަކާއެކު ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު ބިޝާމް އިއްޔެ ބޭއްވި ބައްދަލުވުމުގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ބައިވެރިވެއްޖެއެވެ.
މި ބައްދަލުވުން އޮތީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައެވެ. މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވީ ކޮމިޝަނަރ އޮފް ޕްރިޒަންސް މުހައްމަދު ހުޝާމް އެވެ.
މިބައްދަލުވުމުގައި މަޝްވަރާ ކުރެވުނީ އެކެއްގެ މައްޗަށް ހުށަހެޅޭ މަސްތުވާތަކެތީގެ އެއް މައްސަލައަށްވުރެ ގިނަ މައްސަލަތަކުގައި މިހާރު ޢަމަލުކުރާ އުޞޫލުގެ ސަބަބުން ދިމާވާ މައްސަލަތަކާ ގުޅޭގޮތުންނާއި، މަސްތުވާތަކެތި ބޭނުންކުރާކަމަށް އިޢުތިރާފްވާ ފަރާތްތަކުގެ ޑްރަގް ކޯޓަށް ހުށަހަޅާ މައްސަލަތަކުގައި، ނޭޝަނަލް ޑްރަގް އެޖެންސީގެ ފަރާތުން ހަދާ އިންޑިކޭޓިވް އެސެސްމަންޓުން ފަރުވާ ދެވެންނެތްކަމަށް ކަނޑައަޅާ ފަރާތްތަކުގެ މައްސަލަތައް ޑްރަގް ކޯޓުން ޖިނާއީ މައްސަލަތައް ބެލުމުގެ އިޙްތިޞާޞްލިބޭ އެހެން ކޯޓުތަކަށް ތަޙުވީލުކުރެއްވުމުގައި، ޑްރަގް ކޯޓުން އެހެން ކޯޓުތަކަށް ސީދާ ތަޙުވީލްކުރެއްވުމުގެ ބަދަލުގައި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އެދަޢުވާތަކާމެދު ގޮތެއް ކަނޑައެޅުމުގެ ފުރުޞަތުލިބިދޭނެ ގޮތް ފަހިވާފަދަ އިޖުރާއަތެއް ތަޙްވީލުކުރުމުގެ ކުރިއަށް، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ލިބިދިނުމާގުޅޭގޮތުން މަޝްވަރާކުރެވުނެވެ. އަދި މަސްތުވާތަކެތީގެ ނުފޫޒުގައި ނުވަތަ ތާސީރުގައި ކުރާ ޖިނާއީ އެހެން ކުށްކުށުގެ މައްސަލަތައް މަސްތުވާތަކެތީގެ މައްސަލައާއެކު ކުރިއަށްގެންދިޔުމާ ގުޅޭގޮތުންނާއި، އަދި މިނޫންވެސް މަސްތުވާތަކެތީގެ މައްސަލަތައް ކުރިއަށްގެންދިޔުމުގައާއި، މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ފަރުވާދިނުމުގައާއި، އެފަރާތްތަކުގެ ޙުކުމް ތަންފީޛްކުރުމުގައިހުރި ގޮންޖެހުންތަކުގެ މައްޗަށް މަޝްވަރާކޮށްފައިވެއެވެ.
މިބައްދަލުވުމުގައި ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު ބިޝާމްގެ އިތުރުން ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލުންކަމުގައިވާ އަލްއުސްތާޛް މަޙްމޫދު ސަލީމް އާއި އަލްއުސްތާޛާ މަރްޔަމް ނިހާޔަތާއި، އެސިސްޓަންޓް ޕްރޮސިކިއުޓަރ ޖެނެރަލުންކަމުގައިވާ އަލްއުސްތާޛް ޙުސައިން ނާޝިދު އާއި އަލްއުސްތާޛާ ޢާއިޝަތު ފަޒްނާ އަޙްމަދު ބައިވެރިވެޑައިގެންނެވިއެވެ. އަދި ޝަރުޢީ ދާއިރާއިންނާއި ގާނޫނު ތަންފީޒުކުރާ މުއައްސަސާތަކުން ވަނީ މި ބައްދަލުވުމުގައި ބައިވެރިވެޑައިގެންފައެވެ.