އެސްކޮޓް ޗެލްންޖް ފުޓްބޯޅަ މުބާރާތް މާދަމާރޭ ފަށަނީ

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އެސްކޮޓް ޓީމުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ “އެސްކޮޓް ޗެލެންޖް 2015″ ފުޓްބޯޅަ މުބާރާތް މާދަމާރޭ ފަށާނެއެވެ.

މި މުބާރާތް ބޭއްވުމުގެ މަޤްޞަދަކީ މާލެ ޖަލާއި، ހުޅުމާލެ ޑިޓެންޝަން ސެންޓަރ އާއި ހެޑް އޮފީހުގެ ޑިޕާޓްމަންޓް ތަކާއި ސެކްޝަންތަކުގައި ތިބި އޮފިސަރުންގެ މެދުގައި އެކުވެރިކަމާއި ކުޅިވަރުގެ ރޫޙް އާލާކޮށް އިތުރުކުރުވައި، ކުޅިވަރުތަކަށް މުވައްޒަފުން ޝައުޤުވެރި ކުރުވައި، ފުޓްބޯޅަ ކުޅުމަށް ޝައުޤުވެރިވާ މުވައްޒަފުންނަށް އެރޮނގުން ފުރުޞަތު ތަނަވަސްކޮށްދީ ކުރިއަށް ދިއުމުގެ މަގު ފަހިކޮށްދިނުމާއިއެކު، މާލޭ ޖަލާއި ހުޅުމާލެ ޑިޓެންޝަން ސެންޓަރު، އަދި ހެޑް އޮފީހުގެ ޑިޕާޓްމަންޓް ތަކާއި ސެކްޝަން ތަކުގައި ތިބި އޮފިސަރުންނަކީ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ދުޅަހެޔޮ ބައެއްކަމަށް ހެދުންކަމަށް އެސްކޮޓް ޓީމްގެ ކޮމާންޑަރ ސްޓާފް ސާޖަންޓް ހުސައިން ނަދީމް މަޢުލޫމާތު ދެއްވިއެވެ.

މި މުބާރާތުގައި ޖުމްލަ އަށް ޓީމް ވާދަކުރެއެވެ. އެއީ ޓީމް އެސްކޮޓް އާއި އެފް.ސީ ޑެލްޓާ އާއި ޓީމް އެޗް.ކިއު އާއި ޓީމް ހުޅުމާލެ ޑިޓެންޝަން ސެންޓަރ އާއި އެފް.ސީ ބްރާވޯ އާއި ޓީމް މެޑިކް އެންޑް ޔުނިޓް އެސް.އޯ އާއި ޓީމް އަލްފާ ގެ އިތުރުން އެފް.ސީ ޗާލީ އެވެ.

މި މުބާރާތަކީ ބައިވެރިވާ އަށް ޓީމް ދެ ގްރޫޕަކަށް ބަހާލައިގެން ކޮންމެ ގްރޫޕެއްގެ ޓީމްތަކުގެ މެދުގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްފަހަރު ބައްދަލުކޮށް، ކޮންމެ ގްރޫޕަކުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމް ސެމީ ފައިނަލަށް ދާގޮތަށް ކުޅޭ މުބާރާތެއް ކަމަށާއި ތިންވަނަ ޓީމް ހޮވާގޮތަށް ހަމަޖެހިފައިވަނީ ސެމީ ފައިނަލް މެޗުން ބަލިވާ ދެޓީމްގެ މެދުގައި ކުޅޭ މެޗުން ކަމަށް އެސްކޮޓް ޓީމްގެ ކޮމާންޑަރ ސްޓާފް ސާޖަންޓް ހުސައިން ނަދީމް މަޢުލޫމާތު ދެއްވިއެވެ.

މުބާރާތުގެ ފުރަތަމަ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މަދަމާ ރޭ 20:15 ގައި މާލޭ ޖަލުގެ ފުޓްބޯޅަ ގްރައުންޑުގައެވެ. މި މެޗްގައި ބައްދަލު ކުރާނީ ޓީމް އެސްކޮޓް އާއި އެފް.ސީ ޑެލްޓާ އެވެ. މި މެޗް ޝަރަފްވެރި ކޮށްދެއްވާނީ ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު ޙުޝާމް އެވެ.

މިއީ އެސްކޮޓް ޗެލްންޖް ގެ ދެވަނަ މުބާރާތްކަމަށް އެސްކޮޓް ޓީމްގެ ކޮމާންޑަރ ވިދާޅުވިއެވެ. ފުރަތަމަ މުބާރާތް އޮތީ މިދިޔަ އަހަރުއެވެ. އެ މުބާރާތުގައި ޖުމްލަ ހަތް ޓީމް ވާދަކޮށްފައިވާއިރު، މިއަހަރުގެ މުބާރާތަށް ޓީމް ތަކުގެ ފަރާތުން ވަރަށް ބޮޑު ސަޕޯރޓެއް ލިބިގެން ދާކަމަށް އެސްކޮޓް ޓީމްގެ ކޮމާންޑަރ މަޢުލޫމާތު ދެއްވިއެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 3000 ރުފިޔާ ހުށަހަޅާފައިވާއިރު ރަނަރަޕް ޓީމަށް ހުށަހަޅާފައިވަނީ 2000 ރުފިޔާއެވެ.