މާފުށީ ޖަލާއި އީ.އެސް.ޖީ ގެ އަހަރީ ދުވަހާއި ގުޅުވައިގެން އާއިލީ ހަވީރެއް ބާއްވައިފި

މާފުށީ ޖަލާއި އިމަޖެންސީ ސަޕޯރޓް ގްރޫޕްގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މާފުށީ ޖަލުގައި އާއިލީ ހަވީރެއް ބާއްވައިފިއެވެ.

މާފުށީ ޖަލާއި އިމަޖެންސީ ސަޕޯރޓް ގްރޫޕްގެ ހުރިހާ ސެކްޝަން ތަކަކުން ބައިވެރިވެގެން ކުރިއަށް ގެންދިޔަ މި އާއިލީ ހަވީރަށް ވަރަށް ގިނަ އަދަދެއްގެ މީހުންނާއި ކުދިން ޒިޔާރަތް ކޮށްފައިވާކަމަށް މާފުށީ ޖަލުން މަޢުލޫމާތު ދީފައިވެއެވެ.

މާފުށީ ޖަލުން ބުނިގޮތުގައި އެ ހަވީރުގެ މައިގަނޑު މަގުސަދަކީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މުވައްޒަފުންނާއި މުވައްޒަފުންގެ އާއިލާތަކުން އެކުވެރި، އުފާވެރި މާހައުލެއްގައި ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ފުރުސަތު ތަނަވަސްކޮށްދިނުން ކަމަށެވެ.

މި އާއިލީ ހަވީރުގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ، ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު ޙުޝާމް ބައިވެރިވެވަޑައިގެންނެވިއެވެ.

މި އާއިލީ ހަވީރުގައި އެކިއެކި ކުޅިވަރު ސްޓޯލްތަކުގެ އިތުރުން ތަފާތު އެކި ކެރެކްޓަރ ތައް ވަނީ ޙަރަކާތްތެރި ވެފައެވެ.

މާފުށީ ޖަލުން ބުނީ މި އިވެންޓަށް ވަރަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔަ ކަމަށާއި އަދި އާއިލާގެ މެންބަރުންނަށް އުފާވެރި ވަގުތުކޮޅެއް ލިބިގެން ދިޔަކަމަށެވެ.