މެޑިކް އެންޑް ޔުނިޓް އެސް.އޯ ޓީމް ކޮޅަށް އެޗް.ޑީ.ސީ ޓީމުން 22 ގޯލް ޖަހައިފި

އެސްކޮޓް ޗެލެންޖް ފުޓްބޯޅަ މުބާރާތުގައި ރޭ ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގެ ޓީމުން މެޑިކް އެންޑް ޔުނިޓް އެސް.އޯގެ މައްޗަށް ތަފާތު ބޮޑު ނަތީޖާއަކުން ކުރިހޯދައިފިއެވެ. މި މެޗް ހުޅުމާލޭ ޑިޓެންޝަން ސެންޓަރ ގެ ޓީމުން ކާމިޔާބުކުރީ 22-1 ގެ ނަތީޖާއިންނެވެ.

މާލޭ ޖަލުގެ ފުޓްބޯޅަ ގްރައުންޑްގައި ކުޅުނު މި މެޗްގައި، ހުޅުމާލޭ ޑިޓެންޝަން ސެންޓަރގެ ޓީމުން ރަނގަޅު ކުޅުމެއް ދައްކާފައި ވާއިރު، ޖެހި 22 ގޯލްގެ ތެރެއިން އެޓީމްގެ ހުނަރުވެރި ފޯވާޑް އިސްމާއިލް މުޙައްމަދު، އަށް ގޯލް ކާމިޔާބުކޮށްދިންއިރު އެޓީމްގެ ހުސައިން ޞަބާޙް ހަތް ގޯލް ކާމިޔާބުކޮށްދީފައި ވެއެވެ. އަދި އެޓީމްގެ ހަސަން ނާޝިދު ހަގޯލް ކާމިޔާބުކޮށްދީފައިވާއިރު އަބްދުﷲ ޖަމީލް ވަނީ ގޯލެއް ކާމިޔާބުކޮށްދީފައެވެ. މެޑިކް އެންޑް ޔުނިޓް އެސް.އޯ ޓީމްގެ ހަމައެކަނި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ މުޙައްމަދު އަމީޒް އެވެ.

މި މެޗާއި ބެހޭގޮތުން މެޑިކަލް އެންޑް ޔުނިޓް އެސް.އޯ ޓީމުގެ ކޯޗް ޕްރިޒަންސް ލާންސް ކޯޕްރަލް އަލީ އަސްރަތު ވިދާޅުވީ މި މެޗްގައި އޭނާގެ ޓީމުން ރަނގަޅު ކުޅުމެއް ދެއްކިނަމަވެސް އިދިކޮޅު ޓީމުގެ ފަރާތުން ފެނިގެންދިޔައީ މާވަރުގަދަ ކުޅުމެއް ކަމަށެވެ. އަދި އޭނާގެ ޓީމުގެ އާކުޅުންތެރިންނަށް މި މެޗްގައި ފުރުސަތު ދީފައިވާނޭކަމަށްވެސް ކޯޗް ފަހުރުވެރިކަމާއެކު ވިދާޅުވިއެވެ.

ކޯޗް އިތުރަށް ވިދާޅުވީ މި މެޗުން ބަލިވިނަމަވެސް އެކަމާ މާބޮޑަށް ދެރަ ނުވާކަމަށެވެ. އަދި އިދިކޮޅު ޓީމު ހޯދި ކާމިޔާބަށް މަރުޙަބާ ކިޔާކަމަށެވެ.

މި މެޗާއި ބެހޭގޮތުން މެޑިކަލް ޑިޕާޓްމަންޓްގެ ހެޑް، ސީ.ޕީ.އޯ އަބްދުލް ޤާދިރުއަށް ގުޅާލުމުން ވިދާޅުވީ މެޗްގައި ހިނގާދިޔަ ކަންތަކާއި ބެހޭގޮތުންނާއި ނަތީޖާއާއިބެހޭގޮތުން އެއްޗެއް ވިދާޅުވާން ބޭނުންފުޅު ނުވާކަމަށެވެ.

ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގެ ޓީމުގެ ކޯޗް، ޗީފް ޕްރިޒަންސް އޮފިސަރ އިސްމާއިލް ނަސީރު ވިދާޅުވީ އޭނާގެ ޓީމުން ދެއްކި ކުޅުމަކީ މޮޅު، ރީތި ކުޅުމެއް ކަމަށެވެ. އެހެންނަމަވެސް އިދިކޮޅު ޓީމަށް އިތުރު ޕްރެކްޓިސް ބޭނުންވާކަމަށް އެޗް.ޑީ.ސީ ގެ ކޯޗް ވިދާޅުވިއެވެ.

މި މުބާރާތުގައި މިރޭ ސެމީފައިނަލްގެ ދެމެޗް އޮންނާނެއެވެ. ފުރަތަމަ މެޗްގައި ބައްދަލުކުރާނީ ޓީމް އެޗް.ކިއު އާއި އެފް.ސީ ބްރާވޯއެވެ. ދެވަނަ މެޗްގައި ބައްދަލުކުރާނީ ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގެ ޓީމާއި އެފް.ސީ ޗާލީ އެވެ.