‏މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކޮށްފި‏

ކޮންމެ އަހަރެއްގެވެސް މާރޗް މަހުގެ އަށްވަނަ ދުވަހަކީ، ކަންކަމުގައި އަންހެނުންގެ ދައުރު ފާހަގަކުރުމަށާއި، އަންހެނުންނަށް ކުރެވޭ އަނިޔާ ހުއްޓުވުމަށާއި އަންހެނުންގެ ހައްޤުތައް ހޯދައިދިނުމަށް މަސައްކަތްކުރުމުގެ ގޮތުން ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަ ކުރެވޭ ދުވަހެކެވެ.

އެގޮތުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން މިއަދު ކުލަގަދަގޮތެއްގައި އަންހެނުންގެ ދުވަސް ފާހަގަކޮށްފިއެވެ. މިކަން ކުރިއަށްދިއައީ އެމްސީއެސްގެ ހެޑް އޮފީހުގައެވެ.

މިދުވަހާއި ގުޅޭގޮތުން އޮފީހުގެ ހުރިހާ އަންހެން މުވައްޒަފުންނަށް ހަދިޔާއަކާއިއެކު ފިނިފެންމަލަކާއި ކާޑެއް ދިނުންވެސް އޮތެވެ. އަދި މިދުވަހަށްޓަކައި ތައްޔާރުކޮށްފައިވާ ޚާއްސަ ހެނދުނުގެ ނާސްތާއެއްވެސް އޮފީހުގައި އޮތެވެ.

އެމްސީއެސްއިން ކުލަގަދަ ގޮތަކަށް އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ބޭނުމަކީ އެމްސީއެސްގައި މަސައްކަތްކުރާ ހީވާގި އަންހެން އޮފިސަރުންނާއި ސިވިލް މުވައްޒަފުންގެ އަގު ވަޒަންކޮށް، އެ ކަނބަލުންނަށް ހިތްވަރު ދިނުމެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން މިފަދަ ކަންތައްތައް ރާވާ ކުރިއަށްގެންދަނީ އޮފިސަރުންނާއި ސިވިލް މުވައްޒަފުންގެ މެދުގައި ގުޅުން ބަދަހިކޮށް، އެއްބައިވަންތަކަން އިތުރުކުރުމުގެ ބޭނުމުގައެވެ.