އައްސޭރި ޖަލުގައި ކުރިއަށްދާ އީ.އެސް.ޖީގެ ރިފްރެޝަރ ޓްރެއިނިންގައި ބައިވެރިވާ އޮފިސަރުންނާ ކޮމިޝަނަރ ބައްދަލުކުރައްވައިފި

އައްސޭރި ޖަލުގައި ކުރިއަށްގެންދާ އިމަޖެންސީ ސަޕޯރޓް ގްރޫޕް (އީ.އެސް.ޖީ) ގެ ރިފްރެޝަރ ޓްރެއިނިންގ ޕްރޮގްރާމް ގައި ބައިވެރިވާ އޮފިސަރުންނާއި ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު ޙުޝާމް އިއްޔެ ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުމުގައި ކޮމިޝަނަރ ދެއްކެވި ވާހަކަފުޅުގައި އީ.އެސް.ޖީ އޮފިސަރުންނަކީ ކޮމްބެޓް އޮރިއެންޓެޑް އޮފިސަރުން ކަމަށާއި، އީ.އެސް.ޖީ އޮފިސަރުން ބޭނުންކުރާ ޔުނީފޯމަކީވެސް މިފަދަ ޔުނީފޯމަކަށް ވާންޖެހޭކަމަށް ވިދާޅުވިއެވެ. އަދި އީ.އެސް.ޖީ އޮފިސަރުންނަކީ ވަރަށް މުހިންމު ޒިންމާތަކެއް އުފުލާ އޮފިސަރުންތަކެއް ކަމަށާއި، އެޒިންމާތައް ފުރިހަމައަށް އުފުލޭނީ ވަރަށް ހަރުދަނާކޮށް ޓްރެއިނިންގް ތަކެއް ހިންގިގެންކަމަށާއި، އެކަން ވިސްނުމުގައި ބަހައްޓައިގެން މިހާރު ކުރިއަށްދާ ޓްރެއިނިންގް ތައްވެސް ކުރިއަށްގެންދިއުމަށް އިލްތިމާސް ކުރެއްވިއެވެ.

އަދި އީ.އެސް.ޖީ އޮފިސަރުންނަކީ އަޚުލާގާއި ވިސްނުން ރަނގަޅު އެހެން އޮފިސަރުންނަށް ނަމޫނާ ބަޔަކަށް ވުމަށް އިލްތިމާސް ކުރެއްވިއެވެ. އަދި މިބައްދަލުކުރެއްވުމުގައި އީ.އެސް.ޖީ އިން އިސްނަގައިގެން ޖަލުތަކުގެ ސެކިއުރިޓީ ހަރުދަނާ ކުރުމަށް ކުރަމުންގެންދާ މަސައްކަތްތަކަށް އީ.އެސް.ޖީ ގެ ވެރިންނަށާއި، އޮފިސަރުންނަށް ކޮމިޝަނަރ ޝުކުރުއަދާ ކުރެއްވިއެވެ.

މިތަމްރީން ޕްރޮގްރާމަކީ އައްސޭރި ޖަލުގައި ތިބި އީ.އެސް.ޖީ އޮފިސަރުނާއި މާފުށީޖަލުގައި ތިބި އީ.އެސްޖީ އޮފިސަރުން ގުޅިގެން އެއް ހަފްތާގެ މުއްދަތަށް ކުރިއަށް ގެންދާ ތަމްރީން ޕްރޮގްރާމެކެވެ. މިތަމްރީން ތަކުގައި އައްސޭރި ޖަލުން ޖުމްލަ 13 އޮފިސަރުން ބައިވެރިވެއެވެ.