އުރީދޫއިން މާފުށިޖަލުގައި ސްމާރޓް ކެމްޕަސްއެއް ތަޢާރަފްކޮށްފި

ICOST

މިނިސްޓްރީ އޮފް ހޯމް އެފެއާޒް އާއި އުރީދޫ މޯލްޑިވްސް އަދިި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގުޅިގެން، މާފުށީ ޖަލުގައި ސްމަރޓް ކެމްޕަސް ޑިޖިޓަލް ކްލާސްރޫމެއް މިއަދު ތަޢާރަފްކޮށްފި އެވެ.

މި ކެމްޕަސް އިފްތިތާޙު ކޮށްދެއްވީ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބް، އޮންރަބަލް ފައިސަލް ނަސީމް އެވެ. މީގެ އިތުރުން، މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް ޢަބްދުﷲ މުނާޒް އާއި އުރީދޫގެ ޗީފް އެގްޒެކެޓިވް އޮފިސަރ ނަޖީބް ޚާން އާއި މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝެއިޚް ޢިމްރާން ޢަބްދުﷲ އާއި މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ އިބްރާހިމް ޙަސަން އާއި، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު އާއި، އުރީދޫގެ އިސްވެރިންނާއި، އެމްއެންޑިއެފްގެ ބައެއް އޮފިސަރުންގެ އިތުރުން އެމްސީއެސްގެ ބައެއް އޮފިސަރުން ބައިވެރިވި އެވެ.

މިއަދުގެ ރަސްމިއްޔާތުު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލް ޖުމްހޫރިއްޔާގެ ނައިބް ފައިސަލް ނަސީމް ވިދާޅުވީ، ކޮންމެ މީހަކީ ވެސް ޢިލްމު އުނގެނުމުގެ ޙައްޤު ލިބިގެންވާ މީހެއްކަމަށާއި، މިއަދު މި ތަޢާރަފް ކުރެވުނު ކެމްޕަސްގެ ސަބަބުން އެ ފުރުޞަތު ކޮންމެ މީހަކަށް ވެސް ފަހިވެގެން ދާނެ ކަމަށެވެ. އަދި އެއްވެސް މީހަކު ބާކީ ނުކޮށް ޖަލުތަކުގައި ތިބޭ ޤައިދީންނަށް ވެސް ޢިލްމު އުނގެނުމުގެ ފުރުޞަތު އޮންނަން ޖެހޭ ކަމަށާއި، މިފަދަ ޕްލެޓްފޯރމް ތަކުގެ ސަބަބުން ޤައިދީން އަބުރާ މުޖުތަމަޢަށް ނުކުންނަ އިރު އެމީހުންނަކީ ވެސް ޤާބިލް ބަޔަކަށް ހެދިގެންދާނެ ކަމަށެވެ. އެހެންކަމުން ލިބޭ މިފަދަ ފުރުޞަތުތަކުގެ ބޭނުުން އެންމެ ފުރިހަމައަށް ހިފުމަށް ވެސް ނައިބް ރައީސް ފައިސަލް ނަސީމް އިލްތިމާސްކުރެއްވި އެވެ.

މީގެ އިތުރުން، މިނިސްޓަރ އޮފް ހޯމް އެފެއާޒް ވިދާޅުވީ، ޖަލަށް ލަނީ އަދަބު ދިނުމުގެ ގޮތުން ނޫން ކަމަށާއި، އޭގެ ބަދަލުގައި އެމީހުން އިޞްލާޙު ކުރުވާ، ޤާބިލް ބަޔަކަށް ހެދުމަށް ކަމަށެވެ. އަދި އެކަން ޙާޞިލް ކުރެވޭނީ ޢިލްމު އުނގަންނައިދީ ތަމްރީނުކޮށްގެން ކަމަށެވެ. އަދި ވިދާޅުވީ، އަމާޒަކީ، ޙުކުމް ތަންފީޒުކޮށް މުޖުތަމަޢަށް ނުކުންނަ ކޮންމެ ޤައިދީ އަކީ ވެސް މުޖުތަމަޢަށް ފައިދާކުރުވަނިވި މީހަކަށް ހެދުން ކަަމަށެވެ.

މީގެ އިތުރުން، ޤައިދީން އަނބުރާ މުޖުތަމަޢަށް ނުކުންނަ އިރު، އެމީހުންނަކީ އުޅުމާ އަޚްލާޤަށް ހެޔޮ ބަދަލުތަކެއް އައިސްފައިވާ ބަޔަކަށް ހެދުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ކުރަމުންގެންދާ މަސައްކަތުގައި ނައިބް ރައީސް ފައިސަލް ނަސީމް ވެދެއްވާ އެހީތެރިކަމަށާއި، ބަހައްޓަވާ ގާތްކަމަށްޓަކައި ކޮމިޝަނަރ އޮފް ޕްރިޒަންސް ޢަބްދުﷲ މުނާޒް ވަނީ ޝުކުރު ދަންނަވާފަ އެވެ. “އެކިއެކި ކުއްތަކަށް ޅައުމުރުގައި، އަރައިގަނެވިފައިވާ ޒުވާނުން، މުޖްތަމައުއަށް އަނބުރާ އަންނައިރު، އެޒުވާނުންނަކީ، މުޖްތަމައު ޤަބޫލުކުރާ، ހެޔޮ ބަދަލުތަކެއް، އުޅުމާ އަޚްލާޤަށް އައިސްފައިވާ ބަޔަކަށް ހެދުމަށް، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން ކުރާ މަސައްކަތުގައި، ރައީސުލް ޖުމްހޫރިއްޔާގެ ނާއިބު، އޮނަރަބަލް ފައިސަލް ނަސީމް،  ވެދެއްވާ އެހީތެރިކަމާ، ބަހައްޓަވާ ގާތްކަމަށްޓަކާ، މަނިކުފާނަށް، އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން” ކޮމިޝަނަރ އޮފް ޕްރިޒަންސް ޢަބްދުﷲ މުނާޒް ވިދާޅުވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި، އައިކޯސްޓާއި ބެހޭގޮތުން ތައްޔާރުކޮށްފައިވާ ޕްރެޒެންޓޭޝަނަކާއި، އުރީދޫ ސްމާރޓް ކެމްޕަސް އާއި ބެހޭގޮތުން ތައްޔާރުކޮށްފައިވާ ޕްރެޒެންޓޭޝަނެއް ވެސް ވަނީ ހުށަހަޅާފަ އެވެ. އަދި، މިއަދު ތައާރަފްކުރެވިގެންދިޔަ ޕްލެޓްފޯރމް ބޭނުންކުރާނެ ގޮތުގެ ޕްރެޒެންޓޭޝަނެއް އުރީދޫގެ ސީއީއޯ ނަޖީބް ޚާން ހުށަހަޅާދެއްވި އެވެ. މި ޕްރެޒެންޓޭޝަންގައި އުރީދޫ ސްމާރޓް ކެމްޕަސް ބޭނުުން ކުރާނެ ގޮތާއި، މި ކެމްޕަސްގައި ރެޖިސްޓަރ ވާނެ ގޮތުގެ އިތުރުން، ކްލާސްތައް ކުރިއަށްގެންދިއުމާއި، ދަރިވަރުންނާ ފިލާވަޅުތަކާއި އެސައިންމެންޓްތައް ޙިއްސާކުރާނެގޮތް ވެސް ކިޔާދެއްވި އެވެ. މީގެ އިތުރުން ނަޖީބް ޚާން ވިދާޅުވީ، މި ޕްލެޓްފޯރމް މެދުވެރިކޮށް ހުރިހާ ކަމެއް ޑިޖިޓަލައިޒްކޮށް ކުރެވިގެންދާނެ ކަމަށާއި، ދަރިވަރުންގެ ޕާސް ޕަރސެންޓޭޖާއި ފެއިލް ޕަރސެންޓޭޖް ވެސް ބަލާލެވޭނެ ކަމަށެވެ. އަދި މި ޕްލެޓްފޯރމް މެދުވެރިކޮށް ކޯހުގެ ފީ ބަލައިގަތުން ފަދަކަންކަން ވެސް ކުރެވޭނެ ކަމަށާއި، ދަރިވަރުންގެ އެޓެންޑެންސް ވެސް އޮންލައިންކޮށް ބެލެހެއްޓޭނެ ކަމަށެވެ. އަދި މި ޕްރެޒެންޓޭޝަންގައި ސްމާރޓް ކެމްޕަސްގެ ލައިވް ޑެމޯ އެއްވެސް ވަނީ ދައްކާލާފަ އެވެ.

މި ކެމްޕަސް ޤާއިމްކޮށްފައި ހުންނާނީ، މާފުށީ ޖަލުގަ އެވެ. ރާއްޖޭގެ ޔުނިވަރސިޓީތަކާއި ގުޅިގެން މި ޕްލެޓްފޯރމް މެދުވެރިކޮށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުންނާއި، މި މުއައްސަސާގެ ބެލުމުގެ ދަށުގައިވާ ޤައިދީންނަށް މި ޕްލެޓްފޯރމް މެދުވެރިކޮށް ތަފާތު ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށް ވަނީ ހަމަޖެހިފަ އެވެ.

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published. Required fields are marked *