‏މިއަދު މާފުށީ ޖަލުގެ ހާލަތު ކުރިއާ އަޅާ ބަލާއިރު އުޑާ ބިމާހާ ތަފާތު: ހޯމް މިނިސްޓަރ ‏

މާފުށީ ޖަލުގައި ރޭ ބޭޢްވި ދަސްވެނިވުމުގެ ރަސްމީއްޔާތުގައި ހޯމް މިނިސްޓަރ އަޒްލީން އަޙަމަދު ވާހަކަފުޅު ދައްކަވަނީ.

މިއަދު މާފުށީ ޖަލުގެ ހާލަތު، މީގެ ދިހަ އަހަރު ކުރިއާ އަޅާ ބަލާއިރު އުޑާ ބިމާހާ ތަފާތު ކަމަށާއި ދައުލަތުގެ އިސްވެރިން، ޖަލުގެ ގައިދީންގެ ޝަރަފަށްޓަކައި މި ފަދަ ރަސްމިއްޔާތެއްގައި ބައިވެރިވުމަކީ ކުރިން ފެނުނު މަންޒަރެއް ނޫން ކަމަށް މިނިސްޓަރ އޮފް ހޯމް އެފެއަރޒް އޮނަރަބަލް އަޒްލީން އަޙްމަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމް.ސީ.އެސް) ގެ “ގްރެޖުއޭޝަން 2017” ގެ ނަމުގައި ރޭ މާފުށި ޖަލުގައި ބޭއްވި ގައިދީންގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވަމުންނެވެ. ހުރިހާ ދަސްވެނިންވެސް ފުރިހަމަ ކޮށްފައިވަނީ އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން އިންތިޒާމް ކޮށްގެން ބޭއްވި އެކިއެކި ކޯސްތަކެވެ.

“މިރޭ އަޅުގަނޑުމެންނަށް ފެނިގެން މިދަނީ ދިވެހިރާއްޖެއާއި މާފުށީ ޖަލުގެ ތާރީޚުގައި އަޅުގަނޑުމެންގެ ތެރެއިން، ޖަލުގެ އެއްވެސް ބަންދެއްގައި ނޫޅޭ، އާންމު ސްކޫލްތަކުންނާއި އެކި މަތީތައުލީމީ މުއައްސަސާތަކުން އެކި ކޯސްތައް ފުރިހަމަކޮށް ދަސްވެނިވާ ދަރިވަރުން ފަދައިން އަޅުގަނޑުމެންގެ އަޚުންނާއި އުޚުތުންކަމަށްވާ ގައިދީން، އެމީހުންގެ ހެޔޮ ވިސްނުމާއެކު މުޖްތަމައުއަށް އެނބުރި ދިއުމަށްޓަކައި މުހިންމު މަރުހަލާއެއް ކަޑައްތުކޮށް ކާމިޔާބީ ހޯދާތަން” މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ މީހުންމެރުމާއި ބޮޑެތި ޖަރީމާތައް ހިންގުންފަދަ ބޮޑެތި ހުކުމް ނޫން ހުކުމްތަކުގައި ޖަލުގައި ހުކުމް ތަންފީޒްކުރަމުންދާ ގައިދީންގެ ހުކުމްތަކަށް، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ލުޔެއް ދެއްވަން ނިންމަވާފައިވާ ކަމަށާއި، މި ލުޔަކީ މައާފެއް ނޫންނަމަވެސް މައާފާ އެއްގޮތް ލުޔެއް ކަމަށެވެ. އަދި މި ލުއި ލިބޭނީ ގައިދީންގެ ތެރެއިން އިސްލާހުވާން ބޭނުންވާ އަދި ޖަލުގެ ބަދަލުގައި އާއިލާއާ އެކު ދިރިއުޅުމަށް މަސައްކަތް ކުރަން ބޭނުންވާ ގައިދީންނަށް ކަމަށާއި، ލުއި ލިބޭނީ ޖަލުގެ އޮފިސަރުންގެ އެންގުންތަކަށް ބޯލަނބާ، އަހުލާގު ރަނގަޅުކުރާ ގައިދީންނަށެވެ. އެހެންވެ، ރަނގަޅު އަހުލާގެއްގެ މަތީގައި ދެމިތިބުމަށާއި ނަމާދަށް ފަރުވާތެރިވުމަށް އަޒުމު ކަނޑައެޅުމަށް މިނިސްޓަރ ހިތްވަރުދެއްވިއެވެ.

މި ރަސްމިއްޔާތުގައި ދަސްވެނިން ނިންމާފައިވަނީ މޯލްޑިވްސް ކުއަލިފިކޭޝަން އޮތޯރިޓީ އިން އެކްރެޑިޓް ކުރެވިފައިވާ  “ސެޓްފިކެޓް 1، 2، 3 އިން ޤިރާތު”، “ސެޓްފިކެޓް 1 އިން ސޯވިންގ”، “ސެޓްފިކެޓް 1 އިން ސްޓާޓިންގ އެގްރިކަލްޗަރ” އަދި “ސެޓްފިކެޓް 1 އިން އިލެކްޓްރިޝަން އެންޑް ހައުސް ވަޔަރިންގ” އެވެ. ދަސްވެނިވި ގައިދީންނަށް ސެޓްފިކެޓް ދިނުމުގެ އިތުރުން، ހަޔަރ ޑިސްޓިކްޝަން ހާސިލްކުރި ގައިދީންނަށް މެޑަލްވެސް ވަނީ ހަވާލުކޮށްފައެވެ.