‏އެމްސީއެސްގެ ވޮލީ ޓީމް އެއްވަނަ ޑިވިޟަންގައި ކުޅޭ އެންމެ މޮޅު ޓީމްތަކާއެކު ވާދަކޮށް، ކާމިޔާބީ ހޯދުމަކީ ‏‏އަޅުގަނޑުގެ ހުވަފެނެއް: ހޯމް މިނިސްޓަރ‏

މިނިސްޓަރ އޮފް ހޯމް އެފެއަރޒް އޮނަރަބަލް އަޒްލީން އަޙްމަދު މާފުށީ ޕްރިޒަން ވޮލީބޯލް ޓޯނަމަންޓްގެ ނިންމުމުގެ ރައްމީއްޔާތުގައި ވާހަކަފުޅު ދައްކަވަނީ

އެމްސީއެސްގެ ވޮލީ ޓީމް އެއްވަނަ ޑިވިޟަންގައި ކުޅޭ އެންމެ މޮޅު ޓީމްތަކާއެކު ވާދަކޮށް، ކާމިޔާބީ ހޯދުމަކީ އެ މަނިކުފާނުގެ ހުވަފެނެއްމަކުގައި މިނިސްޓަރ އޮފް ހޯމް އެފެއަރޒް އޮނަރަބަލް އަޒްލީން އަޙްމަދު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ މާފުށީ ޖަލުން އިންތިޒާމް ކޮށްގެން ކުރިއަށްގެންދިޔަ “މާފުށީ ޕްރިޒަން ވޮލީބޯލް ޓޯނަމަންޓް 2016” މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި މުބާރާތުގެ އެންމެ މޮޅު 6 ކުޅުންތެރިންނާއި ރިޒަރވް 6 ކުޅުންތެރިން ހިމަނައިގެން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޓީމް އެކުލަވާލާނެކަމަށް ޤަބޫލުފުޅުކުރައްވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ކުޅުންތެރިން ދުޅަހެޔޮކޮށް ތިބުމާއެކު، ބުންވަރު އިތުރުކޮށް ދެމެހެއްޓުމަށްޓަކައި ގަވާއިދުން ކަސްރަތުކުރުމަށާއި މިހާރު ދިރިއުޅުމުގައި ގެންގުޅޭ ބައެއްކަހަލަ ރަނގަޅުނޫން އާދަތައް ދޫކޮށްލުމަށްވެސް މިނިސްޓަރ އެދިވަޑައިގެންނެވިއެވެ.

އަދި ސަޕޯޓަރުންނާއި ކުޅުންތެރިންވެސް ކުޅިވަރުގެ ރޫހާ އެއްގޮތަށް ޑިސިޕްލިން ދެމެހެއްޓުމަކީ މުހިއްމު ކަމެއްކަމުގައި ދެކޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ސެކަންޑް ޑިވިޟަންގައި ވާދަކޮށް މޮޅު ކުޅުމެއްދައްކައި، ފަސްޓް ޑިވިޟަނަށް ދަތުރުކުރުމުގެ ހުރިހާ ސިފައެއް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ކުޅުންތެރިންގެ ގައިގާ ހުރި ކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ މި މުބާރާތް ނިމިގެން ދިޔަލެއް ފުރިހަމަކަމުން ކޮމިޝަނަރ އޮފް ޕްރިޒަންސް އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އާއި ހުރިހާ އޮފިސަރުން އަދި މުވައްޒަފުންނާމެދު ވަރަށް ބޮޑަށް ފަޚުރުވެރިވާކަމަށާއި އެކަމަށް ސާބަސް ދަންނަވާކަމަށެވެ.

“ނިމިގެން ދިޔަ މި މުބާރާތުގެ ފައިނަލް މެޗުން ދިވެހިރާއްޖޭގެ ތާރިޚުގައި ވޮލީ މުބާރާތެއް އޮގައިނަޒްކުރެވި، އެކަމުގައި ފެންނަންޖެހޭ ޕްރޮފެޝަނަލް ހުރިހާ ސިފައެއް އަޅުގަނޑުމެންނަށް މިރޭ ފެނިގެން ހިނގައްޖެ.” މިނިސްޓަރ ވިދާޅުވިއެވެ.