‏އައްސޭރި ޖަލުގައި ފަޔަރ ޝެޑާއި ގައިދީން އެކަހެރި ބައްދަލުކުރާ ގެ ‏‏ހުޅުވައިފި ‏

ކޮމިޝަނަރ އޮފް ޕްރިޒަންަަސް އައްސޭރި ޖަލުގައި ގައިދީން އެކަހެރި ބައްދަލުކުރާ ގެ ހުޅުވައިދެއްވަނީ

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމް.ސީ.އެސް) ގެ އައްސޭރި ޖަލުގައި ފަޔަރ ޝެޑަކާއި ގައިދީންނަށް އެކަހެރި ބައްދަލުވުން ދިނުމަށްޓަކައި ދެ ކޮޓަރީގެ އެޕަރޓްމަންޓްއެއް ހުޅުވައިފިއެވެ.

އިއްޔެ ހެނދުނު އައްސޭރި ޖަލުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ދެ އިމާރާތް ހުޅުއްވާދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޝިހާންއެވެ.

އަލަށް ހުޅުވުނު ފަޔަރ ޝެޑަކީ އައްސޭރި ޖަލުގައި ދިމާވެދާނެ އަލިފާނުގެ ހާދިސާތަކުން ސަލާމަތްވެ ރައްކާތެރިވާން ބޭނުންވާ ހުރިހާ އާލާތްތައް ބެހެއްޓުމަށްޓަކައި ހުޅުވުނު ތަނަކެވެ. އަދި އަލަށް ހުޅުވުނު އެކަހެރި ބައްދަލުކުރާ ގެއަކީ އައްސޭރި ޖަލުގައި ތިބޭ ގައިދީންގެ ތެރެއިން ކައިވެނި ކޮށްގެން އުޅޭ ގައިދީންނަށް އެކަހެރިކޮށް ބައްދަލުކުރުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން އިމާރާތްކުރެވުނު އެޕަރޓްމަންޓެކެވެ.

މިރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒިލާލްގެ އިތުރުން އައްސޭރި ޖަލުގެ ޑެޕިއުޓީ ޑައިރެކްޓަރ އޮފް ޕްރިޒަންސް ޗީފް ޕްރިޒަންސް އޮފިސަރ އަޙްމަދު ޖާދުﷲ، ޑެޕިއުޓީ ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް އިބްރާހިމް ނާޝިދާއި ޑެޕިއުޓީ ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް މުޙައްމަދު ތޮލާލް އަދި އައްސޭރި ޖަލުގެ ގިނަ އަދަދެއްގެ އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.