‏އެމްސީއެސް އިން ގައިދީންނަށް ތަފާތު ދާއިރާތަކުން ކިޔެވުމުގެ ފުރުޞަތު ފަހިކޮށްދޭ‏

IMG_8317

ޖަލުތަލުގައި ތިބި ގައިދީންނަކީ ތަފާތު ދާއިރާތަކުން ތަޢުލީމާއި ހުނަރުހުރި ބަޔަކަށް ހެދުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ގެންދަނީ ތަފާތު މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން ގައިދީންނަށް ތަފާތު ކޯސްތަކުގައި ކިޔެވުމުގެ ފުރުސަތާއި މަސައްކަތް ދަސްކުރުމުގެ ތަފާތު ހުނަރުވެރި މަސައްކަތްތައް އެމްސީއެސްގެ ފަރާތުން ގެންދަނީ ފަހިކޮށް ދެމުންނެވެ.

އެމްސީއެސްގެ އެއް އަމާޒަކީ ޖަލުތަކުގައި ތިބި ގައިދީންނަކީ ޖަލު ހުކުމް ތަންފީޒު ކުރުމަށްފަހު އަނބުރާ މުޖުތަމަޢުއަށް ނުކުންނައިރު ގައުމަށް ޚިދުމަތް ކުރުމުގެ ރޫހު ހުރި ބަޔަކަށް ހެދުމެވެ. އަދި ތަފާތު ރޮނގުތަކުން އެމީހުންގެ މަސައްކަތްތައް ކުރިއަރުވާ އަމިއްލައަށް ކޮންމެވެސް މަސައްކަތެއް ކޮށްގެން އުޅެވޭނެ ފެންވަރުގެ ބަޔަކަށް ހެދުމެވެ. އަދި ކުރާ މަސައްކަތަކީ އެންމެ ރަނގަޅު ތައުލީމާއި ތަމްރީނުގެ ތެރެއިން ކަންކަން ކުރަން އެނގޭ ބަޔަކަށް ހެދުމެވެ.

ޖަލުތަކުގައި ކުރިއަށް ގެންދާ ރިހެބިލިޓޭޝަން ޕްރޮގްރާމަކީ ކާމިޔާބު ޕްރޮގްރާމެކެވެ. އެކަމުގެ ހެއްކަކީ ގައިދީންނަށް ހިންގާ ތަފާތު ކޯސްތަކެވެ. އަދި ކޯސްތަކުގައި ބައިވެރިވާ ގައިދީންގެ ޝައުގުވެރިކަމެވެ. މަސައްކަތަށް ހުންނަ ފޯރިއާއި ކިޔެވުމަށް ބޭނުންވެފައި ތިބޭ މިންވަރެވެ. މި ކަންކަން ހާސިލު ކުރުމަށް ގަދައަޅާ ކުރާ މަސައްކަތެވެ. ބައެއް ގައިދީންނަކީ ބުރަ މަސައްކަތް ކުރަމުން ކިޔެވުމުގެ ކޯސްތައް ފުރިހަމަ ކުރަމުން ގެންދާ މީހުންނެވެ.

ބައެއް ގައިދީންނަކީ ޖަލަށް ވަތްއިރު ޤުރުއާން ކިޔަވަން ނުދަންނަ މީހުންނެވެ. އެމީހުންގެ އުޅުމާއި އަޚްލާޤު ވަރަށް ދަށްފެންވަރުގެ މީހުންނެވެ. ނަމަވެސް މިއަދު އެމީހުންނަކީ ގާރީކޯސް ފުރިހަމަކޮށް ރީތިކޮށް ޤުރުއާން ކިޔަވަން ދަންނަ މީހުންނެވެ. އަދި އެމީހުންގެ އުޅުމާއި އަޚްލާޤު ރަނގަޅު މީހުންގެ ގޮތުގައި އެމީހުންވަނީ ރެކޯޑް ކުރެވިފައެވެ.

އަދި މީގެއިތުރުން ބައެއް ގައިދީންނަކީ ޖަލަށް ދިއުމުގެ ކުރީގައި ތަޢުލީމީ ފުރުސަތުގެ ބޭނުންކުރުމަށް އެހާ އިސްކަމެއް ދިން ބައެއް ނޫނެވެ. ނަމަވެސް މިހާރު އެސްއެސްސީ އިމްތިހާންގައާއި ސެޓްފިކެޓް ލެވެލްގެ ކޯސްތަކުގައި ގައިދީން ގެންދަނީ ރަނގަޅު ނަތީޖާ ހާސިލް ކުރަމުންނެވެ.

ވޭތުވެދިޔަ އަހަރު އައިކޯސްޓްގެ ތަފާސް ހިސާބުތަކަށް ބަލާއިރު 414 ގައިދީން އެކި ކޯސްތަކުގައި ބައިވެރި ވެފައިވާއިރު 222 ގައިދީންވަނީ ކޯސްތައް ފުރިހަމަކޮށް ފާސްވެފައެވެ. އަދި 80 ގައިދީންވަނީ “ހަޔަރ ޑިސްޓިންކްޝަން” ހޯދާފައެވެ.

ގައިދީންނަކީ ރަނގަޅުބަޔަކަށް ހަދާ، އެމީހުންގެ ތަޢުލީމީ ފެންވަރު އިތުރުކޮށް ތަރައްގީ ކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ކުރަމުން ގެންދަނީ ބުރަ މަސައްކަތް ތަކެކެވެ. އެގޮތުން މި ސަރވިސްގެ އިންސްޓިޓިއުޓް ފޯ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން އެކި ކޯސްތަކާއި ޕްރޮގްރާމްތައް ގެންދަނީ ފުޅާ ދާއިރާއެއްގައި ހިންގަމުންނެވެ. މިދިޔަ އަހަރުވެސް 14 ކޯހެއްވަނީ ހިންގާފައެވެ. އެއީ “ސެޓްފިކެޓް 1 އިން ޤިރާތު”، “ސެޓްފިކެޓް 2 އިން ޤިރާތު”، “ސެޓްފިކެޓް 3 އިން ޤިރާތު”، “ސެޓްފިކެޓް 1 އިން ސޯވިންގ”، “ސެޓްފިކެޓް 1 އިން ސްޓާޓިންގ އެގްރިކަލްޗަރ”، “ސެޓްފިކެޓް 1 އިން ހައުސް ވަޔަރިންގ އެންޑް އިލެކްޓްރީޝަން” ކޯސްތަކާއި އަދި މި ކޯސްތަކުގެ އިތުރުން އެސްއެސްސީ އިމްތިހާނަށް މީހުން ތައްޔާރުކުރުމެވެ.

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published. Required fields are marked *