އިންމޭޓްސް ކްރިއޭޓިވިޓީ އެގްޒިބިޝަން އަށް ބޮޑު ތަރުޙީބެއް ލިބެމުންދޭ

ޤައިދީންގެ މަސައްކަތުގެ ހުނަރު ދައްކާލުމަށް ބާއްވަމުންއަންނަ އިންމޭޓްސްކްރިއޭޓިވިޓީ އެގްޒިބިޝަން އަށް ބޮޑު ތަރުޙީބެއް ލިބެމުން އަންނަކަމަށް މި އެގްޒިބިޝަންގެ އިންތިޒާމް ކޮމެޓީގެ ފަރާތުން ކޯޕްރަލް އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

އިއްޔެ ނެޝަނަލް އާޓް ގެލެރީގައި ހުޅުވުނު މި އެގްޒިބިޝަންގައި 800 އަށްވުރެން ގިނަ އައިޓަމް ބެހެއްޓިފައިވާއިރު އޭގެތެރެއިން ގިނަ އައިޓަމް  ތަކެއް މިހާރު ވަނީ ވިކިފައެވެެ. އަދި މިރެއާއި މާދަމާގެ ހަވީރު ހައެއް ޖެހުމާއި ހަމައަށްވެސް މި އެގްޒިބިޝަންއިން ތަކެތި ވިއްކުމަށް ވަނީ ހަމަޖެހިފައެވެ.

މި އެގްޒިބިޝަންގައި ތަރުކާރީގެ ބާވަތްތަކާއި ތަފާތު ގަސްގަހާއި، އަދި ތަފާތު ވައްތަރުގެ ވާސް އާއި ގޮނޑި، މޭޒު، ކުދި ދޯނި ފަދަ އައިޓަމްތައް މިހާރުވެސް ލިބެންއެބަހުއްޓެވެ.

މިއަދާއި މިރޭ އަދި މާދަމާގެ ހަވީރު ހައެއްޖެހުމާއި ހަމައަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި އެގްޒިބިޝަންގައި މިފަހަރު ވަނީ އެގްޒިބިޝަންއަށް ޒިޔާރަތްކުރާ ބޭފުޅުންގެ ތެރެއިން ކޮންމެ ދުވަހަކަށް ނަސީބުވެރިއަކު ހޮވާގޮތަށް ހަމަޖެހިފައެވެ. އެގޮތުން އެ ނަސީބުވެރި ފަރާތަކަށް ކޮލަމްބޯ ދެކޮޅު ޓިކެޓް ލިބޭނެއެވެ. ފުރަތަމަ ރޭގެ ނަސީބުވެރި ފަރާތުގެ ނަން ރޭ ވަނީ އިއުލާން ކޮށްފައެވެ.

Inmates creativity exhibition4

މި އެގްޒިބިޝަންގެ ފުރަތަމަ ދުވަހުގެ ނަސީބުވެރި ފަރާތަކަށް ދިނުމަށް ހަމަޖެހިފައިވާ އިނާމް ސްޕޮންސަރ ކޮށްދެއްވާފައިވަނީ ” ޝޯރޓް ތްރޯ މޯލްޑިވްސް” ގެ ފަރާތުންނެވެ. ދެވަނަ ދުވަހުގެ ނަސީބުވެރި ފަރާތަކަށް ދިނުމަށް ހަމަޖެހިފައިވާ އިނާމް ސްޕޮންސަރ ކޮށްދެއްވާފައިވަނީ “ޑީ.ޕީ.އާރ.އެސް ކޯޕަރޭޓިވް ސޮސައިޓީ” ގެ ފަރާތުންނެވެ. އަދި ތިންވަނަ ދުވަހުގެ ނަސީބުވެރިޔާގެ އިނާމް ސްޕޮންސަރ ކޮށްދެއްވާފައިވަނީ “ޓާކިޝް އެއަރލައިން” ގެ ފަރާތުންނެވެ.

މި އެގްޒިބިޝަން ހުޅުވާފައި ހުންނާނީ، މިއަދު 14:00 ން 18:00 އަށެވެ. އަދި 20:00 ން 22:00 އަށެވެ. ހޮނިހިރު ދުވަހު ހެނދުނު 09:00 ން މެންދުރު 12:00 އަށް އަދި މެންދުރުފަހު 14:00 ން 18:00 އަށެވެ.