ޔޫރަޕިއަން ޔޫނިއަންގެ ވަފްދެއް އިއްޔެ މާފުށީ ޖަލަށް ޒިޔާރަތް ކުރައްވައިފި

ޔޫރަޕިއަން ޔޫނިއަންގެ ވަފްދެއް އިއްޔެ މާފުށީ ޖަލަށް ޒިޔާރަތް ކުރައްވައިފިއެވެ.

މި ވަފްދުގެ ބޭފުޅުން މާފުށީ ޖަލަށް މި ކުރެއްވި ޒިޔާރަތަކީ ޖަލުގެ ހާލަތު ބައްލަވާލެއްވުމަށާއި ޖަލުގައި ހިންގާ އެކިއެކި ރިހެބިލިޓޭޝަން ޕްރޮގްރާމްތަކާއި ގުޅޭ މަޢުލޫމާތު ހޯއްދެވުމަށް ކުރެއްވި ޒިޔާރަތެއް ކަމަށް މާފުށީ ޖަލުގެ އެކްޓިންގ ޑައިރެކްޓަރ، އެސިސްޓެންޓް ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް ސަލްމާން ރަޝީދު ވިދާޅުވިއެވެ.

މި ވަފްދުގެ ބޭފުޅުން މާފުށީ ޖަލަށް ޒިޔާރަތް ކުރެއްވުމުން މާފުށީ ޖަލާއި ގުޅޭގޮތުން ތައްޔާރުކުރެވިފައިވާ ޕްރެޒެންޓޭޝަންއެއް ހުށަހަޅައި ދެވުނެވެ. އަދި ޕްރެޒެންޓޭޝަން އަށްފަހު ވަފްދުގެ ބައިވެރިން ކުރެއްވި ސުވާލުތަކަށް ޖަލުގެ ފަރާތުން ޖަވާބުދެއްވާފައިވާކަމަށްވެސް މާފުށީ ޖަލުގެ އެކްޓިންގ ޑައިރެކްޓަރ، އެސިސްޓެންޓް ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް ސަލްމާން ރަޝީދު ވިދާޅުވިއެވެ.

e-u-14-620x413

އެއަށްފަހު ޖަލުގައި ގައިދީން ކުރަމުންގެންދާ ދަނޑުވެރިކަމުގެ މަސައްކަތްތަކާއި ވޮކޭޝަނަލް މަސައްކަތްތައް ބައްލަވާލެއްވުމަށް އެ ސައިޓްތަކަށް ޒިޔާރަތް ކުރެއްވިއެވެ. އަދި ޖަލުގައި ގައިދީން ކިޔަވާ ކްލާސް ރޫމް ތަކާއި، ކޮމްޕިއުޓަރ ލެބާއި، ޤައިދީންގެ ލައިބްރަރީގެ އިތުރުން ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓަށް ޒިޔާރަތް ކުރައްވައި އެތަންތަން ބައްލަވާލައްވާ އެތަންތަނުގެ މަޢުލޫމަތު ހޯއްދަވާފައިވެއެވެ.

މި ބައްދަލުކުރެއްވުމުގައި މި ވަފްދުގެ 10 ބޭފުޅުން ބައިވެރިވެފައި ވެއެވެ. އަދި މާފުށީ ޖަލުގެ ފަރާތުން މާފުށީ ޖަލުގެ އެކްޓިންގ ޑައިރެކްޓަރ، އެސިސްޓެންޓް ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް ސަލްމާން ރަޝީދުގެ އިތުރުން އެސިސްޓެންޓް ސްޕްރިންޓެންޑެންޓް އަބަދުﷲ އަމީން އާއި ޗީފް ޕްރިޒަންސް އޮފިސަރ އައިޝަތު ރިއުޒާ އާއި ފަސްޓް ކްލާސް ޕްރިޒަންސް އޮފިސަރ އަޙްމަދު އިރުހާން އާއި ފަސްޓްކްލާސް ޕްރިޒަންސް އޮފިސަރ އަހްމަދު ޒިނާހް ބައިވެރިވެލެއްވިއެވެ.