މާފުށީ ޖަލުގެ ލެކްޗަރ ހޯލްގައި ކުރިއަށް ގެންދިޔަ “ބަޖެޓް އެވެއަރނަސް ސެމިނަރ 2015″ ނިމިއްޖެއެވެ.
މި ސެމިނަރގައި ކުރިއަށް ގެންދެވުނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް 2015 ވަނަ އަހަރު ލިބުނު ބަޖެޓްގައި ހިމަނާފައި ހުރި ކަންތައްތަކާ ބެހޭ މަޢުލޫމާތު ދިނުމާއި، މާލިއްޔަތު ޤާނޫނާއި ޤަވާޢިދާ އެއްގޮތަށް ޚަރަދު ކުރާނެ ގޮތްތައް ދަސްކޮށްދިނުމާއެކު، ބަޖެޓްގެ މަސައްކަތްތަކަށް މުވައްޒަފުން އަހުލުވެރި ކުރުވުމެވެ.
މި ސެމިނަރ ފެށިގެންދިޔައީ ކީރިތި ޤުރުއާނުގެ ބަރަކާތުންނެވެ.
މި ސެމިނަރ ގައި އެންމެ ފުރަތަމަ ހުށަހަޅައިދިނީ ބަޖެޓް ސެކްޝަންގެ ފަރާތުން ތައްޔާރުކޮށްފައިވާ ޕްރެޒެންޓޭޝަނެވެ. މި ޕްރެޒެންޓޭޝަންގައި އެކި ކަންކަމަށް ޚަރަދު ކުރުމަށް މިއަހަރަށް ލިބުނު ފައިސާގެ އަދަދުތަކާއި ޖަލުތަކުގައި ހިންގުމަށް ހަމަޖައްސާފައިވާ އެކިއެކި ޕްރޮޖެކްޓްތަކަށް ލިބިފައިވާ ފައިސާގެ ތަފްޞީލްތަކާއި، ޚަރަދުކުރެވޭނެ ގޮތްތައް ބަޔާންކޮށްފައިވެއެވެ.
ދެން ހުށަހަޅައިދިނީ މާލޭ ޖަލާއި އައްސޭރި ޖަލު އަދި ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގެ ފަރާތުން ތައްޔާރުކޮށްފައިވާ ޕްރެޒެންޓޭޝަނެވެ. މި ތިން ޕްރެޒެންޓޭޝަންގައިވެސް އެ ތިން ޖަލުން މިހާރު ކުރިއަށް ގެންދާ ޕްރޮޖެކްޓްތަކާއި އެ ޕްރޮޖެކްޓްތައް މިހާރު ނިމިފައިވާ މިންވަރާއި މިއަހަރުގެ ތެރޭގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކުގެ މަޢުލޫމާތު ދިނެވެ.
މެންދުރުގެ ހުސްވަގުތުކޮޅުގެ ކުރިން އެންމެ ފަހުން ހުށަހަޅައިދިނީ އިމަޖެންސީ ސަޕޯރޓް ގްރޫޕްގެ ފަރާތުން ހުށަހަޅައިދިން ޕްރެޒެންޓޭޝަނެވެ. މި ޕްރެޒެންޓޭޝަންގައި އިމަޖެންސީ ސަޕޯރޓް ގްރޫޕަށް ބޭނުންވާ އިކްއިޕްމަންޓްތަކާއި ލެސް ލީތަލް ހަތިޔާރު ހޯދުމަށް ކުރަން ހުރި ކަންތައްތަކާއި އަދި އެތަކެތި މެއިންޓެއިން ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ބަޔާންކޮށްފައިވެއެވެ. އަދި ފަޔަރ ޝެޑްގެ މަސައްކަތް އިތުރަށް އަޕްގްރޭޑް ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކުގެ ތަފްޞީލް ބަޔާންކޮށްފައިވެއެވެ.
މެންދުރުގެ ހުސްވަގުތުކޮޅަށްފަހު އެންމެ ފުރަތަމަ ހުށަހަޅައިދިނީ ޕްރިޒަން އެކަޑަމީގެ ފަރާތުން ތައްޔާރުކޮށްފައިވާ ޕްރެޒެންޓޭޝަނެވެ. މި ޕްރެޒެންޓޭޝަންގައި މިހާރު ހިންގާފައިވާ ކޯސްތަކާއި، އެ ކޯސްތަށް ހިންގުމަށް ކޮށްފައިވާ ޚަރަދުގެ ތަފްޞީލާއި، ޕްރިޒަން އެކަޑަމީން މިއަހަރުގެ ތެރޭގައި އަލަށް ފެއްޓުމަށް ރާވާފައިވާ ކޯސްތަކާއި، އެ ކޯސްތައް ހިންގުމަށް ޚަރަދުވާނެކަމަށް ލަފާކުރާ ބަޖެޓްގެ ތަފްޞީލް ވަނީ ބަޔާންކޮށްފައެވެ.
އެއަށްފަހު ހުށަހަޅައިދިނީ ރިހެބިލިޓޭޝަންގެ ފަރާތުން ހުށަހަޅައިދިން ޕްރެޒެންޓޭޝަނެވެ. މި ޕްރެޒެންޓޭޝަންގައި 2015 ވަނަ އަހަރުގެ ފުރަތަމަ 6 މަސްދުވަހަށް ޖަލުތަކުގައި ހިންގުމަށް ރާވާފައިވާ ޕްރޮގްރާމްތަކާއި، އެކޯސްތަކަށް ހިނގާނެކަމަށް ލަފާކޮށްފައުވާ ޚަރަދުގެ ތަފްޞީލް ބަޔާންކޮށްފައިވެއެވެ.
މާފުށީ ޖަލުގެ ޕްރެޒެންޓޭޝަންގައި މިއަހަރު ހިންގުމަށް ރާވާފައިވާ ޕްރޮޖެކްޓްތަކުގެ ތެރޭގައި ޔުނިޓް އޮފީސްތައް އެޅުމާއި، ޔުނިޓް އޮފީސްތައް ނެޓްވޯކުން ގުޅާލުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، ފޯން ބޫތު ސިސްޓަމް ތަޢާރަފްކޮށް ޤައިދީންނަށް ފޯންކޯލް ދިނުމަށް މަސައްކަތް ކުރުމާއި، ޔުނިޓްތަކާއި ކޮމިއުނިކޭޓް ކުރުމަށްޓަކައި ސައުންޑް ނެޓްވޯކް އެޅުމާއި، ބައެއް ޔުނިޓް ތަކުގެ ގެ ސެކިއުރިޓީ ކޮރިޑޯ (ވޯކްވޭ) ގައި ޖަހާފައިވާ މެޝް ދާތައް ބަދަލުކުރުމާއި، ސްޕެޝަލް ހޭންޑްލިން ޔުނިޓެއް އެޅުމާއި ބައެއް ޔުނިޓްތަކަށް ބޭނުންވާ އެނދާއި ކަބަޑް ހޯދުމާއި، ޔުނިޓް ތަކުގައި ސީ.ސީ.ޓީ.ވީ ކެމެރާ ހަރުކުރުމަށް ކުރަންހުރި މަސައްކަތް ތަކުގެ އިތުރުން ޔުނިޓް ތަކުގައި ފަޔަރ ސިސްޓަމް އިންސްޓޯލްކުރުމާއި، އެކަހެރި ބައްދަލުކުރާނެ 2 ކޮޓަރި އިތުރު ކުރުމާއި، ޤައިދީންނަށް ކިޔަވައިދޭނެ ކްލާސް ރޫމް އިތުރުކުރުމަށް ހިމަނާފައިވެއެވެ. އަދި މީގެ އިތުރުން ޤައިދީންނަށް ތަފާތު އިވެންޓްތައް ބޭއްވުމަށްޓަކައި މަލްޓި ޕާޕަސް ހޯލެއް ހެދުމުގެ މަސައްކަތާއި، ޤައިދީންގެ ވޯކްޝޮޕް އަޕްގްރޭޑް ކުރުމާއި ބޭނުންވާ މެޝިނަރީޒްއާއި ޓޫލްސް ހޯދުމާއި، ލައިބްރަރީ އަޕްގްރޭޑް ކުރުމާއި ޤައިދީންގެ އަތުންނެގޭ ތަކެތި ރައްކާކުރާނެ ސްޓޯރ ރޫމެއް ހެދުމުގެ މަސައްކަތާއި، މެޑިކަލް ސެންޓަރ އަޕްގްރޭޑް ކުރުމާއި، އޮފީސް އިމާރާތް ޖަލުގެ ބައުންޑަރީ ތެރެއަށް ބަދަލުކުރުމާއި، ސްޓާފް އެކޮމޮޑޭޝަން ބްލޮކެއް އިމާރާތް ކުރުމަށާއި، ޖަލުގެ ބައުންޑަރީ ވޯލް ރޭނުމާއި، ޖަލުގެ އެކިކަންކަމުގައި ބޭނުންކުރުމަށް ވެހިކަލް ހޯދުން ހިމެނެއެވެ.
މިއިން ކޮންމެ ޕްރެޒެންޓޭޝަނެއް ހުށަހަޅާ ދިނުމަށްފަހު، އެ ޕްރެޒެންޓޭޝަނަކާ ގުޅޭ ގޮތުން ސުވާލުކޮށް މަޢުލޫމާތު ބަދަލުކުރެވިފައިވެއެވެ.
މި ސެމިނަރގައި ބައިވެރިވެފައިވަނީ މާފުށިޖަލާއި، މާލޭޖަލާއި، އައްސޭރި ޖަލުގެ އިތުރުން ހުޅުމާލޭ ޑިޓެންޝަން ސެންޓަރާއި، ހެޑްއޮފީހުގެ ރިހެބިލިޓޭޝަން ސެކްޝަނާއި، ޕްރޮކިއުމަންޓް ސެކްޝަނާއި، ބަޖެޓް ސެކްޝަން އަދި ޕްރިޒަން އެކަޑަމީއާއި، އިމަޖެންސީ ސަޕޯރޓް ގްރޫޕްގެ ފަރާތުންނެވެ.