‏އެމްސީއެސްގެ އޮފިސަރުންނާއި މުވައްޒަފުންނަށް ޖެންޑަރ މިނިސްޓްރީއިން މައުލޫމާތު ސެޝަންއެއް ‏‏ބާއްވައިފި‏

ޖެންޑަރ މިނިސްޓްރީއިން ބޭއްވި ސެޝަންގެ ތެރެއިން

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ އޮފިސަރުންނަށާއި މުވައްޒަފުންނަށް ޖެންޑަރ އިކުއަލިޓީ ގާނޫނާ ބެހޭގޮތުން މައުލޫމާތު ދިނުމުގެ ސެޝަންއެއް މިއަދު ބާއްވައިފިއެވެ. މި ސެޝަން އޮތީ އެމްސީއެސްގެ ހެޑް އޮފީހުގައިއެވެ.

ޖެންޑަރ މިނިސްޓްރީއިން މައުލޫމާތު ދިން ގޮތުގައި މި ގާނޫނު ފާސްކުރުމުގެ ބޭނުމަކީ އަސާސީ ހައްގުތަކާއި މިނިވަންކަން، ޖިންސީ ތަފާތުކުރުމެއްނެތި ކޮންމެ މީހަކަށްވެސް ފުރިހަމައަށް ލިބިގެންވާކަން ކަށަވަރުކޮށްދިނުމެވެ. އަދި މިފަދަ މައުލޫމާތު ސެޝަންއެއް ބޭއްވުމުގެ މަގްސަދަކީ ޖެންޑަރ އިކުއަލިޓީ ގާނޫނާބެހޭގޮތުން އާންމުން ހޭލުންތެރިކުރުމެވެ.

މި ސެޝަންގައި އަލިއަޅުވާލި ކަންކަމުގެ ތެރޭގައި ވަކި ޖިންސެއްގެ މީހަކަށް ވީތީ ކުރާ ތަފާތުކުރުންތައް ހުއްޓުވުމަށް ބާރުއެޅުމާ، ހަމަހަމަ ފުރުސަތުތަކާއި އެއް ތަނެއްގައި އެއް މަސައްކަތެއް ކުރާ އިރު ހަމަހަމަ އުޖޫރަ ދިނުމާއި، މުސާރަ އިނާޔާތްތައް ދިނުމުގައި ހަމަހަމަ އުސޫލަކުން އަމަލުކުރުމާއި، އަންހެނުން މަސައްކަތަށް ނިކުތުމަށް ހުރި ހުރަސްތައް ނައްތާލުމާއި ފަހި މާހައުލެއް ގާއިމުކުރުމަށްޓަކައި ފިޔަވަޅު އެޅުމާއި އަދި އަންހެނުންނާއި ފިރިހެނުން މުޖްތަމައުގައި ވަކި ހާއްސަ ދައުރެއް ކަނޑައެޅުމެއް ނެތި ތަމްސީލުކުރުން (ސްޓީރިއޯޓައިޕިންގ) ހިމެނެއެވެ.

މީގެ އިތުރުން ހުރިހާ މުވައްޒަފުންވެސް ޝަކުވާ ހުށަހެޅޭނޭފަދަ ނިޒާމެއް ކޮންމެ މުއައްސަސާއެއްގައިވެސް ގާއިމުވެފައި އޮންނަންވާނޭކަމަށް ގާނޫނު ލާޒިމްކުރާކަމަށްވެސް ޖެންޑަރ މިނިސްޓްރީގެ ޓީމްއިން ވަނީ ވިދާޅުވެފައެވެ.

އެމްސީއެސްގެ ގިނަ އަދަދެއްގެ އޮފިސަރުންނާއި މުވައްޒަފުން ބައިވެރިވި މި ސެޝަން ނަންގަވައިދެއްވީ މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ޕަބްލިކް އެޑްވޮކަސީ ސްޕެޝަލިސްޓް އަލްފާޟިލް އަޙްމަދު އަންވަރު އާއި ސޯޝަލް ސަރވިސަސް އޮފިސަރ އަލްފާޟިލާ އާއިޝަތު މަޒްހާއެވެ.