‏ތިން އަހަރު ތެރޭގައި 612 ގައިދީން ރިހެބިލިޓޭޝަން ޕްރޮގްރާމް ފުރިހަމަ ކޮށްފައިވޭ‏

ގައިދީންތަކަކަށް އެމްސީއެސްގެ އޮފިސަރަކު ކްލާސް ނަގާދެނީ

ވޭތުވެ ދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި 612 ގައިދީން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ހިންގާ ރިހެބިލިޓޭޝަން ޕްރޮގްރާމް ފުރިހަމަ ކޮށްފައިވެއެވެ.

ރިހެބިލިޓޭޝަން ޕްރޮގްރާމްތަކަކީ ގައިދީން އިސްލާހުކޮށް، މުޖްތަމައުއަށް ނުކުންނައިރު އާމްދަނީއެއް ލިބޭނޭފަދަ ތައުލީމީ ހުނަރެއް ބިނާކޮށް، މަސައްކަތެއް ދަސްކޮށްދިނުމުގެ މަގްސަދުގައި ހިންގާ ޕްރޮގްރާމްތަކެކެވެ.

މިގޮތުން 2016 ވަނަ އަހަރު އެމްސީއެސް އިން ވަނީ މުޅިންއަލަށް “ރިހެބިލިޓޭޝަން ފްރޭމްވަރކް” އިފްތިތާހްކޮށް، އެ ފްރޭމްވަރކާއި އެއްގޮތަށް އަމަލުކުރަން ފަށާފައެވެ. މި ފްރޭމްވަރކްގައި މައިގަނޑު ހަތަރު ފޭސް އެކުލެވިގެންވެއެވެ. އެއީ ގައިދީންގެ ކިބާގައި “ޑިސިޕްލިން” ބިނާކުރުމާ އެމީހުންނަށް “ސައިކޮލޮޖީ ޕްރޮގްރާމްތައް” ހިންގުމާ “އެޑިއުކޭޝަން އަދި ވޮކޭޝަނަލް” ދަސްކޮށްދިނުމުގެ އިތުރުން “ޕްރިޒަން ކޮމިއުނިޓީ ސަރވިސް”އެވެ. މިއިން ކޮންމެ ފޭސްއެއްގައި ހާސިލްކުރަންޖެހޭ ކަންތައްތަކެއް ހިމަނާފައިވެއެވެ.

އެގޮތުން “އެޑިއުކޭޝަން އަދި ވޮކޭޝަނަލް” ފޭސްގައި ހިމެނޭ ޕްރޮގްރާމްތަކުގެ ތެރޭގައި ބޭސިކް ޤުރްޢާން ކްލާހާއި ޤާރީ ކޯސްގެ އެކި ލެވެލް، ވުޑް ކަރވިންގ، ކޮމްޕިއުޓަރ ކޯސްތަކާއި، ހައުސް ވަޔަރިންގ އެންޑް އިލެކްޓަރިޝަން ކޯހާ އެގްރިކަލްޗަރ ކޯހާއި ފަހާ ކޯހުގެ އެކި ލެވެލްގެ އިތުރުން ޕެސްޓް އެންޑް ޑިސީޒް ކޮންޓްރޯލް އާ ކުދި ދޯނި ހެދުމާއި ސްޓޮކިންގ ފްލާވަރ ހެދުން ހިމެނެއެވެ.

އަދި “ޕްރިޒަން ކޮމިއުނިޓީ ސަރވިސް”ގެ ބައިގައި އެކި ކުންފުނިތަކާއި ގުޅިގެން ގައިދީންނަށް އެލަވަންސް ވަޒީފާގެ ފުރުސަތުވެސް ވަނީ ހޯދައިދީފައެވެ. މިގޮތުން މޯލްޑިވްސް ރޯޑް ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރްޑީސީ) އާ ގުޅިގެން އެކުންފުނީގެ ޕްރޮޖެކްޓްތަކަށް ބޭނުންވާ ގާ އެޅުމަށްޓަކައި ކ. ތިލަފުށީގައި “އެމް.ސީ.އެސް އަހުލުވެރި މަރުކަޒު” ގެ ނަމުގައި މަރުކަޒެއް ގާއިމްކޮށް، ގައިދީން ބައިވެރިކޮށްގެން އެމަސައްކަތް ކުރިއަށް ގެންދެއެވެ. އަދި ފިޝަރީޒް މިނިސްޓްރީން ތައްޔާރުކުރާ އޮއިވާލި ކަނދުފަތި ހެދުމަށް ބޭނުންވާ އެންކަރ ބްލޮކް ތައްޔާރުކުރުމުގެ އިތުރުން ފިޝަރީޒް މިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ ކ. މަނިޔަފުށީގައި އިންޖީނުގެއެއް އިމާރާތްކުރުންވެސް ހިމެނެއެވެ.