‏ސެޓްފިކެޓް ‏‎2‎‏ އިން ކަސްޓޯޑިއަލް ސުޕަރވިޝަން ކޯހުގެ ‏‎2‎‏ ވަނަ ބެޗް ފަށައިފި‏

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އިންސްޓިޓުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން  ސެޓްފިކެޓް 2 އިން ކަސްޓޯޑިއަލް ސުޕަރވިޝަން ކޯހުގެ 2 ވަނަ ބެޗް އައްސޭރި ޖަލުގައާއި މާލޭ ޖަލުގައި މިއަދު ފަށައިފިއެވެ.

15 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މިކޯހަކީ ޖަލުތަކުގައި މަސައްކަތްކުރާ އޮފިސަރުންގެ ތެރެއިން ސަރޖަންޓް އަދި ސްޓާފް ސަރޖަންޓް ރޭންކްތަކުގެ އޮފިސަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ކޯހެކެވެ. މިކޯހުގެ ދެވަނަ ބެޗްގައި އައްސޭރި ޖަލުގައި މަސައްކަތް ކުރާ އޮފިސަރުންނާއި މާފުށީ ޖަލުގައި މަސައްކަތްކުރާ އޮފިސަރުންނާއި، މާލޭ ޖަލުގައި މަސައްކަތްކުރާ އޮފިސަރުންނާއި، ހެޑް އޮފީހުގައި މަސައްކަތްކުރާ އޮފިސަރުންގެ އިތުރުން ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގައި މަސައްކަތްކުރާ އޮފިސަރުންނާއެކު ޖުމްލަ 39 އޮފިސަރުން ވަނީ ބައިވެރިވެފައެވެ.

މިކޯހުގައި ޖަލުގެ މިނިމަމް، މީޑިއަމް އަދި މެކްސިމަމް ސެކިއުރިޓީ ޔުނިޓްތައް އޮޕަރޭޓްކުރުމުގައި އަމަލުކުރަންވީ އެންމެ ފުރިހަމަ ގޮތްތަކާއި، ސެކިއުރިޓީ ނިޒާމް ދެމެހެއްޓުމުގައި އަމަލުކުރަންވީ ގޮތްތަކާއި، ޤައިދީންނަށް ދެވޭ އިނާޔަތްތަކާއި އަދި ޤައިދީންނަށް އިނާޔަތްތައް ދިނުމުގައި ޢަމަލުކުރައްޖެހޭ ގޮތްތަކާއި، ޔުނިޓްތަކުގައި ޑިއުޓީކުރާ އޮފިސަރުން މެނޭޖްކުރާނެ ގޮތާއި، ޤަނޫނީ ގޮތުން ޤައިދީންނަށް ލިބިދޭ ހައްޤުތައް ކިޔަވައި ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެމެޖެންސީ ހާލަތްތަކުގައި އަމަލުކުރާނެ ގޮތާއި ޤާނޫނީ ގޮތުން އޮފިސަރުންނަށް ލިބިދޭ ބާރުތަކާއި، ބާރުގެ ބޭނުންކުރާނެ ގޮތްތައްވެސް މި ކޯހުގައި ކިޔަވައިދެއްވާނެކަމަށް “އައިކޯސްޓް” އިން މައުލުމާތު ދެއްވައެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން މަޢުލޫމާތު ދޭ ގޮތުގައި ސެޓްފިކެޓް 2 އިން ކަސްޓޯޑިއަލް ސުޕަރވިޝަން ކޯހުގެ ފުރަތަމަ ބެޗް މިހާރުވެސް މާފުށީ ޖަލުގައި ކުރިއަށް އެބަދެއެވެ. އަދި ސެޓްފިކެޓް 3 އިން ކަސްޓޯޑިއަލް ސުފަރވިޝަން ކޯސް ހިންގަން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކި.އުއޭ.) އިން ހުއްދަ ލިބި، މި ކޯސް ހިންގުމަށް މިހާރު ދަނީ ތައްޔާރިތައް ވަމުންނެވެ.