ދިވެހިރާއްޖޭގެ މިނިވަންކަމަށް 50 އަހަރުފުރޭ ރަންޔޫބީލް ފާހަގަކުރުމުގެ ގޮތުން މިއަހަރު ކުރިއަށް ގެންދަން ނިންމާފައިވާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ “ރައިވެރިބޭގެ ޖިހާދުގެ ފެތުން” އިވެންޓްގެ ރަސްމީ ބޮޑުބެރު ގްރޫޕަކީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމް.ސީ.އެސް) ބޮޑުބެރު ގްރޫޕް ކަމަށް ހަމަޖައްސައިފިއެވެ.
ރައިވެރިބޭގެ ޖިހާދުގެ ފެތުން ކޮމެޓީގެ ބޭފުޅުން މިއަދު ވަނީ އެމް.ސީ.އެސް ބޮޑުބެރު ގްރޫޕާއި ބައްދަލު ކުރައްވާފައެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު މާފުށީ ޖަލުގެ ލެކްޗަރ ހޯލްގައެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު ޙުޝާމް ވިދާޅުވީ ރައިވެރިބޭގެ ޖިހާދުގެ ފެތުން އިވެންޓްގައި އެމް.ސީ.އެސް ބޮޑުބެރު ގްރޫޕް ބައިވެރި ކުރުމަށް ފުރުޞަތު ދެއްވީތީ ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި މިހާރު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބޮޑުބެރު ގްރޫޕަކީ ފުރާފުރިހަމަ ވެފައިވާ ބޮޑުބެރު ގްރޫޕެއް ކަމަށެވެ.
ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަލްފާޟިލް އަޙްމަދު ސަލީމް (މާޒް ސަލީމް) ވިދާޅުވީ މި އިވެންޓް ފެށިގެން ނިމެންދެން ބޮޑުބެރު ގްރޫޕްގެ ޙަރަކާތްތައް ކުރިއަށް ގެންދާގޮތަށް ހަމަޖެހިފައިވާކަމަށެވެ. އަދި ބޮޑުބެރު ގްރޫޕަށް އެއްވެސް ޚަރަދެއް ހިނގާނަމަ އެ ޚަރަދެއްވެސް ކޮމެޓީގެ ފަރާތުން ހަމަޖައްސަވާ ދެއްވާނެކަމަށެވެ.
ބޮޑުބެރު ގްރޫޕްގެ ފަރާތުން ޕްރިޒަންސް ލާންސް ކޯޕްރަލް ނާޒިރު ޝިހާމް ވިދާޅުވީ ގްރޫޕްގެ ފަރާތުން ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް އެއްކޮށް ނިމިފައިވާކަމަށެވެ. އަދި މި އިވެންޓަށް އެމް.ސީ.އެސް ބޮޑުބެރު ގްރޫޕް ވަރަށް ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށްވެސް ޕްރިޒަންސް ލާންސް ކޯޕްރަލް ނާޒިރު ޝިހާމް ވަނީ ވިދާޅުވެފައެވެ.
އެމް.ސީ.އެސް ބޮޑުބެރު ގްރޫޕަކީ 2008 ވަނަ އަހަރު އުފެދިގެންއައި ބޮޑުބެރު ގްރޫޕެކެވެ. މިހާތަނަށް ސަރުކާރުގެ އެކިއެކި ރަސްމިއްޔާތު ތަކުގައި އެމް.ސީ.އެސް ބޮޑުބެރު ގްރޫޕް ވަނީ ތަމްސީލު ކޮށްދީފައެވެ. އެގޮތުން ހޯމް މިނިސްޓްރީގެ އެކިއެކި އިވެންޓްތަކާއި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންނެވި ބައެއް ޙަފްލާ ތަކުގައިވެސް އެމް.ސީ.އެސް ބޮޑުބެރު ގްރޫޕް ވަނީ ތަމްސީލް ކޮށްފައެވެ.