ޕީއާރުސީ ވޮލީ ޓޯރނަމެންޓް 2019: މުބާރާތުގެ ޗެމްޕިއަންކަން މާފުށީ ޖަލުން ހޯދައިފި

މިދިޔަ މާރޗް މަހުގެ 25 ވަނަ ދުވަހު ފެށިގެން ކުރިއަށް ދިޔަ ޕީއާރުސީ ވޮލީ ޓޯރނަމެންޓް 2019 ގެ ޗެމްޕިއަންކަން މާފުށީ ޖަލުން ހޯދައިފި އެވެ.

މާފުށީ ޖަލުން މުބާރާތުގެ ޗެމްޕިއަންކަން ހޯދީ، ރޭ ކުރިއަށްދިޔަ ފައިނަލް މެޗުގައި މާލޭ ޖަލާއި ވާދަކޮށް 3 ސެޓު 1 ސެޓުގެ ނަތީޖާ އަކުން މާލެ ޖަލުގެ މައްޗަށް ކުރިހޯދައިގެންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ މާފުށީ ޖަލުގެ ޖަރޒީ ނަންބަރު 11 ހުސައިން ސަމާހު އެވެ.

Maafushi Prison

މުބާރާތުގެ ޗެމްޕިއަން ޓީމްގެ ކޯޗް އެސްޕީއޯ އިބްރާޙިމް ނައީމް ވިދާޅުވީ، ޓީމުގެ ކޯޗުގެ ޙައިޞިއްޔަތުން ޓީމުން މި ލިބުނު ކާމިޔާބީ އާއި ދެތެރޭ އުފާ ކުރާ ކަމަށެވެ.

Maafushi prison

ފައިނަލް މެޗަށް ފަހު މުބާރާތުގެ ޗެމްޕިއަން ޓީމަށް ޓްރޮފީ ހަވާލްކޮށްދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އިބްރާހިމް މުޙައްމަދު ދީދީ އެވެ. އަދި މުބާރާތުގެ އެންމެ މޮޅު 6 ކުޅުންތެރިންނަށާއި، ފެއަރ ޕްލޭ ޓީމަށާއި އެންމެ މޮޅު ކޯޗްގެ އިތުރުން އެންމެ މޮޅު މިބަރީ އަދި އެންމެ އުންމީދީ ކުޅުންތެރިޔާ ވެސް ވަނީ ހޮވާފަ އެވެ. އެގޮތުން މުބާރާތުގެ ފެއަރ ޕްލޭޓީމަކަށް ހޮވިފައިވަނީ މާފުށި ޕްރިޒަން އެވެ. އަދި އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ މާފުށި ޕްރިޒަން ޓީމް ކޯޗް އެސްޕީއޯ އިބްރާޙިމް ނައީމް އެވެ. މީގެއިތުރުން އެންމެ މޮޅު ލިބަރޯ ކަމަށް އީއެސްޖީ ޓީމް ޖާރޒީ ނަންބަރު 11 ސީޕީއޯ އަޙްމަދު އަބްދުލްވައްހާބް މުޙައްމަދު ހޮވިފައިވާއިރު، އެންމެ އުންމީދީ ކުޅުންތެރިޔަކަށް ހޮވިފައިވަނީ އައިކޯސްޓް ޓީމްގެ ޖާރޒީ ނަންބަރު 7 ޓީޕީއޯ އަޙްމަދު ޝަމާލް އެވެ.

މި މުބާރާތުގެ އެންމެ މޮޅު 6 ކުޅުންތެރިންނަށް ހޮވިފައިވަނީ، މާފުށި ޕްރިޒަން ޖާރޒީ ނަންބަރު 8 އެފްޕީއޯ މުޙައްމަދު ޝަރީފާއި، މާފުށި ޕްރިޒަން ޖާރޒީ ނަންބަރު 5 އެސްޖީޓީ ހުސެއިން ފަޒީލާއި، މާފުށި ޕްރިޒަން ޖާރޒީ ނަންބަރު 11 އެލްސީޕީ ހުސެއިން ސަމާހްއާއި، މާފުށި ޕްރިޒަން ޖާރޒީ ނަންބަރު 14 އެސްއެސްޖީ އަޙްމަދު ސާހިން އާއި، މާލެ ޕްރިޒަން ޖާރޒީ ނަންބަރު 13 އެލްސީޕީ އަޙްމަދު ޝާހިންގެ އިތުރުން ހެޑް އޮފީސް ޖާރޒީ ނަންބަރު 8 ޕީވީޓީ ފިރާސް އަބްދުއްރަހީމް އެވެ.