“ޖަލުގެ އަމާންކަން އަހަރެންގެ ބައިވެރިވުން” ގެ ނަމުގައި، މާފުށީ ޖަލުގެ ބައުންޑަރީ ވޯލް ގެ މަސައްކަތް އަވަސްކުރުމަށް މުވައްޒަފުން މަސައްކަތް ފަށައިފިއެވެ.
މާފުށީ ޖަލުގެ ބައުންޑަރީ ވޯލް ގައި މިހާރު ކުރެވެމުންދާ މަސައްކަތަކީ ކޯރު ނުކޮނެހުރި ދިމާތަކުގައި ކޯރު ކޮނުމުގެ މަސައްކަތެވެ. މިމަސައްކަތް ކުރިއަށްދަނީ މާފުށީ ޖަލުގެ އޮފިސަރުންނާއި އިމަޖެންސީ ސަޕޯރޓް ގްރޫޕް ގެ އޮފިސަރުންގެ އިތުރުން ޕްރިޒަން އެކަޑަމީގެ ވަރަށްބޮޑު އެހީތެރިކަމެއް ލިބިގެން ކަމަށް މާފުށީ ޖަލުގެ ޕްރޮގްރާމްސް ޑިޕާޓްމަންޓްގެ ހެޑް، ކޯޕްރަލް އަބްދުﷲ އަމީން މަޢުލޫމާތު ދެއްވައެވެ.
ކޯރު ކޮނުމުގެ މަސައްކަތް މި ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ނިންމާލުމަށް މަސައްކަތް ކުރައްވާނެކަމަށްވެސް ކޯޕްރަލް އަބްދުﷲ އަމީން ވަނީ ވިދާޅުވެފައެވެ. އަދި މި މަސައްކަތް ކަމިޔާބު މަސައްކަތަކަށް ހެދުމަށްޓަކައި ހުރިހާ މުވައްޒަފުންގެ ފަރާތުން ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށްޓަކައި ހުރިހާ މުވައްޒަފުންނަށް ކޯޕްރަލް އަމީން ވަނީ ޝުކުރު އަދާކުރައްވާފައެވެ.
މި ފާރަކީ 20 ފޫޓް އުސް އަދި 1.4 ކިލޯ މީޓަރ ދިގު ފާރެކެވެ. މި ފާރުގެ ބިންގާ އަޅާފައިވަނީ 2014 އޮކްޓޯބަރ 26 ވަނަ ދުވަހުއެވެ. މިނިސްޓަރ ޢުމަރު ނަސީރު ފައްޓަވައިދެއްވި މި މަސައްކަތް ކުރަމުންގެންދަނީ އެމް.ސީ.އެސް ގެ ބެލުމުގެ ދަށުން ޤައިދީން ބޭނުންކޮށްގެންނެވެ.
ބައުންޑަރީ ވޯލްގައި ހެދުމަށް ހަމަޖެހިފައިވާ ވޮޗް ޓަވަރުގެ ބިންގާ ޖެނުއަރީ މަހުގެ 29 ވަނަ ދުވަހު ވަނީ އަޅުއްވާ ދެއްވާފައެވެ. ވޮޗް ޓަވަރުގެ ބިންގާ އަޅުއްވާދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު ޙުޝާމް އެވެ.
މި ޕްރޮޖެކްޓްއަށް ބޭނުންވާ ސިމެންތިއާއި ހިލަ އަދި ހިލަވެލި ސަޕްލައިކޮށްދިނުމަށް އެއްބަސް ވެފައިވަނީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސް.ޓީ.އޯ) އެވެ.