އާރު-37 ގެ ފުރުސަތުގެ ދަށުން އަދަބުލުއިކޮށްދެއްވި ޤައިދީން ދެވަނަ މަރުހަލާ ފުރިހަމަކޮށް، ތިން ވަނަ މަރުހަލާ ފަށައިފި

އަދަބު ލުއިކޮށްދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވައިދުގެ ތެރެއިން އަދަބު ލުއިކޮށްދެއްވާފައިވާ ޤައިދީން ދެވަނަ މަރުހަލާ ފުރިހަމަކޮށް، ތިން ވަނަ މަރުހަލާ ފަށައިފިކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ބުނެފިއެވެ.

އެމްސީއެސްއިން ބުނީ އާރު-37 ގެ ފުރުސަތުގެ ދަށުން ދޫކުރި ޤައިދީން ދެ މަސް ދުވަސް ވަންދެން ރަށު ބަންދު މަރުހަލާ ފުރިހަމަކޮށްފައިވާ ކަމަށާއި މިހާރު ދަތުރުފަތުރު ކުރުމުގެ ފުރުސަތު އެ ޤައިދީންނަށް ލިބިފައިވާކަމަށެވެ.

ދެވަނަ މަރުހަލާ ނިމުނުއިރު ފުރުސަތުން ފެއިލްވެގެން 29 މީހުން އަނބުރާ ޖަލަށް ގެންގޮސްފައިވާކަމަށް އެމްސީއެސްއިން މައުލޫމާތުދެއްވައެވެ.

އާރު-37 ގެ ފުރުސަތަކީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ އިސްނެންގެވުމުގެ ދަށުން، ކުދިކުދި ކުށްތަކުގައި އަދަބު ލިބެމުންދާ ފަރާތްތަކަށް އިސްލާހުވުމުގެ ފުރުސަތެއް ދިނުމުގެ ގޮތުން ދީފައިވާ ފުރުސަތެކެވެ.

ގައިދީންނަށް އިސްލާހީ ހާއްސަ ފުރުސަތު ދޭން ނިންމާފައިވަނީ ކަނޑައަޅާފައިވާ ވަކި ކަންތައްތަކަށް އަރައިނުގަތުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާ އެކު އެއްބަސްވެ އިގުރާރުކޮށްފައެވެ. އެގޮތުން އެއް މަސް ދުވަހުގެ މުއްދަތަށް ގޭ ބަންދުގައި ހުރުމާއި، ދެ މަސް ދުވަހުގެ މުއްދަތަށް ރަށު ބަންދުގައި ހުރުމާއި، ފުރަތަމަ ތިން މަސް ހަމަވުމުން އަހަރުތަކެއް ވަންދެން މޮނިޓަރިން މަރުހަލާގައި މުޖުތަމައުގައި ހޭދަކުރުން ހިމެނެއެވެ.