އެސްއެސްސީ އިމްތިހާނުގައި ބައިވެރިވި ގައިދީންގެ ތެރެއިން 100 އިންސައްތަ ފާސް.

ޤައިދީންތަކެއް އެސްއެސްސީ އިމމްތިހާން ހެދުމަށްޓަކައި ހޯލަށް ވަންނަނީ--- ފޮޓޯ: ޕްރިޒަން ކޯޕްރަލް ނޫރައްދީން

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޖަލުތަކުގައި ތިބި ގައިދީންގެ ތެރެއިން 2016 ވަނަ އަހަރުގެ އެސްއެސްސީ އިމްތިހާނުގައި ބައިވެރިވި ގައިދީން ރަނގަޅު ނަތީޖާއެއް ހޯދައިފިއެވެ.

އެއް އަހަރު ދުވަހުގެ މުއްދަތަށް ހިންގާފައިވާ ކްލާސްތައް ފުރިހަމަކޮށް މި އިމްތިހާނުގައި ބައިވެރިވި 14 ގައިދީންވެސް ވަނީ ފާސްވެފައެވެ. އެގޮތުން 2 އޭ އާއި، 7 ބީގެ އިތުރުން 5 ސީ ފާސްވަނީ ހޯދާފައެވެ.

ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ވިދާޅުވީ މިފަދަ ކާމިޔާބީތައް ހޯދާ ގައިދީން، އަނބުރާ ކުށުގެ ވެއްޓަށް ދިޔަނުދިނުމަށްޓަކައި ސަރުކާރުން މިކުރާ މަސައްކަތުގެ ނަތީޖާ ހާސިލް ކުރެވޭނީ މުޖުތަމައުގެ އެއްބާރުލުން އެފަރާތްތަކަށް ވަރަށް ބޮޑަށް ލިބިގެން ކަމުގައިވާތީ، އެމީހުންނަށް ވަޒީފާގެ ފުރުސަތު ތަނަވަސްކޮށްދީ އެމީހުންގެ އަގުހުރި ވަގުތުތައް ބޭކާރުވިޔަ ނުދިނުމަށްޓަކައި މުޖުތަމައުގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ގެންދަނީ ގައިދީން ރިހެބިލިޓޭޓްކޮށް އަނބުރާ މުޖުތަމައުއަށް ފޮނުވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ގައިދީންނަށް ކިޔަވާދިނުމާ ތަފާތު ޓްރެއިނިންގ ވޯކްޝޮޕްތައް ކުރިއަށް ގެންގޮސް، އެމްކިއުއޭ ގަބޫލުކުރާ ފެންވަރުގެ ކޯސްތައް ހިންގަމުން ގެންދެއެވެ. އަދި މި ފުރުސަތުގެ ބޭނުން ރަނގަޅު ގޮތުގައި ހިފައިގެން ގިނަ ގައިދީން މިހާރުވެސްތިބީ މުޖުތަމައުގައި އެހެންމީހުންނާއެކު މަސައްކަތް ކުރުމަށް އެދިއެދިއެވެ.