‏އެސްއެސްސީ އަދި އޯ ލެވެލް އިމްތިހާނަށް ތައްޔާރުކުރުމަށްޓަކައި ގައިދީންނަށް ކްލާސްތައް ފަށައިފި‏

ގައިދީންނަށް ކްލާސްތައް ކުރިއަށްދަނީ

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ގައިދީން އިސްލާހުކޮށް، އެމީހުންނަކީ އިލްމުވެރި، މުޖުތަމައު ބަލައިގަންނަ ފަރުދުންނަށް ހެދުމަށް ކުރަމުންގެންދާ މަސައްކަތް ތަކުގެ ތެރެއިން، އިތުރު ގައިދީންނަށް ކްލާސްތަކެއް އިއްޔެ މާފުށީ ޖަލުގައި ފަށައިފިއެވެ.

މި ކްލާސްތަކަކީ 2017 ވަނަ އަހަރުގެ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އަދި އޯ ލެވެލް އިމްތިހާންގައި ބައިވެރިވުމަށް ތައްޔާރުކުރުމުގެ މަގްސަދުގައި ހިންގާ ކްލާސްތަކެކެވެ. މިގޮތުން ޖުމްލަ 26 ގައިދީން ވަނީ އިސްލާމާއި ދިވެހި ކްލާސްތަކުގައި ބައިވެރިވެފައެވެ. އަދި މީގެތެރެއިން ބޭނުންވާ ގައިދީންނަށް އިނގިރޭސި އަދި ހިސާބު ކްލާސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން މި ކްލާސްތައް ކުރިއަށްގެންދަނީ އިންސްޓިޓިއުޓް ފޮރ ޤުރްޢާން އެންޑް ސުންނަތާއި ގުޅިގެންނެވެ.