އައްސޭރި ޖަލުގެ 07 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން ލޭ ހަދިޔާކުރުމުގެ ދުވަހެއް ފާހަގަކުރަން ނިންމައިފި

އައްސޭރި ޖަލުގެ 07 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން ލޭ ހަދިޔާކުރުމުގެ ދުވަހެއް ފާހަގަކުރަން ނިންމައިފިއެވެ.

މި މަހުގެ 23 ވަނަދުވަހު ކ. ހިންމަފުށީގައި ހިންގުމަށް ހަމަޖެހިފައިވާ މިހަރަކާތުގައި ހިންމަފުށި އާންމު ރައްޔިތުންނަށްވެސް ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވާކަމުގައި އައްސޭރި ޖަލުން މަޢުލޫމާތު ދެއްވައެވެ.

ހިންމަފުށީގައި ހުރި ސަރުކާރު އިދާރާތަކާއި އެ ރަށުގައި ހުރި އަމިއްލަ ކުންފުނިތަކާއެކު ވާހަކަ ދެކެވި އެފަރާތްތަކުން މިކަމުގައި ބައިވެރިވާގޮތަށް ވަނީ ހަމަޖެހިފައެވެ.

މިހަރަކާތް ކުރިއަށް ގެންދިއުމާއި ގުޅޭ ގޮތުން މިއަދު އަައްސޭރި ޖަލާއި މޯލްޑިވިއަން ބްލަޑް ސަރވިސްއާއެކު ވަނީ މަޝްވަރާކުރެވިފައެވެ.

އައްސޭރިޖަލާއި މޯލްޑިވިއަން ބްލަޑް ސަރވިސް އާއި ގުޅިގެން ކުރިއަށް ގެންދާ ލޭހަދިޔާ ކުރުމުގެ ޕްރޮގްރާމުގައި ލޭ ނެމުމުގެ މަސައްކަތްކުރާނީ ހިންމަފުށި ސިއްޙީމަރުކަޒުގައި ކަމަށްވެސް އައްސޭރިޖަލުން މަޢުލޫމާތު ދެއްވައެވެ.

ފަހަކަށް އައިސް މިފަދަ އިޖްތިމާޢީ ކަންކަމުގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ބައިވެރިވެ އާންމުނަށް ފައިދާހުރި އެކިއެކި ކަންކަން ކުރަމުންގެންދާ ކަން ފާހަގަކުރަމެވެ. އެގޮތުން މާފުށީ ޖަލާއި އިމަޖެންސީ ސަޕޯޓް ގްރޫޕުގެ އަހަރީ ދުވަހާއި ގުޅުވައިގެން 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި މާފުށި ޖަލުގައިވެސް ލޭހަދިޔާކުރުމުގެ ޕްރޮގްރާމެއްވަނީ ހިންގާފައެވެ. އެދުވަހުގެ ހަރަކާތުގައި 111 މީހަކު ވަނީ ލޭ ހަދިޔާ ކޮށްފައެވެ.