އިބްރާހީމް އާރިފް: މާފުށީ ޕްރިޒަން ވޮލީ މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔާ

ވޮލީބޯޅަ އެސޯސިއޭޝަންގެ ރައީސް އާރިފް އަށް ޓްރޮފީ ޙަވާލުކޮށްދެއްވަނީ---
ވޮލީބޯޅަ އެސޯސިއޭޝަންގެ ރައީސް އާރިފް އަށް ޓްރޮފީ ޙަވާލުކޮށްދެއްވަނީ---

މާފުށީ ޕްރިޒަން ވޮލީބޯލް ޓޯނަމަންޓް 2016 މުބާރާތުގައި ރޭ ކުޅުނު ފައިނަލް މެޗްގައި ފްރޮގްރާމްސް އެންޑް އޮފެންޑަރސް ޓީމްގައި ތިބީ މާފުށީ ޖަލުގެ ވޮލީ ޓީމްގައި ހިމެނޭ އެންމެ ހުނަރުވެރި ކުޅުންތެރިންނެވެ. މާލޭ ޖަލުގެ ޓީމް ރޭގެ މެޗުން ބަލިވިނަމަވެސް މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔާގެ މަޤާމް ހޯދި އިބްރާހީމް އާރިފް ވަނީ ރޭގެ މެޗްގައިވެސް މޮޅު ކުޅުމެއް ދައްކާފައެވެ. އަދި އެހެން މެޗްތަކުގެ މުހިންމު ވަގުތު ތަކުގައި މޮޅު ކުޅުމެއް ދައްކާ ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ.

މާފުށީ ޕްރިޒަން ވޮލީބޯޅަ މުބާރާތުން ފާހަގަކުރެވުނު އާރިފް ވަނީ ރޭގެ މެޗްގެ އިތުރުން، ސެމީ ފައިނަލްގައި ޕްރިޒަނަރ މެނޭޖްމަންޓްގެ މައްޗަށް މާލޭ ޖަލު އެންޑް އެޗްޑީސީ ބައްދަލުކުރި މެޗްގެ މޮޅުކުޅުންތެރިޔާގެ މަޤާމުވެސް ހޯދާފައެވެ. މިހިސާބަށް ދާނެކަމަށް އާރިފް ކުރިން އުންމީދު ކުރިހެއްޔެވެ؟

އާރިފް ބުނީ މި މުބާރާތަށް މާބޮޑު އުންމީދެއް ނުކުރިނަމަވެސް މާލޭ ޖަލު އެންޑް އެޗްޑީސީ ޓީމުގެ ކެޕްޓަން އަޙްމަދު ޝާހީންގެ ފަރާތުން ވަރަށްބޮޑު އެހީތެރިކަމެއް ލިބިގެން ދިޔަ ކަމަށެވެ. އަދި ކުރިއަށް އޮތްތާންގައި މިފަދަ ފުރުޞަތުތަކުގެ ބޭނުން އެންމެ ރަނގަޅަށް ހިފުމަށް މަސައްކަތް ކުރާނެކަމަށެވެ.

އާރިފް ބުނީ ކުރިން ވޮލީ ނުކުޅޭކަމަށެވެ. އެހެންނަމަވެސް މި މުބާރާތުގައި ރަނގަޅު ނަތީޖާއެއް ލިބުމުން ކުރިއަށްއޮތްތާންގައި މިކަން ކުރެވިދާނެކަމުގެ އުންމީދު ބޮޑުކަމަށެވެ.

މި މުބާރާތުގައި ކުޅުނު ބައެއް ތަޖުރިބާކާރު ކުޅުންތެރިން ބުނީ އާރިފް ބެކް ކޯޓުގައި އެދައްކާ ކުޅުމަކީ ވަރަށް ރަނގަޅު ކުޅުމެއް ކަމަށާއި އެއީ ވަރަށް ހުނަރުވެރި ކުޅުންތެރިއެއް ކަމަށެވެ. އަދި އިތުރު ޕްރެކްޓިސް ލިބިއްޖެނަމަ އޭނާއަށް އެއަށްވުރެން މޮޅަށް ކުޅެވިދާނެކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published. Required fields are marked *

ކިޔުންތެރިންގެ ޚިޔާލު