‏މާފުށީ ޖަލުގައި ސެޓްފިކެޓް 3 އިން ކަސްޓޯޑިއަލް ސުޕަރވިޝަން ކޯސް ފަށައިފި‏

ކަސްޓޯޑިއަލް ސުޕަރވިޝަން ކޯހުގެ ހަތަރު ވަނަ ބެޗް ގެ ތެރެއިން

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އިންސްޓިޓުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން އޮފިސަރުން ކުރިއަރުވާ ތަރައްގީކުރުމުގެ ގޮތުން ސެޓްފިކެޓް 3 އިން ކަސްޓޯޑިއަލް ސުޕަރވިޝަން ކޯސް މާފުށީ ޖަލުގައި މިއަދު ފަށައިފިއެވެ.

15 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މިކޯހަކީ ފަރސްޓް ކަލާސް ޕްރިޒަން އޮފިސަރ އަދި ސީނިއަރ ޕްރިޒަން އޮފިސަރ ރޭންކްތަކުގެ އޮފިސަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ކޯހެކެވެ. މިކޯހުގައި ޖުމްލަ 31 އޮފިސަރުން ވަނީ ބައިވެރިވެފައެވެ. މިކޯސް މައިގަނޑު ގޮތެއްގައި އަމާޒުކުރަނީ ސުޕަވައިޒަރީ ލެވެލްގައި މަސައްކަތްކުރާ އޮފިސަރުންނަކީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އެކި ސެކްޝަންތައް މެނޭޖްކުރުވޭ ވަރުގެ ގާބިލް އަދި އިސްނަގާ ސުޕަރވައިޒަރުންތަކެއްގެ ގޮތުގައި ބިނާކުރުމެވެ.

މި ކޯހުގައި ޖަލުގެ މިނިމަމް، މީޑިއަމް އަދި މެކްސިމަމް ސެކިއުރިޓީ ޔުނިޓްތައް އޮޕަރޭޓްކުރުމުގައި އަމަލުކުރަންވީ އެންމެ ފުރިހަމަ ގޮތްތަކާއި، ސެކިއުރިޓީ ނިޒާމް ދެމެހެއްޓުމުގައި އަމަލުކުރަންވީ ގޮތްތަކާއި، ދަށުގައި މަސައްކަތްކުރާ އޮފިސަރުންނާއި މުވައްޒަފުން މޮނިޓަރކުރުމުގެ އިތުރުން އެމީހުންނަށް ރަނގަޅު ނަމޫނާއަކަށްވެ، އެމީހުންނަކީ ޒިންމާދާރު ބަޔަކަށް ހެދުމާއި، ގައިދީންނާ އަދި އޮފިސަރުންނާ މުއާމަލާތްކުރުމުގައި ބޭނުންކުރާނެ އެންމެ ފުރިހަމަގޮތްތައްވެސް ކިޔާދެވޭނެއެވެ.

އޮފިސަރުން ތަރައްގީކުރުމަށާއި ގައިދީން ރިހެބިލިޓޭޓްކުރުމަށް ގިނަ އަދަދެއްގެ ކޯސްތައް މިހާރުވެސް މާފުށީ ޖަލުގައި ކުރިއަށްދާކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް މައުލޫމާތުދެއެވެ.