‏ގައިދީންނަށް ހާއްސަކޮށް ޤިރާތު ކޯސް ލެވަލް 1 ގެ 7 ވަނަ ބެޗާއި ބޭސިކް ޤުރްޢާން ކްލާސް ‏‏މާފުށީ ޖަލުގައި ފަށައިފި‏

ޤިރާތު ކޯހުގެ ކުލާހެއްގެ ތެރެއިން

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އާއި އިންސްޓިޓިއުޓް ފޯރ ޤްރުއާން އެންޑް ސުންނަތް ގުޅިގެން ގައިދީންނަށް ހިންގާ ޤިރާތު ކޯހުގެ ލެވަލް އެކެއް ގެ ހަތްވަނަ ބެޗާއި ބޭސިކް ޤުރްޢާން ކްލާހުގެ އަށްވަނަ ބެޗް އިއްޔެ މާފުށީ ޖަލުގައި ފަށައިފިއެވެ.

މިގޮތުން ޤިރާތު ކޯސް ލެވެލް އެކެއްގެ ހަތްވަނަ ބެޗްގައި 28 ގައިދީން ބައިވެރިވެފައިވާއިރު މި ކޯހުގެ މުއްދަތަކީ ދެމަސް ދުވަހެވެ. މި ކޯހުން ފާސްވާ ގައިދީންނަށް ޤިރާތު ކޯސް ލެވެލް ދޭއްގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެއެވެ.

އަދި ބޭސިކް ޤުރްޢާން ކްލާހުގެ އަށްވަނަ ބެޗްގައި 13 ޤައިދީން ވަނީ ބައިވެރިވެފައެވެ. ފަސް ހަފްތާގެ މުއްދަތަށް ކުރިއަށްގެންދާ މި ކްލާސްތަކަކީ ޤިރާތު ކޯހަށް މީހުން ތައްޔާރުކުރުމަށް ހިންގާ ކްލާސްތަކެކެވެ.

ގައިދީން ރިހެބިލިޓޭޓްކޮށް ރަނގަޅު ފަރުދުންތަކެއްގެ ގޮތުގައި މުޖުތަމައުއަށް ނެރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ކުރަމުން ގެންދާ މަސައްކަތް މިހާރަށްވުރެން ފުޅާ ކުރުމަށް ގެންދަނީ އިތުރަށް މަސައްކަތް ކުރަމުންނެވެ. މިގޮތުން އައިކޯސްޓް އިން މިހާރުވެސް ގައިދީންނަށް ހާއްސަކޮށް ފަހާކޯހާއި ކޮމްޕިއުޓަރ ކޯސްތައްފަދަ ތަފާތު ކޯސްތައް ކުރިއަށް ގެންދެއެވެ.