“ޖަލުގެ އަމާންކަމަށް އަހަރެންގެ ބައިވެރިވުން” މި ޝިއާރުގެ ދަށުން މާފުށި ޖަލުގެ ބައުންޑަރީ ވޯލްގެ މަސައްކަތް އަވަސް ކުރުމަށް ހެޑް އޮފީހާއި ޖަލުތަކުގެ މުވައްޒަފުން އެހީތެރިވެ ޚާއްޞަ މަސައްކަތު ދުވަހެއްް ފާހަގަ ކޮށްފިއެވެ.
މިމަސައްކަތް ޖަލުތަކުގެ މުވައްޒަފުން ކުރަމުން ގެންދިޔައިރު އެކަމަށް ހިތްވަރު ދެއްވުމުގެ ގޮތުންނާއި ފާރުގެ މަސައްކަތް އަވަސް ކުރުމަށް މަސައްކަތް ކުރެއްވުމުގެ ގޮތުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގެ ކޮމިޝަނަރ އާއި ޑެޕިއުޓީ ކޮމިޝަނަރ ގެ އިތުރުން ކޮމިޝަންޑް ހުރިހާ އޮފިސަރުން ވަނީ މަސައްކަތުގައި ޢަމަލީ ގޮތުން ބައިވެރިވެވަޑައިގެންފައެވެ.
މި މަސައްކަތުގައި ހެޑް އޮފީހުގެ އިތުރުން މާލެ ޖަލާއި އައްސޭރި ޖަލާއި ހުޅުމާލެ ޑިޓެންޝަން ސެންޓަރ ގެ އިތުރުން އިމަޖެންސީ ސަޕޯރޓް ގްރޫޕްގެ އޮފިސަރުންވެސް ބައިވެރިވެފައި ވެއެވެ.
މާފުށީ ޖަލުގެ ބައުންޑަރީ ވޯލްއަކީ 20 ފޫޓް އުސް އަދި 1.4 ކިލޯ މީޓަރ ދިގު ފާރެކެވެ. މި ފާރު ރޭނުމައް ހަމަޖެހި ފައި ވަނީ ދައުލަތުގެ ބަޖެޓުން 4.2 މިލިއަން ރުފިޔާ ހަރަދު ކޮށްގެންނެވެ.
މާފުށީ ޖަލުގައި ކުރިއަށް ގެންދާ ވޯލް ޕްރޮޖެކްޓްގެ ބިންގާ އަޅާފައިވަނީ އޮކްޓޯބަރ މަހުގެ 26 ވަނަ ދުވަހުއެވެ. މިނިސްޓަރ ޢުމަރު ނަސީރު ފައްޓަވައިދެއްވި މި މަސައްކަތް ކުރަމުންގެންދަނީ ސީދާ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުންނެވެ.
މި ޕްރޮޖެކްޓް އަށް ބޭނުންވާ މެޓީރިއަލް ފޯރުކޮށްދެމުން ގެންދަވަނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އާއި ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސް.ޓީ.އޯ) އާއި ދެމެދު ވެފައިވާ އެއްބަސް ވުމުގެ ދަށުން އެސް.ޓީ.އޯ އިންނެވެ.