އިމަޖެންސީ ސަޕޯރޓް ގްރޫޕް އިން މާލޭ ޖަލުގެ ސެކިއުރިޓީ އެސެސްމަންޓް ހަދައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އިމަޖެންސީ ސަޕޯރޓް ގްރޫޕް (އީ.އެސް.ޖީ) ގެ ފަރާތުން މާލޭ ޖަލުގެ ސެކިއުރިޓީ އެސެސްމަންޓް ހަދައިފިއެވެ. މި އެސެސްމަންޓްގެ ކަންތައްތައް ކުރިއަށްގެންދިޔައީ މި މަހުގެ 16 އިން 22 އަށެވެ.

އީ.އެސް.ޖީ ގެ ކޮމާންޑިންގ އޮފިސަރ ޗީފް ޕްރިޒަން އޮފިސަރ އަބްދުލް ޣަނީ ވިދާޅުވީ މި އެސެސްމަންޓަކީ އީ.އެސް.ޖީގެ އަހަރީ އެކްޓިވިޓީ ކަލަންޑަރުގައި ހިމަނައިގެން ކުރިއަށް ގެންދާ ކަމެއްކަމަށެވެ. އަދި މާލޭ ޖަލުގެ ސެކިއުރިޓީ ދިރާސާކޮށް އެކަމާ ގުޅޭގޮތުން ރިޕޯޓް ތައްޔާރުކޮށް، ޖަލުގައި ރަނގަޅު ކުރަންހުރި ކަންކަން ފާހަގަކޮށް އެކަންކަން ރަނގަޅުކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅުއްވަން މަސައްކަތް ކުރައްވާނެކަމަށްވެސް ޗީފް ޕްރިޒަން އޮފިސަރ އަބްދުލް ޣަނީ ވިދާޅުވިއެވެ.

ESG at MAle' Prison 2

މި އެސެސްމެންޓް ހެދުމުގައި އެއްވެސް ކަމެއްގައި އިމަޖެންސީ ސަޕޯރޓް ގްރޫޕްއިން ހަރަކާތްތެރިވާންޖެހޭ ހާލަތްތަކުގައި އެކަމަށް ތައްޔާރުކޮށްފައިވާ ޕްލޭން ވަނީ އިތުރަށް ދިރާސާކޮށް، އިސްލާހު ގެނެވިފައެވެ. އަދި މާލޭ ޖަލުގައި “ޕްރައިމަރީ ރެސްޕޮންސް ޓީމް ޓްރެއިނިންގ” (ޕީ.އާރ.ޓީ.ޓީ) ހަދާފައިތިބި އޮފިސަރުންނަށް ރިފްރެޝަރ ޓްރެއިނިންގ ކުރިއަށްގެންގޮސް، މާލޭ ޖަލުގެ ހުރިހާ އޮފިސަރުން ހިމެނޭ ގޮތަށް ސިނާރިއޯ ތަކެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ޗީފް ޕްރިޒަން އޮފިސަރ އަބްދުލް ޣަނީ އިތުރަށް ވިދާޅުވީ ކޮންމެ މަހަކުވެސް ކޮންމެވެސް ޖަލަކަށް ޒިޔާރަތްކޮށް، އެޖަލެއްގެ ސެކިއުރިޓީ ކަންތައްތައް މޮނީޓަރ ކުރައްވަމުން ގެންދަވާ ކަމަށާއި އަދި ރަނގަޅު ކުރަންހުރި ކަންތައްތައް ފާހަގަކޮށް، ރަނގަޅު ކުރައްވަން މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ.