އައްސޭރި ޖަލުގައި ހުންނަ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓް ބަންދުކުރުމަށް ނިންމުމާއި ގުޅިގެން އެ ޔުނިޓްގައި ތިބި ގައިދީން ވަގުތީގޮތުން ގޭ ބަންދަށް ބަދަލުކޮށްފިއެވެ.
އައްސޭރި ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓްގައި ތިބި ގައިދީން ބަދަލުކޮށްފައިވަނީ 04 އޭޕްރިލް 2016 ގެ ރޭގައެވެ.
30 ދުވަހުގެ ތެރޭގައި ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓަށް ބޭނުންވާ މަރާމާތުތަށް ކުރުމަށްފަހު ގޭ ބަންދަށް ބަދަލުކުރި ގައިދީން އަނބުރާ އެ ޔުނިޓަށް ބަދަލުކުރެވޭނެކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ވަނީ މައުލޫމާތު ދެއްވާފައެވެ. މާފުށީ ޖަލުގައި ހުންނަ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓްވެސް މިވަތު މަރާމާތުކުރުމަށްޓަކައި ވަނީ ބަންދުކުރެވިފައެވެ.
މި ޔުނިޓް ބަންދުކުރުމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު ހުޝާމް އިއްޔެ ނިންމަވާފައިވަނީ އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސް މުޙައްމަދު އިބްރާހިމް އައްސޭރި ޖަލަށް ޒިޔާރަތްކުރައްވައި، ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓްގައި ބައެއް ކަންތައްތައް އިސްލާހުކުރުމަށް ފާހަގަކުރައްވާފައިވުމާއި ގުޅިގެން މިނިސްޓަރ އޮފް ހޯމް އެފެއަރޒް އޮނަރަބަލް އުމަރު ނަސީރުގެ ލަފާފުޅުގެ މަތިންނެވެ.
އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސް އަކީ ދިވެހި ރާއްޖޭގެ ޖަލުތަކާއި ޕޭރޯލް ޤާނޫނުގެ 9 ވަނަ މާއްދާގެ ދަށުން މިނިސްޓަރ އޮފް ހޯމް އެފެއަރޒް އައްޔަނުކުރައްވާފައިވާ ބޭފުޅެކެވެ. އަދި މި ޤާނޫނުގެ 10 ވަނަ މާއްދާގެ ދަށުން ޖަލުގެ ގޮތުގައި ކަނޑައަޅާފައިވާ ތަންތަން ބަލައި ފާސްކޮށް، އެ ތަންތަނުގައި ކަންތައް ހިނގަނީ އެ ޤާނޫނުގެ ދަށުން ހެދޭ ޤަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންތޯ ބަލައި، މި ޤާނޫނުގެ 11 ވަނަ މާއްދާގެ ދަށުން މިނިސްޓަރ އޮފް ހޯމް އެފެއަރޒްއަށް އިންސްޕެކްޓަރ ސީދާ ރިޕޯޓް ހުށަހަޅުއްވާނެއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އިސް ވެރިޔާގެ ގޮތުގައި ހުންނަވާ ކޮމިޝަނަރ އޮފް ޕްރިޒަންސް ޖަލުތަކާއި ޕޭރޯލް ޤާނޫނުގެ 24 ވަނަ މާއްދާގެ ދަށުން ރިޕޯޓްކުރައްވާނީ މިނިސްޓަރ އޮފް ހޯމް އެފެއަރޒްއަށެވެ. އަދި މި ޤާނޫނުގެ ދަށުން އެކުލަވާލާ އަދި ގެޒެޓްކުރެވިފައިވާ “ގައިދީންނާއި، ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންނާއި ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަންޖެހޭ މީހުންނާމެދު އަމަލުކުރަންވީގޮތުގެ ގަވާއިދު” ގެ 10 ވަނަ މާއްދާގެ (ހ) ބާބުގެ 1 ވަނަ ނުކުތާގައި ބަޔާންކުރެވިފައިވާގޮތުގައި ޖަލުގެ ޖާގައިގެ ދަތިކަން ހުރުމުން އެހެން ތަނަކަށް ގައިދީން ބަދަލުކުރެވިދާނެއެވެ. އަދި ގައިދީންނަށް ހިމާޔަތްދިނުމުގެ ގޮތުންވެސް އެހެން ތަނަކަށް ބަދަލުކުރެވިދާނެކަމުގައި އެ ޤަވާއިދުގެ 10 ވަނަ މާއްދާގެ (ހ) ބާބުގެ 2 ވަނަ ނުކުތާގައި ބަޔާންކުރެވިފައިވެއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން އަބަދުވެސް ގައިދީންނަށާއި މުޖްތަމައުއަށް ސަލާމަތްތެރިކަމާއި ރައްކާތެރިކަން ހުރި ވެއްޓެއް ގާއިމުކޮށް ދެމެހެއްޓުމަށް މަސައްކަތްކުރަމުންދެއެވެ.