އައްސޭރި ޕްރިޒަން ކަޕް 2015: މިއަދުގެ މެޗް 2-2 ން އެއްވަރުވެއްޖެ

އައްސޭރި ޕްރިޒަން ކަޕް 2015 ފުޓްބޯޅަ މުބާރާތުގެ މިއަދުގެ މެޗްގައި ބައްދަލުކުރީ އެފް.ސީ ތުނޑު އާއި އެފް.ސީ އެން.އެކްސް އެވެ. މި މެޗް ނިމުނީ 2-2 އިން އެއްވަރު ވެގެންނެވެ.

މިމެޗްގައި އެފް.ސީ ތުނޑުގެ ފުރަތަމަ ލަނޑު ޖެހީ މެޗްގެ ފުރަތަމަ ހާފްގެ 19 ވަނަ މިނެޓްގައި ޕްރައިވެޓް މުޙައްމަދު ޙަމީލް އެވެ. އަދި ދެވަނަ ލަނޑު ޖަހާފައިވަނީ މެޗްގެ 21 ވަނަ މިނިޓްގައި ޕްރައިވެޓް މުޙައްމަދު މިޒްހާން އެވެ.

މި މެޗްގައި އެފް.ސީ އެން.އެކްސް ގެ ފުރަތަމަ ލަނޑު ޖަހާފައިވަނީ ފުރަތަމަ ހާފްގެ 11 ވަނަ މިނިޓްގައި ލާންސްކޯޕްރަލް ރާއިދު އަބޫބަކުރު އެވެ. އަދި ދެވަނަ ލަނޑު ވެސް ޖެހީ މެޗްގެ ދެވަނަ ހާފްގެ 26 ވަނަ މިނެޓްގައި ޖާޒީ ނަންބަރ 11، ލާންސްކޯޕްރަލް ރާއިދު އަބޫބަކުރުއެވެ.

މިއަދުގެ މެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ އެފް.ސީ އެން.އެކްސް ގެ ޖާޒީ ނަންބަރ 11، ލާންސް ކޯޕްރަލް ރާއިދު އަބޫބަކުރުއެވެ. މިއަދުގެ މެޗްގައި ލާންސް ކޯޕްރަލް ރާއިދުގެ ފަރާތުންވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ.

މި މެޗް ބައްލަވާލެއްވުމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު ޙުޝާމް މިއަދު ދަނޑަށް ޒިޔާރަތް ކުރެއްވިއެވެ.

މި މުބާރާތަކީ އައްސޭރި ޖަލުން އިސްނަގައިގެން ހުޅުމާލޭ ޑިޓެންޝަން ސެންޓަރާއި ގުޅިގެން ކުރިއަށް ގެންދާ މުބާރާތެކެވެ. މި މުބާރާތުގައި 5 ޓީމް ވާދަކުރެއެވެ.   16  މާރޗް އިން 27 މާރޗް އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތަކީ އައްސޭރި ޖަލާއި ހުޅުމާލޭ ޑިޓެންޝަން ސެންޓަރގެ މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި، ކުޅިވަރުގެ ރޫޙް އާލާކޮށް މުވައްޒަފުންގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހި ކުރުމުގެ މަޤްޞަދުގައި ކުރިއަށް ގެންދާ މުބާރާތެކެވެ.