މާފުށީ ޖަލުގެ އަންހެން ގައިދީންނަށް ރިހެބިލިޓޭޝަން ފްރޭމްވޯކް އިފްތިތާހު ކޮށްފި.

ރިހެބިލިޓޭޝަން ފްރޭމްވޯކް އިފްތިތާޙް ކުރުމަށް ބޭއްވި ޙަފްލާ ނިންމާލުމަށްފަހު ނަގާފައިވާ ގްރޫޕް ފޮޓޯ

މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ގެންދާ އަންހެން ގައިދީންނަށް ރިހެބިލިޓޭޝަން ފްރޭމްވޯކް ފޭސް 1 އިފްތިތާހް ކޮށްފިއެވެ. މި ހަފްލާ އޮތީ ރޭ މާފުށީ ޖަލުގައެވެ.

ރޭގެ ހަފްލާގައި މާފުށީ ޖަލުގެ ޑައިރެކްޓަރ އޮފް ޕްރިޒަން އޭއެސްޕީ އަބްދުﷲ އަމީން އާއި އައިކޯސްޓްގެ އެގްޒެކެޓިވް ޑައިރެކްޓަރ އެސްޕީއޯ އަހުމަދު ޝާހިދުގެ އިތުރުން އެމްސީއެސްގެ ކޮމިޝަންޑް ރޭންކްގެ އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ހަތަރު ފޭސްއަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި ފްރޭމްވޯކްގެ ބޭނުމަކީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައި ހުކުމް ތަންފީޒު ކުރަމުންގެންދާ ގައިދީންގެ ހާލަތު ދެނެގަނެ، ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކަށް އަހުލުވެރި ކުރުވައި، ގައިދީން ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ބާރުއަޅާ އަދި ހަރުދަނާ ރިވެތި އަހުލާގުގެ މަތީގައި ތިބުމަށް ބާރުއަޅާ ދީނީ ކަންތައްތައް އެނގިފައިވާ މިންވަރު ބަލައި، ދީނީގޮތުން މީހާގެ އަގީދާ ވަރުގަދަ ކުރުމަށްޓަކައި ދަސްކޮށްދޭންޖެހޭ ކަންތައްތައް ދަސްކޮށްދިނުމެވެ.

ރޭގެ ހަފްލާގައިވަނީ މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގެ ކައުންސެލިންގ ކޯސް ފުރިހަމަކުރަމުންދާ އެކޯހުގެ ދަސްވެނިން މަސައްކަތު ތަޖުރިބާ ހޯދުމުގެ ގޮތުން މާފުށީ ޖަލުގެ ފިރިހެން ގައިދީންނަށް ހިންގާ ރިހެބިލިޓޭޝަން ފްރޭމްވޯކް ފޭސް 2 އަށް ކްލާސްތައް ނަންގަވައިދެއްވާފައިވާތީއާއި ކްލާސްތައް ކުރިއަށް ގެންދިއުމަށް ކޮށްފައިވާ ބުރަ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ހަނދާނީ ފިލާ ހަވާލުކޮށްފައެވެ. މާފުށީ ޖަލުން ބުނީ ފޭސް 2ގެ ކްލާސްތައް ކުރިއަށް ގެންދިއުމަށް ކައުންސެލިންގ ކޯސް ފުރިހަމަކުރާ ކުދިންގެ ފަރާތުން މި ފޭސްއަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދިޔަ ކަމަށެވެ.