އައިކޯސްޓްގެ ފަރާތުން ކުރިއަށް ގެންދިޔަ ފެސިލިޓޭޓާރ ޓްރެއިނިންގ ޕްރޮގްރާމް ނިންމާލައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގެ ފަރާތުން ކުރިއަށް ގެންދިޔަ ފެސިލިޓޭޓާރ ޓްރެއިނިންގ ޕްރޮގްރާމް ނިންމާލައިފިއެވެ.

މި ޓްރެއިނިންގ ޕްރޮގްރާމް ނިންމާލުމަށް މިއަދު މާފުށީ ޖަލުގެ ލެކްޗަރ ހޯލްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) ގެ އެގްޒެކެޓިވް ޑައިރެކްޓަރ، ޗީފް ޕްރިޒަންސް އޮފިސަރ އަަހްމަދު ރިޒާ ވިދާޅުވީ މި ތަމްރީނު ޕްރޮގްރާމްގައި ބައިވެރިކުރީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުންގެ ތެރެއިން ޑިޕްލޮމާ ލެވެލްގެ އޮފިސަރުން ކަމަށެވެ. އަދި ޑިގްރީ ލެވެލް އަށާއި އެއަށްވުރެން މައްޗަށް ކިޔެވުމަށް ކޮންމެ އޮފިސަރަކުވެސް އިތުރަށް މަސައްކަތް ކުރުމަށް ވިދާޅުވިއެވެ.

ޗީފް ޕްރިޒަންސް އޮފިސަރ އަަހްމަދު ރިޒާ އިތުރަށް ވިދާޅުވީ ކޮންމެ ޕްރިޒަން އޮފިސަރަކީވެސް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ކުރިއެރުމަށް މަސައްކަތް ކުރަންޖެހޭ އޮފިސަރެއް ކަމަށާއި، މުއައްސަސާގެ އަގު ހިފެހެއްޓުމަށް ހުރިހާ އޮފިސަރުންވެސް ބުރަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ. އަދި މި ޓްރެއިނިންގ ޕްރޮގްރާމް ފުރިހަމަކުރި ކޮންމެ އޮފިސަރަކީ އެހެން އޮފިސަރުންނަށް ނަމޫނާ އޮފިސަރަކަށް ވުމަށް ވިދާޅުވިއެވެ.

ފެސިލިޓޭޓާރ ޓްރެއިނިންގ ފޮރޮގްރާމަކީ މިހާރު ޖަލުތަކުގައި ތިބި އޮފިސަރުންނަށް ސެޓްފިކެޓް ލެވެލް އެކެއް އަދި ސެޓްފިކެޓް ލެވެލް ދޭއް ހިންގުމަށް ބޭނުންވާ ފެސިލިޓޭޓަރުން ތަމްރީނު ކުރުމަށް 10 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ތަމްރީނު ޕްރޮގްރާމެކެވެ. މި ތަމްރީނު ޕްރޮގްރާމްގައި މާފުށީ ޖަލުގެ ހަ އޮފިސަރުންނާއި، މާލޭ ޖަލުގެ އޮފިސަރަކާއި، ހެޑް އޮފީހުގެ ދެ އޮފިސަރުންގެ އިތުރުން އައްސޭރި ޖަލުގެ އޮފިސަރަކާއި އިމަޖެންސީ ސަޕޯރޓް ގްރޫޕްގެ އޮފިސަރަކާއިއެކު ޖުމްލަ 11 އޮފިސަރުން ބައިވެރިވިއިރު، ހުރިހާ އޮފިސަރުންވެސް ވަނީ ޕްރޮގްރާމް ފުރިހަމަކޮށްފައެވެ.

މި ޓްރެއިނިންގ ޕްރޮގްރާމްގައި ޖުމްލަ ހަތް މާއްދާ ކިޔަވައިދީފައި ވެއެވެ. އޭގެ ތެރޭގައި ޕަވަރޕޮއިންޓް ޕްރެޒެންޓޭޝަން ހަދާނެ ގޮތްތަކާއި ކްލާސްތައް ކުރިއަށް ގެންދާނެ ގޮތުގެ ހުނަރުތަކާއި ލެސަންޕްލޭން ހަދާނެ ގޮތް ދަސްކޮށްދެވިފައި ވެއެވެ. އަދި ފުޓް ޑްރިލް ކްލާސްތައްވެސް މި ޓްރެއިނިންގ ޕްރޮގްރާމްގައި ހިމަނާފައިވެއެވެ.