ޕެރޯލް ޕްރޮގްރާމްއަކީ ކުށްކުރާ މީހުން މަދުކުރުމަށާއި ކުށްކުރާމީހުން އަލުން މުޖުތަމަޢަށް އަހުލުވެރިކުރުމުގެ މަޤްސަދުގައި ކުރިއަށް ގެންދެވޭ ޕްރޮގްރާމެކެވެ. ޕެރޯލް ފުރުޞަތު ދެވެނީ ވަކި ޝަރުޠުތަކެއް ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން ވަކި މިންގަޑުތަކަކަށް ފެތޭތޯ ބެލުމަށްފަހު، މުޖުތަމަޢުގައި އޭނާ ހުންނަ ދުވަސްތަކުގައި ވަކި ކަންތައްތަކެއް ފުރިހަމަކުރުމަށް ޝަރުތު ކުރެވިގެންނެވެ. މިގޮތަށް ޢަމަލުކުރެވެނީ މީހަކަށް ޙުކުމެއް ކުރެވެން މެދުވެރިވަނީ އެމީހެއްގެ ފަރާތުން ޖަމާޢަތުގެ ކޮންމެވެސް ޤަވާއިދަކާއި ޚިލާފްވެ ނުވަތަ އުޞޫލެއް މުގުރާލުމުން އެކަމުން އެމީހަކު ދުރުހެލި ކުރުވުމަށާއި އަދި އެފަދަ ޢަމަލުތަކުން މުޖުތަމަޢު ރައްކާތެރި ކުރުމަށް ކަމުގައިވާތީ، މުޖުތަމަޢަށް ބޭނުންތެރި ފަރުދުންގެ ގޮތުގައި އުޅެވިދާނެފަދަ ޙާލަތަކަށް އަނބުރާ އާދެވިފައި ތިބި މީހުންނަށް ބެލެހެއްޓެނިވި ގޮތެއްގެ މަތިން މުޖުތަމަޢަށް އަނބުރާ އައުމުގެ ފުރުޞަތު ދިނުމަށްކަމުގައިވާތީއެވެ. އަދި މީގެ އިތުރުން މުޖުތަމަޢުއިން އެކަހެރިކޮށް މީހަކު ބެހެއްޓުމަކީ އެމީހެއްގެ އިންސާނީ ހުނަރުތައް ގެއްލޭ ކަމަކަށްވެފައި އެމީހެއްގެ ޙުކުމް ނިމި މުޖުތަމަޢަށް ފުރިހަމަ މިނިވަނެއްގެ ގޮތުގައި ނިކުތުމަށްޓަކައި ވީވަރަކުން އެހީތެރިކަން ފޯރުކޯށްދިނުމަށެވެ.
ދިވެހިރާއްޖޭގައި ޕެރޯލް ޕްރޮގްރާމެއް އެންމެ ފުރަތަމަ ފަށާފައިވަނީ 2000 ވަ އަހަރުގެ ތެރޭގައެވެ. މި ގޮތުން ދިވެހިރާއްޖެގައި އެންމެ ފުރަތަމަ ޕެރޯލް ޕްރޮގުރާމެއް ގޮތުގައި ހިންގުނީ ޕައިލެޓް ޕްރޮގުރާމެވެ. މި ޕްރޮގުރާމްގައި އެންމެ ފުރަތަމަ ދޫކުރެވުނީ 19 ޤައިދީންނެވެ. މީގެ ތެރެއިން 02 ޤައިދީން މި ޕްރޮގްރާމްގެ ޝަރުތުތަކާއި ޙިލާފްވެ ފެއިލްވެގެން އަނބުރާ ޖަލަށް ގެންގޮސްފާއިވާއިރު 14 މީހުން ކާމިޔާބު ކަމާއެކު ޕްރޮގުރާމް ނިންމާ ރައީސުލް ޖުމްޙުރިއްޔާ ވަނީ މާފް ދެއްވާފައެވެ. އަދި 03 ޤައިދީއެއްގެ ޙުކުމް މުއްދަތު ހަމަވުމާއި ގުޅިގެންވަނީ މިނިވަން ކުރެވިފައެވެ. މި ޕުރަގްރާމް އަކީ ކާމިޔާބު ޕްރޮގުރާމެއް ކަމުގައި ވުމުން 18 އޯގަސްޓް 2003 ގައި ދިވެހިރާއްޖެގައި އަލަށް ޕެރޯލް ބޯޑެއް އުފެއްދުނެވެ. އަދި މިބޯޑުން ތައްޔާރުކުރެއްވި އުޞޫލުތަކެއްގެ މައްޗަށް ބިނާކޮށް މި ޕްރޮގްރާމް ފަށްޓަވާފައިވެއެވެ.
އޭގެފަހުން ޕެރޯލް ޤަވާއިދެއް ފުރަތަމަ އެކުލަވާލައްވާފައިވަނީ 2005 ވަނަ އަހަރުގައެވެ. އަދި އޭގެ ފަހުން މިޤަވާއިދު، ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދު ކޮމިޓީއިން 24 ފެބްރުއަރީ 2009 ގައި އިޞްލާޙްކުރައްވާފައިވެއެވެ. އެޤަވާއިދަކީ ޤާނުނު ނަންބަރ 6/2008 ”އާންމު ޤަވާއިދުތަކާއި ބެހޭ ޤާނޫނު” ގެ ތެރޭގައި ހިމެނޭ ޤަވާއިދެކެވެ.
23 ޑިސެމްބަރ 2013 ގައި ޤާނޫނު ނަންބަރ 14/2013 “ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލް ޤާނޫނު” ތަސްދީޤް ކުރެވިފައެވެ. މިޤާނޫނު ތަސްދީޤް ކުރުމާއެކު އޭރު އަމަލުކުރަމުންދިޔަ ޤަވާއިދު ވަނީ އުވިފައެވެ، އަދި އޭރު މަސައްކަތްކުރައްވަމުން ދިޔަ ބޯޑު ވެސް ވަނީ އުވާލެވިފައެވެ.
ރައީސުލް ޖުމްހޫރިއްޔާ އަލުން ޕެރޯލް ބޯޑު އެކުލަވާލައްވާފައިވަނީ 26 ފެބްރުއަރީ 2014 ގައެވެ. އަދި ޤާނޫނާއި އެއްގޮތަށް މިބޯޑުގައި ތަފާތު އެކި ދާއިރާތައް ތަމްޞީލް ކުރައްވާ މެމްބަރުން ހިމެނިވަޑައިގަންނަވައެވެ. އޭގެ ތެރޭގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިސް އޮފިސަރަކާއި، މެޑިކަލް ޑޮކްޓަރަކާއި، އޭ.ޖީ.އޮފީހުގެ ޤާނޫނީ ވަކީލަކާއި، އެޑިއުކޭޝަން މިނިސްޓްރީގެ އިސް މުވައްޒަފަކާއި، މިނިސްޓްރީ އޮފް ހެލްތްގެ އިސް މުވައްޒަފަކާއި، ނަފްސާނީ ބަލިތަކަށް ބޭސްކުރައްވާ ޑޮކްޓަރަކާއި، އަމިއްލަ ޖަމިއްޔާއެއްގެ މެމްބަރަކާއި، އިސްލާމިކް މިނިސްޓްރީއިން ކަނޑައަޅުއްވާ ދީނީ އިލްމުވެރިއަކާއި، އަދި މޯލްޑިސް ކަރެކްޝަނަލް ސަރވިސްގެ ކޮމިޝަން އޮފިސަރެއް ހިމެނެއެވެ.
ޕެރޯލް ބޯޑުން އައު ޕެރޯލް ޤަވާއިދު އެކުލަވާލައްވާ ކަމާ ގުޅޭ އިދާރާތަކުން ފާސްކުރެއްވުމަށްފަހު 07 އޯގަސްޓް 2014 ގައި ޕެރޯލް ޤަވާއިދު ވަނީ ގެޒެޓް ކުރެވިފައެވެ. ޕެރޯލް ޤަވާޢިދު ގެޒެޓްކުރުމާއި ގުޅިގެން ޕެރޯލް ފުރުޞަތަށް އެދި ފޯމް ހުށަހެޅުން ވަނީ ހުޅުވާލެވިފައެވެ. މި ގޮތުން 2014 ވަނަ އަހަރު 415 މީހުން ޕެރޯލް ފުރުޞަތަށް އެދި ފޯމް ހުށަހަޅާފައިވެއެވެ. ޕެރޯލް ފުރުޞަތަށް އެދި ހުށަހަޅާފައިވާ މީހުންގެ ތެރެއިން 340 މީހުން ޕެރޯލް ޝަރުޠު ހަމަވެފައިވާއިރު 75 މީހުން ޕެރޯލް ޝަރުތު ޙަމަވެފައި ނުވެއެވެ. އަދި 2014 ވަނަ އަހަރު 01 ފަރާތެއް މައްސަލަ ޕެރޯލް ބޯޑަށް ހުށަހެޅި ޕެރޯލް ޕްރަގްރާމްގެ ދަށުން މުޖްތަމަޢުއަށް ދޫކުރެވިފައިވެއެވެ.
2015 ވަނަ އަހަރަކީ ޕެރޯލް ނިޒާމް އިތުރަށް ޙަރުދަނާވެ ޕެރޯލް ޕްރޮގްރާމް ހަލުވި ކަމާއެކު ކުރިޔަށްގެންދެވުނު އަހަރެކެވެ. މި ގޮތުން ޖަލުގައި ޙުކުމްތަންފީޛް ކުރަމުންދާ ޤައިދީންގެ ތެރެއިން ޕެރޯލް ޝަރުތު ފުރިހަމަވެ، ޖަލުގައި އުޅުމާއި އަޙްލާޤް ރަނގަޅު ޤައިދީންނަށް ޕެރޯލް ފުރުޞަތު ދިނުމުގެގޮތުން ގިނަ މަސައްކަތްތަކެއް ވަނީ ކުރެވިފައެވެ. މިގޮތުން 2015 ވަނަ އަހަރު ޕެރޯލް ބޯޑުގެ 48 ބައްދަލުވުމެއް ބޭއްވި 129 ޤައިދީންގެ މައްސަލަ ޕެރޯލް ބޯޑައް ހުށަހެޅިފައިވެއެވެ. މީގެ ތެރެއިން ޕެރޯލް ބޯޑުން 77 ޤައިދީ އަށް ޕެރޯލްގެ ފުރުޞަތު ދޭން ނިންމާ އެފަރާތްތަށް ޕެރޯލްގެ ދަށުން މުޖްތަމަޢުއަށް ދޫކުރެވުނެވެ. އަދި އެކިކަހަލަ ސަބަބުތަކާއި ހެދި 01 ޤައިދީ އަކަށް ޕެރޯލް ބޯޑުން ވަކިގޮތެއް ނިންމާފައި ނުވާއިރު 51 ޤައިދީންނަށް ޕެރޯލް ފުރުޞަތު ދޭން ނުފެންނަކަމަށް ޕެރޯލް ބޯޑުން ނިންމިއެވެ. ޕެރޯލްގެ ދަށުން ދޫކުރެވުނު ފަރާތްތަކުގެ ތެރެއިން ޕެރޯލްގެ ޝަރުތުތަކާއި ޙިލާފްވެގެން 22 ޤައިދީންގެ ޕެރޯލް ފުރުޞަތު ވަނީ ބާތިލް ކުރެވިފައެވެ. އަދި 2015 ވަނަ އަހަރު ޕެރޯލް ފުރުޞަތުގައި ދޫކުރެވުނު އިރު ކުރެވުނު ޝަރުތުތަކާއި އެތްގޮތައް ޕެރޯލްގެ މުއްދަތު ކާމިޔާބު ކަމާއިއެކު ފުރިހަމަކޮށްފައިވާތީ 05 ޤައިދީއެއް ވަނީ ޕެރޯލް ބޯޑުން މިނިވަންކޮށްފައެވެ. އަދި ޕެރޯލްގެ ދަށުން ދޫކޮށްލައިފައިވަނިކޮށް ރައީސުލް ޖުމްހޫރިއްޔާ 04 ޤައިދީއަކަށް ވަނީ މާފް ދެއްވާފައެވެ. ޕެރޯލް ޕްރޮގުރާމްގެ ދަށުން މުޖްތަމަޢު ދޫކޮށްފައިވަނިކޮށް 01 ޤައިދީއަކު ވަނީ ނިޔާވެފައެވެ. އަދި 2013 ގައި ޕެރޯލް ޕްރޮގުރާމްގެ ދަށުން މުޖްތަމަޢުއަށް ދޫކޮށްލެވުނު 01 ޤައިދީ އަކާއި 2014 ވަނަ އަހަރު ޕެރޯލް ޕްރޮގްރާމްގައި މުޖްތަމަޢުއަށް ދޫކުރެވުނު 01 ޤައިދީންނާއި އެކު 2015 ވަނަ އަހަރު ނިމިގެން ދިޔައިރު ޕެރޯލް ފުރުޞަތުގެ ދަށުން 47 ޤައިދީން މުޖްތަމަޢުއަށް ދޫކޮށް ލެވިފައިވެއެވެ.
ޕެރޯލް ޕްރޮގުރާމް އަކީ ކާމިޔާބު ޕްރޮގުރާމަކަށް ހެދުމުގެ ގޮތުން މޯލްޑިވް ޕޮލިސް ސާރވިސް އާއި ޕްރަސެކިޔުޓާރ ޖެނަރަލް އޮފީހާއި މޯލްޑިވް ކަރެކްޝަނަލް ސާރވިސްގެ ޕެރޯލް އޮފީހުން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. މިގޮތުން މިއަހަރު 2016 ގައި 300 ޤައިދީން ޕެރޯލް ފުރުޞަތުގެ ދަށުން މުޖްތަމަޢުއަށް ނެރުމަށްޓަކައި ދަނީ މަސައްކަތް ކުރަމުންނެވެ.