މާފުށީ ޖަލާއި އީ.އެސް.ޖީ ގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ޙަރަކާތްތަކުގެ ތެރެއިން “ތެލެސީމިއާ ސެންޓަރަށް” ލޭ ހަދިޔާކޮށްފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އާއި ތެލެސީމިޔާ ސެންޓަރު ގުޅިގެން މިއަދު  ހެނދުނު 10:00 ން ހަވީރު 17:30 ގެ ނިޔަލަށް މާފުށީ ޖަލުގައި ކުރިއަށް ގެންދިޔަ ލޭ ހަދިޔާ ކުރުމުގެ އިވެންޓުގައި މާފުށީ ޖަލާއި އިމަޖެންސީ ސަޕޯރޓް ގްރޫޕްގެ މުވައްޒަފުންގެ ތެރެއިން ދެ ޖިންސުގެ 80 މުވައްޒަފުންގެ ގައިންވަނީ ލޭ ހަދިޔާކޮށްފައެވެ.

މި ޙަރަކާތަކީ މާފުށީ ޖަލާއި އިމަޖެންސީ ސަޕޯރޓް ގްރޫޕްގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް ކުރިއަށްގެންދާ ޙަރަކާތް ތަކުގެތެރެއިން ކުރިއަށްގެންދިޔަ ޙަރަކާތެކެވެ.

މި ޙަރަކާތް ކުރިއަށް ގެންދިއުމަށްޓަކައި މިއަދު ތެލެސީމިއާ ސެންޓަރުގެ ޓީމެއްވަނީ މާފުށީ ޖަލަށް ޒިޔާރަތް ކޮށްފައެވެ.

މި ޙަރަކާތް ފެއްޓުމުގެ ގޮތުން ތެލެސީމިއާ ސެންޓަރުގެ ބޭފުޅުންވަނީ ލޭ ހަދިޔާ ކުރުމުގެ މުހިންމުކަމުގެ މައްޗަށާއި، ރާއްޖޭގައި ތެލެސީމިއަރ ކުދިންގެ ނިސްބަތް ހުރިމިންވަރުގެ މައްޗަށާއި އަދި ލޭ ހޯދުމަށް ކުރަންޖެހޭ ޚަރަދުގެ މައްޗަށް ވަރަށް ތަފްޞިލްކޮށް އަލިއަޅުވާލައި އެވެއާނަސް ޕްރޮގްރާމެއް ހިންގާފައެވެ.

ތެލެސީމިއަރ ސެންޓަރަށް ލޭ ހަދިޔާ ކުރަން ފެށުމުގެ ކުރިން ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް މުޙައްމަދު ޢާޞިފް ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މުވައްޒަފުންގެފަރާތުން ތެލެސީމިއާ ސެންޓަރަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށާއި އަދި ކުރިއަށް މިފަދަ ޙަރަކާތްތައް ހުރިކަމަށެވެ.

މާފުށީ ޖަލާއި އިމަޖެންސީ ސަޕޯރޓް ގްރޫޕްގެ އަހަރީ ދުވަހުގެ ޙަރަކާތްތައް އިންތިޒާމް ކުރާ ކޮމެޓީގެ ރައީސް ކޯޕްރަލް ޢަބްދުﷲ އަމީން މިރޭ ވިދާޅުވީ މި އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ތެލެސީމިއާ ކުދިންނަށް ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ހިންގަން ނިންމާފައިވާ ކަމަށެވެ. އަދި ތެލެސީމިއާ ކުދީންގެ އިތުރުން ވެސް ކުއްލި ހާލަތްތަކުގައި ލޭ ބޭނުންވާ މީހުންނަށް ލޭ ހޯދައި ދިނުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.