އެޗްއާރުސީއެމުން ކޮމިޝަނަރ އޮފް ޕްރިޒަންސްއާ ބައްދަލުކުރައްވައިފި

DPRS n HRCM

ޖަލުގެ ކަންތައްތައް ބެލެހެއްޓެވުމަށާއި ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހެބިލިޓޭޝަން ސަރވިސަސް (ޑީ.ޕީ.އާރު.އެސް) ގެ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޝިހާންއާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރސީއެމް) އިން މިއަދު ބައްދަލުކުރައްވައިފިއެވެ.

 

މިބައްދަލުކުރެއްވުމަކީ އެޗްއާރސީއެމުން ކޮމިޝަނަރ އޮފް ޕްރިޒަންސްއަށް ތައާރަފްވުމުގެގޮތުންނާއި ޑީ.ޕީ.އާރު.އެސްގެ މަސައްކަތްތަކާމެދު މަޝްވަރާކުރެއްވުމަށް ބޭއްވުނު ބައްދަލުވުމެކެވެ.

މިބައްދަލުވުމުގައި ޖަލުގައި ހުކުމް ތަންފީޛު ކުރަމުންދާ ފަރާތްތަކުން ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށަހަޅާފައިވާ ޝަކުވާތަކާގުޅޭގޮތުން ޑީ.ޕީ.އާރު.އެސް އިން ސާފުކުރަން ބޭނުންވާ ކަންތައްތަކާއި އަދި ކޮމިޝަނުގެ އެން.ޕީ.އެމް ގެ ފަރާތުން ޖަލުތަކުގެ ކަންކަމާއިބެހޭގޮތުން އިންސްޕެކްޓްކޮށް ހުށަހަޅާފައިވާ ރިޕޯރޓްތަކުގައި އިސްލާޙުކުރުމަށް ހުށަހަޅާފައިވާ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. އަދި ހުކުމް ތަންފީޒުކުރުމުގެ މުހިންމުކަމާއި ގައިދީން ހުކުމް ތަންފީޒުކުރަމުންދާއިރު އެފަރާތްތައް އިސްލާހުކޮށް މުޖްތަމަޢުއަށް އަހުލުވެރިކުރުމުގެގޮތުންވެސް މަޝްވަރާކުރެވުނެވެ. މިކަމުގައި މިހާރު ޑީ.ޕީ.އާރު.އެސް އިން ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންގެންދަވާކަމަށާއި މިގޮތުން ރާއްވަމުންގެންދަވާ ޕްރޮގްރާމްތަކުގެ މަޢުލޫމާތު ކޮމިޝަނާ ހިއްސާކުރެއްވިއެވެ.

މިބައްދަލުވުމުގައި ކޮމިޝަންގެ ރައިސާ އަލްފާޟިލާ މަރިޔަމް ޢަޛުރާ އަޙުމަދުއާއި މެމްބަރ ޑރ. އަލީ ޝަމީމުއާއި އައްޝައިޚް އަޙުމަދު އަބްދުލް ކަރީމްގެ އިތުރުން ކޮމިޝަންގެ އިންވެސްޓިގޭޝަން ޑިޕާރޓްމަންޓުގެ ޑިރެކްޓަރާއި ނެޝަނަލް ޕްރިވެންޓިވް މެކަނިޒަމް (އެން.ޕީ.އެމް)ގެ ޑިރެކްޓަރާ އަދި ކޯޕަރޭޓް އެފެއާރޒްގެ ޑިރެކްޓަރު ބައިވެރިވެވަޑައިގެންނެވިއެވެ.

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published. Required fields are marked *