ފެހިވެހި ޕްރޮގްރާމުގެ ދަށުން އައްސޭރިޖަލަށް ދާންއޮންނަ މަގު ސާފުކުރުމުގެ މަސައްކަތް ކުރަނީ

ފެހިވެހި ޕްރޮގްރާމުގެ ދަށުން ކ. ހިންމަފުށީގައިހުންނަ އައްސޭރި ޖަލަށް ދާންއޮންނަ މަގާއި ރަށުތެރޭގެ ބައެއްހިސާބުތައް ސާފުކުރުމުގެ މަސައްކަތް ކ. ހިންމަފުށި ރަށުކައުންސިލް އިދާރާއާއި ގުޅިގެން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ކުރުމަށް ނިންމައިފިއެވެ.

ސެޕްޓެމްބަރ 12 ވާ ހޮނިހިރު ދުވަހު ހިންމަފުށި ސާފުކުރުމަށް ކުރެވޭ މަސައްކަތުގައި އައްސޭރި ޖަލުގައި މަސައްކަތް ކުރައްވާ އޮފިސަރުންގެ އިތުރުން ހެޑް އޮފީހާއި މާލޭ ޖަލާއި ހުޅުމާލެ ޑިޓެންޝަން ސެންޓަރުގައި މަސައްކަތްކުރައްވާ އޮފިސަރުނާއި މުވައްޒަފުން ބައިވެރިވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

“ފެހިވެހި” ޕްރޮގްރާމުގެ ދަށުން ހިންގި ފުރަތަމަ ހަރަކާތް ހުޅުމާލެ ދެވަނަފިޔަވަހި ފެހިކުރުމުގެ މަސައްކަތާއެކު ފެށިގެންދިޔަކަމުގައި ވީނަމަވެސް ކުރިއަށް އޮތްތަނުގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފެހިވެހި ޕްރޮގްރާމުގެ ދަށުން މުޖުތަމައަށް ބޭނުންތެރި މިފަދަ އިތުރު ޕްރޮގްރާމްތައް ހިންގުމަށް ހަމަޖެހިފައިވާކަން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން އެދުވަހު ވަނީ އިއުލާން ކުރައްވާފައެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އަކީ ޖަލުތަކުގެ ތެރޭގައި މަސައްކަތް ކުރާ ބަޔަކަށް ވީކަމުގައި ވިޔަސް، މިހާރު އިޖްތިމާއީ މަސައްކަތް ތަކުގައި އަމަލީގޮތުން ބައިވެރި ވުމަކީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމަކެވެ. ފެހިވެހި ޕްރޮގްރާމަކީ މިފަދަ މަސައްކަތްތައް ކުރުމަށް ކުރިއަށް ގެންދާ ހާއްސަ ޕްރޮގްރާމެކެވެ.

އެހެންކަމުން ހިންމަފުށި ސާފުކުރުމުގެ މަސައްކަތަކީ ފެހިވެހި ޕްރޮގްރާމުގެ ދަށުން ހިންގޭ  ދަވަނަ ހަރަކާތެވެ.