26 ޖެނުއަރީ 2015 ގައި “ކޯޓް އަމުރާއި ޚިލާފަށް ކަރެކްޝަނަލް ސަރވިސް އިން މީހަކު ހައްޔަރުކޮށްގެން ގެންގުޅެނީ” މި ސުރުޚީގެ ދަށުން ސަން އޮންލައިންގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އާއި ޙަވާލާދީ ޢާންމުކޮށްފައިވާ ޚަބަރާއިގުޅޭ ގޮތުން މިއަދު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ނޫސްބަޔާނެއް ނެރެފިއެވެ.
މި ނޫސްބަޔާނުގައި ކޯޓް އަމުރާ ޚިލާފަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން އެއްވެސް މީހަކު ބަންދުކޮށްފައި ނުވާނެކަމަށާއި އަދި މި ސަރވިސް އިން މީހުން ބަންދުކުރަނީ ކޯޓް އަމުރާއި އެއްގޮތަށް ކަމުގައި ބަޔާންކޮށްފައި ވެއެވެ.
އަދި މި މައްސަލައާއި ގުޅިގެން ސަން އޮންލައިންގެ ފަރާތުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގެ ބަހެއް ހޯދުމަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވާކަމަށްވެސް އެ ނޫސްބަޔާނުގައި ވެއެވެ.
“ސަން އޮންލައިން ގައި ޢާންމު ކޮށްފައިވާ ޚަބަރުގައި ޙަވާލާދީފައިވާ ފަރާތް ދޫކޮށްލުމަށް ކޯޓް އަމުރު މި ސަރވިސް އަށް ލިބުނުތާ، 1 (އެކެއް) ގަޑިއިރު ތެރޭގައި އެފަރާތް މި ސަރވިސް ގެ ބަންދުން ދޫކޮށްލެވިފައި ވާނެކަމަށާއި، މި ޚަބަރު ޝާއިޢު ކުރެވުނުއިރުވެސް މި ފަރާތް ވާނީ މި ސަރވިސް ގެ ބަންދުން ދޫކޮށްލެވިފައި ކަމުގައި ދަންނަވަމެވެ.” ނޫސްބަޔާނުގައި ވެއެވެ.
ސަން އޮންލައިންގައި މި ސަރވިސް އާއި ޙަވާލާދީ އެފަދަ ވާހަކައެއް ޢާންމު ކޮށްފައިވާތީ އެކަން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ވަރަށް ބޮޑަށް ކުށްވެރި ކުރާކަމަށް އެމް.ސީ.އެސް ގެ ނޫސްބަޔާނުގައި ވެއެވެ.
އަދި މި ބަޔާނުގައި މިފަދަ ޙާދިޘާ ތަކުގެ އަސްލު އޮޅޭގޮތަށާއި މުޖުތަމަޢުގެ ފަރުދުންގެ މެދުގައި ނުތަނަވަސްކަން އުފެދިދާނެ އެއްވެސް ގޮތަކަށް ޚަބަރު ފަތުރާ ވަސީލަތް ތަކުން ދޮގު މަޢުލޫމާތު ނުފެތުރުމަށާއި އަދި މިފަދަ އެއްވެސް ކަމެއްގައި މި ސަރވިސް އާއި ބެހޭގޮތުން ނުބައި ތަޞައްވުރެއް ދެވޭ އަދި ޙަޤީޤަތް އޮޅޭ ފަދަ އެއްވެސް ވާހަކައެއް އެއްވެސް ފަރާތަކުން ނުދެއްކުމަށް އިލްތިމާސް ކުރައްވާފައިވެއެވެ.