މެލޭޝިޔާގެ އުތުރާ ޔުނިވާސިޓީ އާއި އައިކޯސްޓް ގުޅިގެން ރާއްޖޭގައި ޑިޕްލޮމާ ފެންވަރުގެ ކޯސްތައް ހިންގުމަށް މަޝްވަރާކޮށްފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގެ އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އާއި މެލޭޝިޔާގެ އުތަރާ ޔުނިވާސިޓީ ގުޅިގެން ރާއްޖޭގެ ޖަލުތަކުގައި މަސައްކަތްކުރާ އޮފިސަރުންނަށް ޑިޕްލޮމާ އާއި މާސްޓަރސް ފެންވަރުގެ ކޯސްތައް ހިންގުމަށް މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާ ކުރެއްވުންއޮތީ ޑައިރެކްޓަރ ޖެނެރަލް އޮފް މެލޭޝިޔަން ޕްރިޒަންސް، ދާތުކް ވީރާ ހާޖީ ޒުލްކިފްލި ބިން އޮމަރުގެ ދައުވަތަކަށް ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު ޚުޝާމް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހެނދުނު މެލޭޝިއާގައެވެ.

މި ބައްދަލު ކުރެއްވުމުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް މުހައްމަދު ޚުޝާމް ވަނީ މެލޭޝިޔާގެ އުތަރާ ޔުނިވަރސިޓީގެ ޑީން ޕްރޮފިސަރ ޑރ. ނޫރު އަޒުނީޒާ އިސްހާގް އާއި ޑރ. ނަބީސާ އާއި ބައްދަލް ކުރައްވާފައެވެ. މިބައްދަލުކުރެއްވުމުގައި އުތަރާ ޔުނިވަރސިޓީން މެލޭޝިޔާގެ ޖަލުތަކުގައި މަސައްކަތްކުރާ އޮފިސަރުންނަށް އަމާޒް ކޮށްގެން ކުރިޔަށްގެންދާ ޑިޕްލޮމާ ކޯސްތަކާއި އަދި މާސްޓާރސް ފެނަވަރުގެ ކޯސްތަކުގައި ރާއްޖޭގެ ޖަލުތަކުގައި މަސައްކުރާ އޮފިސަރުން ބައިވެރިކޮށް އެއޮފިސަރުންނަކީ އިލްމީ ގޮތުން ގާބިލް ބަޔަކަށްހެދުމާއި ބެހޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނުއެވެ.

މި ބައްދަލު ކުރެއްވުމުގައި ބޮޑަށް މަޝްވަރާ ކޮށްފައިވަނީ އެ ޔުނިވާސިޓީގެ ޕްރޮފެސަރުންނާއި ލެކްޗަރަރުން ރާއްޖެ ވަޑައިގެން ރާއްޖޭގައި މި ކޯސްތައް ކުރިއަށް ގެންދިއުމާއި ބެހޭގޮތުންނެވެ. އެއީ މެލޭޝިޔާގައި މި ކޯސްތައް ކުރިއަށް ގެންދާނަމަ ކޯހަށް ހިނގާނެ ހަރަދު ބޮޑުވުމާއި އަދި ގިނަ މުވައްޒަފުންނަށް އެ ފުރުސަތު ތަނަވަސްކޮށް ދިނުމުގެ ބޭނުމުގައެވެ. އަދި މިކޯސްތަކަކީ މޯލްޑީވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިޔު.އޭ) ގަބޫލުކުރާ ފެންވަރުގެ ކޯސްތަކެކެވެ.

މި ބައްދަލުކުރެއްވުމުގައި ކޮމިޝަނަރ އޮފް ޕްރިޒަންސްގެ އިތުރުން މާފުށީ ޖަލުގެ ފީމޭލް އިންމޭޓްސް ޑިޕާޓްމަންޓްގެ ހެޑް، ޗީފް ޕްރިޒަންސް އޮފިސަރ އައިޝަތު ރިއުޒާ އާއި އިންސްޓިޓިއުޓް ފޮރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) ގެ ކަރެކްޝަނަލް ޓްރެއިނިންގ ޔުނިޓް ގެ ހެޑް، ފަސްޓްކްލާސް ޕްރިޒަންސް އޮފިސަރ އަބްދުލް މަޖީދު ބައިވެރިވެވަޑައިގެންނެވިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން އެމުވައްސަސާގެ ދަށުގައިވާ ޖަލުތަކާއި އަދި ޖަލުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ފެންވަރުމަތިކޮށް އިލްމީގޮތުން ގާބިލުބަޔަކަށް ހެދުމަށްޓަކާ ވަރަށްގިނަގުނަ މަސައްކަތްތަކެއް ކުރަމުންގެންދާކަން ފާހަގަކުރެވެއެވެ. އަދި ހާއްސަކޮށް ކަރެކްޝަންސްގެ އިދާރީ ހިންގުމަށް މިހާރުގެ ކޮމިޝަނަރ ބޮޑެތިބަދަލުތަކެއް ގެންނަވަމުން ގެންދާކަމީ ފާހަގަކުރެވޭކަމެކެވެ.