މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމް.ސީ.އެސް) ގެ ޖަލުތަކުގެ ސެކިއުރިޓީ ފެންވަރު ރަނގަޅުކުރުމަށް މިދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުން ކަމުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު ހުޝާމް ވިދާޅުވެއްޖެއެވެ. ކޮމިޝަނަރ މިހެން ވިދާޅުވީ މިއަދު މިނިސްޓްރީ އޮފް ހޯމް އެފެއަރޒްގެ އެކިއެކި މުއައްސަސާތަކުން ކުރަމުންދާ މަސައްކަތްތައް މީޑިއާތައް މެދުވެރިކޮށް ރައްޔިތުންނަށް ހާމަކޮށްދިނުމަށް ވެލާނާގޭގައި ބޭއްވި ނިއުސްކޮންފަރެންސް ގައެވެ.
ކޮމިޝަނަރ އިތުރަށް ވިދާޅުވީ މިހާރު ޖަލުތަކުގެ ސެކިއުރިޓީ ފެންވަރު ރަނގަޅުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވެމުން އަންނަ ކަމަށާއި، އެމަސައްކަތްތައް ވަރަށް ހަލުވި ކަމާއިއެކު ކުރިއަށް ދާކަމުގެވެ. ޖަލުތަކުގެ ޑިއުޓީ ބަންކަރުތައް އިތުރަށް ފުރިހަމަ ކުރުމަށާއި ޖަލަށް ވަދެނިކުމެ ހަދާއިރު ރަނގަޅަށް ސާރޗް ކުރެވޭނެ ހަރުދަނާ ނިޒާމްތައް މިހާރު ޤާއިމް ކުރެވެމުން އަންނަކަމުގައެވެ. އެގޮތުން މާފުށި ޖަލުގައި އެންމެ ގިނަ ޤައިދީން ބަންދުކޮށްފައިވާ ޔުނިޓްކަމަށްވާ ޔުނިޓް-9 (ޕެންޓަގަން) ގެ ސެކިއުރިޓީ އިތުރަށް ވަރުގަދަކޮށް، ޖަލަށް ވެއްދުން މަނާ ތަކެތި އެތެރެކުރުން ހުއްޓުވުމުގެ ގޮތުން، އެތަނަށް ވަންނަ މައިގޭޓާ ދިމާއިން “ވޯކްތުރޫ މެޓަލް ޑިޓެކްޓަރ” ގޭޓެއް ބަހައްޓައި، އެޔުނިޓަށް ވައްދާ ނެރެހަދާ ކޮންމެ ޤައިދީއަކު ރަގަޅަށް ސާރޗް ކުރެވޭނޭ އިންތިޒާމް މިހާރު ހަމަޖެހިފައިވަނޭކަމަށް ކޮމިޝަނަރގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. އަދި ޕެރިމީޓާރ ޑިއުޓީތައް ކުރާއިރު ޑިއުޓީ ޕޮއިންޓް ތައް އިތުރުކޮށްފައި ވާނޭކަމަށާއި ޖަލުތަކުގެ އެތެރޭގެ ޑިއުޓީތައްވެސް ހަރުދަނާ ކުރެވިފައިވާނޭކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.
މިހާރު ޖަލުތަކުގެ ޖާގައިގެ ދަތިކަން ވަރަށް ބޮޑުކަމަށާއި، އިތުރަށް ޖާގަހޯދުމަށްޓަކައި ބަލިމީހުންނަށާއި މުސްކުޅިންނަށް ލުއިފަސޭހަ ކަމާއިއެކު އުޅެވޭނެ ލުއި ޖަލެއްގެ މަސައްކަތް ތިލަފުށީގައި މިހާރުވެސް ކުރަމުން އަންނަ ކަމުގައެވެ. އަދި އެ ލުއިޖަލުގެ މަސައްކަތް ނިމުމުން ބަލިމީހުންނަށާއި ޚާއްޞަ އެހީތެރިކަން ބޭނުން މީހުންނަށް އެޖަލުތަކުގައި ލުއިފަސޭހަ ކަމާއިއެކު އުޅެވޭނެ މަގު ފަހިވެގެން ދާނެކަމުގައި ކޮމިޝަނަރ ވިދާޅުވިއެވެ.
އަދި ޖަލުތަކުގައި ކުރެވެމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ކޮމިޝަނަރ ވިދާޅުވީ މިހާރުވެސް މާފުށީ ޖަލުގެ ވަށައިގެން ފާރު ރާނަމުން ގެންދާކަމަށާއި މި ފާރުގެ މަސައްކަތް ކުރުވަމުން ގެންދަނީ ޤައިދީން ލައްވައި ކަމުގައެވެ. އަދި މި މަސައްކަތުގައި 150 ގައިދީން ޙަރަކާތްތެރި ވަމުން އަންނަ ކަމުގައެވެ. އަދި ޤައިދީންނަށް އާމްދަނީ ހޯދޭނެފަދަ މަސައްކަތް ދަސްކޮށްދިނުމުގެ ގޮތުން ޑީ.ޕީ.އާރު.އެސް ކޯޕްރޭޓިވް ސޮސައިޓީ މެދުވެރިކޮށް ޕްރޮގްރާމްތަކެއް ހިންގަންފެށިފައި ވާކަމަށާއި، އޭގެތެރޭގައި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ ބެލުމުގެ ދަށުގައިވާ ކ. މަނިޔަފުށީގައި އިންޖީނު ގެއެއް އެޅުމުގެ މަސައްކަތް ގައިދީން ލައްވާ ކުރަމުން ގެންދާ ކަމަށާއި، އަދި މާފުށީގައި ހުންނަ ތަޢުލީމާއި މަސައްކަތް އުނގަންނައިދޭ ކުޑަކުދިންގެ މަރުކަޒުގެ އެކަމަޑޭޝަން ބްލޮކް މަރާމާތު ކުރުމުގެ މަސައްކަތާއި، އައްސޭރި ޖަލުގެ ފެންޕްލާންޓް ހައުސް އިމާރާތް ކުރުމުގެ މަސައްކަތް ޤައިދީންލައްވާ ކުރަމުން އަންނަ ކަމުގައެވެ.
މި މަސައްކަތް ޤައިދީން ލައްވައި ކުރުވަނީ އެމީހުންނަށް މުސާރަ ލިބޭގޮތަށްކަމުގައެވެ. އަދިވެސް ކުށްވެރިން ރިހެބިލިޓޭޓް ކުރުމަށް ވަރަށް ގިނަމަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށާއި އެމީހުންގެ ޢާއިލާތަކަށް އެކަމުގެ ސަބަބުން ފައިދާ ވަމުންދާނެކަމުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް ވިދާޅުވިއެވެ. އަދި މިފަދަ އިތުރު ޕްރޮގްރާމްތައް ކުރިއަށް ރޭވިފައިވާކަމަށްވެސް ކޮމިޝަނަރގެ ވާހަކަފުޅުގައި ވަނީ ވިދާޅުވެފައެވެ. މިގޮތުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމް.ސީ.އެސް) ގެ ސިޔާސަތުތަކުގެ ތެރެއިން މުހިންމު އެއް ސިޔާސަތު ކަމުގައި އެމަނިކުފާނު ވިދާޅުވެފައިވަނީ “ކުށްވެރިންނަށް މަސައްކަތްތައް ދަސްކޮށްދޭށޭ، އެމީހުންލައްވާ އެމަސައްކަތްތައް ކުރުވާށޭ އަދި އެމަސައްކަތްތަކުގެ ސަބަބުން ބަޖެޓަށް ލުއިކަން ހޯދާދޭށޭ” މިހެންނެވެ.