މާލޭ ޖަލުގެ ހިދުމަތް ފަށާފައިވަނީ 17 ޖެނުއަރީ ގައި

މާލެ ޖަލަކީ ގޭބަންދު ކުރުމަށާއި، އަރުވާލުމަށާއި އަދި ޖަލަށްލުމަށް ޙުކުމް ކުރުމުން އެ ޤައިދީން އެންމެ ފުރަތަމަ ގެނެވޭ ތަނެވެ. އަދި އެހެން ޖަލު ތަކުގައި ޙުކުމް ތަންފީޛު ކުރަމުންދާ ޤައިދީން އެކިއެކި ބޭނުންތަކަށް މާލެ ގެނެސް އެ ބޭނުމެއް ނިމެންދެން ވަގުތީގޮތުން ބަހައްޓަނީވެސް މާލޭ ޖަލުގައެވެ.

މާލޭ ޖަލުގެ ރިސެޕްޝަނަކީ ޤައިދީންގެ އާއިލާތަކަށް ހިދުމަތް ދިނުމަށްޓަކައި ހެދިފައިވާ ތަނެކެވެ. އެގޮތުން ޤައިދީންނާއި ބަންދުމީހުންގެ އާއިލާތަކުން ބައްދަލުވުމަށްއެދި ހުށަހަޅާ ފޯރމް ބަލައިގަތުމާއި ވަކީލާއި ޤައިދީން ބައްދަލުވުމަށް ފޯރމް ބަލައިގަތުމާއި އެކި ޖަލުތަކުގެ އާއިލީ ބައްދަލުވުންތަކާއި އެކަހެރި ބައްދަލުވުމުގެ ހުއްދަ ޤައިދީންނާއި ބަންދުމީހުންގެ އާއިލާތަކަށް ޙަވާލުކުރުން ފަދަ ހިދުމަތްތައް ދެމުން ގެންދަނީވެސް މާލޭޖަލުންނެވެ.

17 ޖެނުއަރީ 2008 ވީ ބުރާސްފަތި ދުވަހަކީ މަދު އޮފިސަރުންކޮޅަކާއިއެކު މާލޭ ޖަލު ހުޅުވިގެން ދިޔަ ދުވަސްކަމަށްވުމުން، މިއަދަކީ މާލޭ ޖަލުގެ 10 ވަނަ އަހަރީ ދުވަހެވެ. މި ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ހަވީރު އެ ޖަލުގައި ވަނީ ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޝިހާން އެވެ.

މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒިލާލް އާއި މާލެ ޖަލުގެ ޑައިރެކްޓަރ އޮފް ޕްރިޒަން، އެސްޕީ މޫސާ އަންވަރުގެ އިތުރުން ޖަލުތަކުގެ ޑައިރެކްޓަރުންނާއި ކޮމިޝަންޑް އޮފިސަރުންނާއި ގިނަ އަދަދެއްގެ އޮފިސަރުން ބައިވެރިވެލެއްވިއެވެ.