ލަކީ ޑްރޯ އާއިއެކު އިންމޭޓްސް ކްރިއޭޓިވިޓީ އެގްޒިބިޝަން ހުޅުވައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ލަކީ ޑްރޯ އާއިއެކު “އިންމޭޓްސް ކްރިއޭޓިވިޓީ އެގްޒިބިޝަން 2015″ ނޭޝަނަލް އާރޓް ގެލެރީގައި މިއަދު ހުޅުވައިފިއެވެ.

މި އެގްޒިބިޝަން މިއަދު 14:00 ގައި ހުޅުވައިދެއްވީ މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑރ. މުޙައްމަދު ޝައިނީ އެވެ. އެގްޒިބިޝަން ހުޅުވައިދެއްވުމަށްފަހު ޑރ. މުޙައްމަދު ޝައިނީ ވަނީ އެގްޒިބިޝަންގައި ހުރި ތަކެތި ބައްލަވާލައްވާފައެވެ.

މި އެގްޒިބިޝަންއަކީ ޖަލުތަކުގައި ތިބޭ ޤައިދީންގެ ހުނަރުވެރި މަސައްކަތްތައް ދައްކާލުމުގެ ގޮތުން ބާއްވާ އެގްޒިބިޝަން އެކެވެ. އަދި މި އެގްޒިބިޝަންގައި ޤައިދީންގެ މަސައްކަތުން ތައްޔާރުކޮށްފައިވާ 800 އަށްވުރެން ގިނަ އައިޓަމް ބައިވެރި ކޮށްފައި ވެއެވެ. މީގެތެރޭގައި އަތްތެރި މަސައްކަތުގެ ތަކެއްޗާއި ތަރުކާރީއާއި ގަސްގަހާ ގެހި ބެހެއްޓިފައި ވެއެވެ.

creativity exhibition1

މިއަހަރުގެ އެގްޒިބިޝަންގައި އެހެން އަހަރުތަކާ ޚިލާފަށް އެގްޒިބިޝަން އަށް ވަންނަ ފަރާތްތަކުގެ މެދުގައިވަނީ ނަސީބުވެރިއެެއް ހޮވާގަތަށް ހަމަޖެހިފައެެވެ. މި ގޮތުން ކޮންމެ ދުވަހަކުވެސް، އެދުވަހެއްގެ ނަސީބުވެރިއެއް އިއުލާން ކުރާނެއެވެ. އަދި ނަސީބުވެރި ފަރާތަކަށް ” ކޮލަމްބޯ ރިޓާރން ޓިކެޓް” ލިބޭގޮތަށް ވަނީ ހަމަޖެހިފައެވެ.

މި އެގްޒިބިޝަންގެ ފުރަތަމަ ދުވަހުގެ ނަސީބުވެރި ފަރާތަކަށް ދިނުމަށް ހަމަޖެހިފައިވާ އިނާމް ސްޕޮންސަރ ކޮށްދެއްވާފައިވަނީ ” ޝޯރޓް ތްރޯ މޯލްޑިވްސް” ގެ ފަރާތުންނެވެ. ދެވަނަ ދުވަހުގެ ނަސީބުވެރި ފަރާތަކަށް ދިނުމަށް ހަމަޖެހިފައިވާ އިނާމް ސްޕޮންސަރ ކޮށްދެއްވާފައިވަނީ “ޑީ.ޕީ.އާރ.އެސް ކޯޕަރޭޓިވް ސޮސައިޓީ” ގެ ފަރާތުންނެވެ. އަދި ތިންވަނަ ދުވަހުގެ ނަސީބުވެރިޔާގެ އިނާމް ސްޕޮންސަރ ކޮށްދެއްވާފައިވަނީ “ޓާކިޝް އެއަރލައިން” ގެ ފަރާތުންނެވެ.

creativity exhibition2

މި އެގްޒިބިޝަންގައި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން ޤައިދީންނަށް ބޭއްވި ކުރެހުމުގެ މުބާރާތުން ވަނަތަކަށް ހޮވުނު ފަރާތްތަކަށް ވަނީ ހަނދާނީ ލިޔުމާއި ފައިސާގެ އިނާމް ޙަވާލުކޮށްދެއްވާފައެވެ. ހަނދާނީ ލިޔުމާއި ފައިސާގެ އިނާމް ޙަވާލުކޮށްދެއްވީ އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް ޙަސަން ލުތުފީ އެވެ.

މި އެގްޒިބިޝަން ހުޅުވާފައި ހުންނާނީ، މިއަދާއި މާދަމާގެ 14:00 ން 18:00 އަށެވެ. އަދި 20:00 ން 22:00 އަށެވެ. އަދި ހޮނިހިރު ދުވަހު ހެނދުނު 09:00 ން މެންދުރު 12:00 އަށް އަދި މެންދުރުފަހު 14:00 ން 18:00 އަށް ހުޅުވިފައި ހުންނައިރު މިގަޑިތަކުގައި އެގްޒިބިޝަން އަށް ޒިޔާރަތްކޮށް ތަކެތި ބައްލަވައި ގަނެވޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.