މާފުށީ ޖަލުގައި ޤައިދީންނަށް ހާއްސަ ޑިނަރ ނައިޓެއް ބާއްވައިފި

މާފުށީ ޖަލުގެ ޤައިދީންނަށް ހާއްސަ ޑިނަރ ނައިޓެއް ރޭ މާފުށީ ޖަލުގައި ބާއްވައިފިއެވެ.

މި ޑިނަރ ނައިޓަކީ މާފުށީ ޖަލުގެ 17 ވަނަ އަހަރީ ދުވަހާއި އިމަރޖެންސީ ސަޕޯޓް ގްރޫޕްގެ އަށްވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށްޓަކައި ހިންގުނު އެންމެހައި މަސައްކަތްތަކުގައި ޤައިދީން ޢަމަލީ ގޮތުން ވެދެއްވާފައިވާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން މާފުށީ ޖަލުގައި ބޭއްވި ޙަފްލާއެކެވެ.

މި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ހަސަން ޒިލާލް އެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑެޕިއުޓީ ކޮމިޝަނަރ ވިދާޅުވީ މިއީ ވަރަށް އުފާވެރި މާހައުލެއް ކަމަށާއި ހުރިހާ ޤައިދީންވެސް ރަނގަޅު ބައެއްގެ ގޮތުގައި މުޖުތަމަޢުއަށް ނުކުތުމަށް މަސައްކަތް ކުރެއްވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ހުރިހާ އޮފިސަރުން ކުރަމުންގެންދާ ބުރަމަސައްކަތްތަކަށް އެއްބާރުލުން ދެއްވުމަށާއި، ރަނގަޅު ހަރުދަނާ ސުލޫކެއްގެ މަތީގައި ހުރިހާ ގައިދީންވެސް ތިބުމަށް ޑެޕިއުޓީ ކޮމިޝަނަރ އިލްތިމާސް ކުރެއްވިއެވެ.

19-620x413

މިހަފްލާގައި އެކިއެކި ގޮތްގޮތުން މަސައްކަތްތަކުގައި އެހީތެރިވެދެއްވާފައިވާ ޤައިދީންނަށް އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން ހަނދާނީލިޔުން ޙަވާލުކޮށްފައިވެއެވެ. ގައިދީންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ހަސަން ޒިލާލް އެވެ.

މިހާރުވެސް މާފުށީ ޖަލުގެ އިމްފުރާސްޓްރަކްޗާރގެ ހުރިހާ މަސައްކަތްތަކެއް ކޮންޓްރެކްޓް ޢުޞޫލުން ދޫކޮށްލުގެ ބަދަލުގައި މިފަދަ ހުރިހާ ޕްރޮޖެކްޓެއް ވެސް ކުރިއަށް ގެންދަނީ ޤައިދީން ލައްވައެވެ. މިކަމުގެ ސަބަބުން ބަޖެޓަށް އެތައް ލުއިތަކެއް ލިބިގެންދެއެވެ.

މިހާރުވެސް ގައިދީންލައްވާ އެލަވަންސް އުސޫލުން ޖަލުގެ އެކިއެކި މަސައްކަތްތައް އަންނަނީ ކުރުވަމުންނެވެ. އެގޮތުން ވެލްޑިން ކުރުމައި، ރޭނުމުގެ މަސައްކަތްތަކާއި،  އިލެކްޓްރޯނިކް މަސައްކަތް ތަކާއި، އޭސީ މަރާމާތުކުރުމުގެ މަސައްކަތްތަކުގެ އިތުރުން ދަނޑުވެރިކަމުގެ މަސައްކަތާއި ފެހުމުގެ މަސައްކަތް އަދި އަތްތެރިކަމުގެ މަސައްކަތް ވެސް ކުރުވައެވެ. އަދި މިހުރިހާ މަސައްކަތްތައް ކުރުމުގައި މާފުށީ ޖަލުގެ 187 ފިރިހެން ޤައިދީންނާއި 16 އަންހެން ޤައިދީން ހަރަކާތްތެރިވެއެވެ.