“ދަސްވެނިވުން 2017” ބާއްވައިފި

ރޭ މާފުށީ ޖަލުގައި ބޭއްވި "ދަސްވެނިވުން 2017" ރަސްމިއްޔާތުގެ ތެރެއިން---

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމް.ސީ.އެސް) ގެ އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން އެކި ޕްރޮގްރާމްތައް ފުރިހަމަ ކުރި ގައިދީން ދަސްވެނިވުމުގެ ރަސްމިއްޔާތު ރޭ މާފުށި ޖަލުގައި ބާއްވައިފިއެވެ.

މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއަރޒް އޮނަރަބަލް އަޒްލީން އަޙްމަދުއެވެ.

މި ރަސްމިއްޔާތުގައި ދަސްވެނިން ފުރިހަމަ ކުރި ޕްރޮގްރާމްތަކަކީ ސެޓްފިކެޓް 1،2،3 އިން ޤިރާތު، ސެޓްފިކެޓް 1 އިން ސޯވިންގ، ސެޓްފިކެޓް 1 އިން ސްޓަރޓިންގ އެގްރިކަލްޗަރ އަދި ސެޓްފިކެޓް 1 އިން ހައުސް ވަޔަރިންގ އެންޑް އިލެކްޓްރިޝަން އެވެ.

މި ކޯސްތަކުން ދަސްވެނިވި ގައިދީންނަށް ސެޓްފިކެޓް ދިނުމުގެ އިތުރުން، ހަޔަރ ޑިސްޓިކްޝަން ހާސިލްކޮށްފައިވާ ގައިދީންނަށް މެޑަލްވެސް ވަނީ ހަވާލުކޮށްފައެވެ. މި ރަސްމިއްޔާތުގައި 63 ހަޔަރ ޑިސްޓިކްޝަން ސެޓްފިކެޓާއެކު ޖުމްލަ 186 ސެޓްފިކެޓް ވަނީ ހަވާލުކޮށްފައެވެ.

މި ރަސްމީއްޔާތުގައި ވާހަކަ ފުޅު ދައްކަވަމުން އައިކޯސްޓްގެ އެގްޒެކެޓިވް ޑައިރެކްޓަރ، ޗީފް ޕްރިޒަންސް އޮފިސަރ އަޙްމަދު ރިޟާ ވަނީ މި ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް އެހީތެރިވެދެއްވި ހުރިހާ ފަރާތްތަކަށާއި ޚާއްސަކޮށް އިންސްޓިޓިއުޓް ފޯ ޤުރުއާން އެންޑް ސުންނާގެ ޗެއަރމަން އަލްފާޟިލް ޢަބްދުﷲ ސައީދަށާއި އެ އިންސްޓިޓިއުޓްގެ މުދައްރިސުންނަށާއި މުވައްޒަފުންނަށް ވަރަށް ހާއްސަ ޝުކުރެއް އަދާކުރެއްވިއެވެ.

_MG_2258

“މިރޭގެ ދަސްވެނިން ސާބިތުކޮށްދިނީ ކޮންމެ ތަނެއްގައި، ކޮންމެ ހާލަތެއްގައި ވެސް އުނގެނުމަކީ ކުރެވިދާނެ އަދި ކުރަން ވާނޭ ކަމެއްކަން. އަދި ލިބޭ މެސެޖަކީ އިސްލާހުވެ ރަނގަޅުގޮތުގައި މުޖްތަމައުގައި އުޅެން ބޭނުންވާކަން. އަދި ތި އަޒުމްގައި އިތުރަށް ކުރިއަށް ގެންގޮސް ދުނިޔެ އާއި އާހިރަތް ކާމިޔާބު ކުރުމަށް ނަސޭހަތްތެރިވަން،” ސީޕީއޯ ރިޟާ ވިދާޅުވިއެވެ.

މި ރަސްމީއްޔާތުގައި ގައިދީންނަށް ހިތްވަރުދިނުމުގެ ގޮތުން 2016 ވަނަ އަހަރު އިޖުތިމާޢީ ޚިދުމަތުގެ ދާއިރާއިން، ހިލޭސާބަހަށް މަސައްކަތް ކުރުމުގެ ރޮނގުން ގައުމީ އިނާމް ހާސިލުކުރައްވާފައިވާ އަލްފާޟިލް މުޙައްމަދު ޢަދީލް ވާހަކަފުޅު ދައްކަވަމުން މަޒީއަށް އަލިއަޅުއްވާލައްވައި ވިދާޅުވީ މަސްތުވާތަކެތީގެ ވަބާގައި ޖެހިގެން ގޮސް އާއިލާ ގެއްލި، ރަހުމަތްތެރިން ގެއްލި ހަޔާތް އެކި ގޮތްގޮތަށް ދިޔަކަމަށާއި ނަމަވެސް ރިހެބިލިޓޭޝަން ސެންޓަރގެ ޕްރޮގްރާމެއް ފުރިހަމަ ކުރުމަށްފަހު ވަރުގަދަ އަޒުމެއް ކަނޑައަޅައި، ލިބުނު ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމުން މިއަދު ހީނުކުރާވަރުގެ ކާމިޔާބީ ލިބި، ހަޔާތް ބާއްޖަވެރިވެފައިވާކަމަށެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުންނާއި އެހެނިހެން އޮފިސަރުންގެ އިތުރުން ދައުވަތު އެރުވުނު މެހެމާނުންވެސް ވަނީ މި ރަސްމިއްޔާތުގައި ބައިވެރިވެފައެވެ.