އެއްވެސް ޕްރިޒަން އޮފިސަރެއްގެ ހައިސިއްޔަތުން ބަރީއަ ނުވެވޭނެ – ކޮމިޝަނަރ އޮފް ޕްރިޒަންސް

މާފުށީ ޖަލު
މާފުށީ ޖަލު

ޕްރިޒަން އޮފިސަރުންނަކީ ކޮންމެ ދުވަހެއްގެ 24 ގަޑިއިރު ހަފްތާއަކު ހަތް ދުވަހު ކޮންމެ ހިސާބެއްގައި ކޮންމެ ކަމެއް ކުރަންހުރި ކަމުގައިވިޔަސް ޕްރިޒަން އޮފިސަރެއްގެ ހައިސިއްޔަތުން އެއްވެސް އޮފިސަރަކު، ބަރީއަ ނުވެވޭނެ އޮފިސަރެއްކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޝިހާން ވިދާޅުވެއްޖެއެވެ.

ސީޕީ ޝިހާން މިހެން ވިދާޅުވީ އިއްޔެ މާފުށީ ޖަލުގެ އެސްއެމްޓީ އާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

މި ބައްދަލުވުމުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒިލާލް އާއި ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް އިބްރާހިމް މުހައްމަދު ދީދީ ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި ސީޕީ ޝިހާން ވިދާޅުވީ ސިޔާސީ ހަރަކާތްތަކުގައި ޕްރިޒަން އޮފިސަރުން އުޅެގެން ނުވާނެކަމަށާއި ހުންނަންވާނީ އަބަދަވެސް ވަރަށް “ނިއުޓްރަލް” ކޮށް ކަމަށެވެ. އަދި ކުރިއަށް ދެވޭނީ ގާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތައިގެންކަމަށާއި ޕްރިޒަން އޮފިސަރުންގެ ހައިސިއްޔަތު ދެމެހެއްޓުމާއެކު މި ސަރވިސް ކުރިއަރުވަން ބޭނުންކަމުގައިވާނަމަ ގާނޫނީ އިމުގެ ތެރޭގައި ސާބިތުވެ ހުރުމަށް ސީޕީ ޝިހާންގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

ސީޕީ ޝިހާން އިތުރަށް ވިދާޅުވީ ހުރިހާ އޮފިސަރުންނަކީވެސް ވަރަށް “ކްލީން” އޮފިސަރުންނަށް ވާންޖެހޭނެ ކަމަށާ ވަކިމީހަކު ފޮރުވުމަށް ގާނޫނާއި ގަވައިދާ ހިލާފު އެއްވެސް ކަމެއް ކުރަން ނުޖެހޭނެ ކަމަށެވެ. އަދި އޮފިސަރުންގެ ތެރެއިން ގަވާއިދާ ހިލާފު އަމަލުކުރާ އޮފިސަރުން ހުއްޓުވައި އެމީހުންނަށް ރަނގަޅުގޮތް ކިޔައިދީ އިސްލާހު ކުރުމަށް މަސައްކަތް ކުރުމަށް ވިދާޅުވިއެވެ. އެއީ ކިތަންމެ ގިނަދުވަހު މި ސަރވިސްގައި އުޅެފައިވީ އޮފިސަރެއްނަމަވެސް ނުވަތަ ކިތަންމެ ސީނިއާކޮށް މަސައްކަތް ކުރަމުންގެންދާ އޮފިސަރެއްނަމަވެސް އަދި ކޮންމެ ޕްރިޒަން އޮފިސަރަކު ނަމަވެސް އެފަދަ އަމަލެއް ކުރާނަމަ ވަގުތުން އެކަންކަން ހުއްޓުވަން ޖެހޭނެކަމަށް ސީޕީ ޝިހާން ވިދާޅުވިއެވެ.

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published. Required fields are marked *