ޤިރާއަތު ލެވެލް 3 ގެ 5 ވަނަ ބެޗް ފަށައިފި

ޤިރާއަތު ލެވެލް 3 ގެ 5 ވަނަ ބެޗް މާފުށި ޖަލުގައި މިއަދު ފަށައިފި އެވެ.

7 މަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ކޯހަކީ އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އާއި އިންސްޓިޓިއުޓް ފޯރ ޤުރއާން އެންޑް ސުންނަތާއި ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މި ކޯހުގައި ޤިރާއަތު ލެވެލް 2 ގެ 8 ވަނަ ބެޗް ނިންމާ ފާސްވި މާފުށީ ޖަލުގެ ޤައިދީންގެ ޖުމްލަ 7 ޤައިދީއަކު ބައިވެރިވެފައި ވެއެވެ.

މިކޯހަކީ ފަރިތަކަމާއި އެކު ކީރިތި ޤުރުއާން ކިޔަވަން ދަންނަ ޤައިދީންގެ ތެރެއިން ޤިރާތުގެ ދާއިރާއިން ކުރިއަށް ދިއުމަށް ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ ކޯހެކެވެ. ލެވެލް 3 ނިމޭއިރު 30 ވަނަ ފޮތް ތަޖުވީދުމަގުން ހިތުން ކިޔަން އެނގިގެން ދާނެއެވެ. އަދި އަރަބި ހުރިހާ އަކުރެއްގެ މަޚްރަޖާއި ސިފަތައް ބުނެދޭން އިނގުމުގެ އިތުރުން، މަޚްރަޖު ތަކަށް ބޭނުންވާ ބައިތަކާއި އެބައި ތަކުގެ ތަފްސީލް އަދި ތަޖްވީދުގެ އާންމު ހުރިހާ ޤަވައިދެއް އެނގިގެންދާނެއެވެ. އަދި، އަޙްލާޤީ ރިވެތި ސިފަތައް ވެސް މި ކޯހުގައި އުންގަންނައި ދެވޭނެއެވެ. މީގެއިތުރުން، މި ކޯސްފުރިހަމަ ކުރާ ޤައިދީންނަށް ސެޓްފިކެޓް 4 އިން ޤިރާތް ކޯސް ހެދުމުގެ ފުރުޞަތު ލިބޭނެއެވެ.

މި ކޯސް ކުރިއަށްދަނީ ކޮންމެ ހަފްތާއެއްގެވެސް ހުކުރު އަދި ހޮނިހިރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު 2 ގަޑިއިރަށް މާފުށީ ޖަލުގައެވެ.